މޯދީއަށް މަލާމާތް ކުރި މައްސަލައިގައި ޑެޕިއުޓީ މިނިސްޓަރުން ޝިއުނާ، މަލްޝާ އަދި މަހުޒޫމް ސަސްޕެންޑުކޮށްފި

Jan 7, 2024, 11:23 AM
މަހުޒޫމް، ޝިއުނާ އަދި މަލްޝާ: ތިން ބޭފުޅުން ވެސް މަސައްކަތް ކުރައްވަނީ ޔޫތު މިނިސްޓްރީގައި.

މަހުޒޫމް، ޝިއުނާ އަދި މަލްޝާ: ތިން ބޭފުޅުން ވެސް މަސައްކަތް ކުރައްވަނީ ޔޫތު މިނިސްޓްރީގައި.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަލާމާތްކޮށް ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ވާހަކަ ދައްކަވާފައިވާތީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި މަހުޒޫމް މާޖިދު މަގާމުން ސަސްޕެންޑުކޮށްފި އެވެ.

މޯދީއަށް މަލާމާތްކޮށް ވާހަކަ ދެއްކި މައްސަލައިގައި ތިން ޑެޕިއުޓީ މިނިސްޓަރަކު ސަސްޕެންޑު ކުރިކަން ސަރުކާރުގެ އިސް އޮފިޝަލަކު "އަދަދު" އަށް ވަނީ ޔަގީންކޮށްދީފަ އެވެ.

ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރުން ސަސްޕެންޑު ކުރިއިރު، އިންޑިއާގެ ފިލްމީ ތަރިން ހިމެނޭ ގޮތަށް ރާއްޖޭގެ ޓޫރިޒަމާ ދެކޮޅަށް އަންނަނީ ކެމްޕެއިނެއް ކުރަމުންނެވެ. އެ މައްސަލަގަނޑު އުފެދުނީ ލަކްޝަދީޕް ޕްރޮމޯޓުކޮށް މޯދީ އެކްސްގައި ޕޯސްޓެއް ކުރުމުން އެކަމާ ދެކޮޅަށް، މިއަދު ސަސްޕެންޑު ކުރި ޑެޕިއުޓީ މިނިސްޓަރުން ހިމެނޭ ގޮތަށް ގިނަ ބަޔަކު މަލާމާތްކޮށް ފުރައްސާރަ ކުރަން ފެށުމުންނެވެ.

ރާއްޖެއަށް އައުމުގެ ބަދަލުގައި ލަކްޝަދީޕު ހިޔާރު ކުރުމަށް ގޮވާލައި އިންޑިއާގެ މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ އަކްޝޭ ކުމާރާއި ސަލްމާން ހާން އާއި ޝްރަދާ ކަޕޫރާއި ޖޯން އަބްރަހަމާއި ޓައިގާ ޝްރޮފް އެކްސްގައި ޕޯސްޓު ކުރި އެވެ. އަދި މުޅި ދުނިޔެއަށް ވެސް މަޝްހޫރު ކްރިކެޓު ތަރި ސަޗިން ޓެންޑުލްކާ ވެސް ވަނީ އެފަދަ ޕޯސްޓެއް ކޮށްފަ އެވެ.

އިންޑިއާ އަދި އެ ގައުމުގެ ބޮޑުވަޒީރަށް ފުރައްސާރަ އާއި މަލާމާތް ކުރުމުން ކުރިމަތިވަމުންދާ ޕްރެޝަރުތަކާ ހެދި ފަތުރުވެރިކަމުގެ އިންޑަސްޓްރީން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި ޓްރެވަލް އެޖެންޓުގެ ޖަމިއްޔާ މަޓާޓޯ ވެސް ހިމެނެ އެވެ. މޯދީއަށް މަލާމާތް ކުރުން ރާއްޖޭގެ ފޮރިން މިނިސްޓްރީން ވެސް ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.

"މި ހިޔާލުތަކަކީ އަމިއްލަ ހިޔާލުތަކެއް, އެއީ ދިވެހި ސަރުކާރުގެ ވިސްނުން ރަމްޒުކޮށްދޭ ހިޔާލުތަކެއް ނޫން ކަމަށް," އިނގިރޭސި ބަހުން ސަރުކާރުން ނެރުނު ސްޓޭޓްމަންޓެއްގައި ބުނެފައިވެ އެވެ.

މޯދީއަށް މަލާމާތް ކުރުމުން ރާއްޖޭގެ ސިޔާސީ ބޭފުޅުން ވެސް ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. އޭގެ ތެރޭގައި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްއާރްއެމްގެ ލީޑަރު ފާރިސް މައުމޫން ހިމެނިވަޑައިގަންނަވަ އެވެ.

"މި ކޮމެންޓުތަކާ ރައީސް މުއިއްޒުގެ ސަރުކާރުން ދުރުވާން ޖެހޭ އަދި މިއީ ސަރުކާރުގެ ސިޔާސަތެއް ނޫންކަން ސާފުކޮށް އިންޑިއާއަށް އަންގައިދޭން ޖެހޭ," ނަޝީދު ވިދާޅުވި އެވެ.

titledesc

ކޮމެންޓް

ފަހުގެ ޚަބަރު

ނާޒިމްގެ ތުހުމަތާ ގުޅިގެން ޖަވާބުދާރީވާން އިންޑިއާއިން އަންގައިފި

މިކަމާ ގުޅިގެން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ވަނީ ރާއްޖޭގެ ހައިކޮމިޝަނަށް ސިޓީއެއް ފޮނުވައިފައެވެ. ނާޒިމްގެ މި ވާހަކަތައް ހާމަވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގެ އޯޑިއޯ ލީކުވުމާ ގުޅިގެންނެވެ.

ސުޕްރީމް ކޯޓަށް ސަމީރު އައްޔަނުކުރަން މަޖިލީހުގެ ރުހުން

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު އިއްތިފާގުން ފާސްކޮށްފިއެވެ. ސަމީރު މި މަގާމަށް އައްޔަނުކުރަން ނިންމީ ފަނޑިޔާރު އަލީ ރަޝީދު ހުސައިން ރިޓަޔާ ކުރައްވާތީ ހުސްވާ މަގާމަށެވެ.

ގދ. ވާދޫގައި ހުންނަ އޭޓީއެމްއަށް ގެއްލުންދިން މައްސަލައެއް

ގދ. ވާދޫގައި ހުންނަ އޭޓީއެމްއަށް ގެއްލުންދީ، އެ ބޭނުންނުކުރެވޭ ވަރަށް ހަލާކުކޮށްލާފައިވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. ލަފާކުރެވޭ ގޮތުގައި މިއީ އޭޓީއެމް ފަޅާލައިގެން ފައިސާ ނަގަން ކުރި މަސައްކަތެއް ނަމަވެސް، އެއްވެސް ފައިސާއެއް ގެއްލިފައި ނުވާކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

"މުއިއްޒު ސަރުކާރުން ދަނީ ރައްޔިތުންނަށް ވަޒީފާގެ ބިރު ދައްކަމުން

ރައީސް މުއިއްޒުގެ ސަރުކާރުން ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ސީދާކޮށްނާއި ނުސީދާކޮށް ވަޒީފާގެ ބިރުދައްކަމުންދާ ކަމަށް މެންބަރު ހުސައިން ޒިޔާދު ތުހުމަތުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ވެމްކޯ އާއި ފެނަކަ ފަދަ ކުންފުނިތަކުގެ މުވައްޒަފުންގެ އިތުރުން، މަޖިލިސް މެންބަރުންވެސް މިއަދު ތިއްބެވީ ސަރުކާރުގެ ބިރުވެރިކަމެއްގެ ތެރޭގައެވެ.

ސީއެސްސީގެ އަށްވަނަ ބައްދަލުވުން ރާއްޖޭގައި ބާއްވައިފި

ރާއްޖެއާއި އިންޑިއާ ހިމެނޭހެން މެންބަރު ގައުމުތަކުގެ އިސްވެރިން ބައިވެރިވި މި ބައްދަލުވުމުގައި، ކަނޑުގެ ސަލާމަތާއި ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ.

މަޖިލީހުގެ ތިންވަނަ ދައުަރު ދަންމާލަން ފާސްކޮށްފި

ރަސްމާލެ މަޝްރޫއާ ގުޅޭ ބިލުތަކާއި އެހެނިހެން މުހިންމު ބިލުތަކުގެ މަސައްކަތް ނިންމުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރު ޑިސެމްބަރު 15 ގެ ނިޔަލަށް ދަންމާލަން މިއަދު ފާސްކޮށްފި އެވެ.

10 އަހަރު ތެރޭ ދުވަސްނުފުރާ އުފަންވި 41 ކުދިން ސަލާމަތްކޮށްފި

ވޭތުވެދިޔަ 10 އަހަރު ތެރޭގައި މާބަނޑުވިތާ 23 ހަފުތާއާއި 26 ހަފުތާއާ ދެމެދު ދުވަސްނުފުރާ އުފަންވި 41 ކުދިންގެ ފުރާނަ އައިޖީއެމްއެޗްގެ އެންއައިސީޔޫއިން ވަނީ ސަލާމަތްކޮށްފައެވެ. މީގެ ތެރޭގައި އެންމެ 500 ގްރާމްގެ ބަރުދަނުގައި އުފަންވި ކުދިން ހިމެނޭއިރު، މިއީ އެ ހޮސްޕިޓަލުގެ ފަރުވާގެ ފެންވަރު ރަނގަޅުވަމުންދާކަން ހާމަކޮށްދޭ ތަފާސްހިސާބުތަކެކެވެ. އައިޖީއެމްއެޗުން ބުނިގޮތުގައި މިފަދަ ކުދިން ސަލާމަތްކުރުމުގައި އިންފެކްޝަނުން ރައްކާތެރިކުރުމާއި، ރަނގަޅު ކާނާ އަދި ގަވާއިދުން ފޮލޯއަޕް ހެދުން ނުހަނު މުހިންމެވެ.

Newsletter

Get the latest news delivered straight to your inbox