ސަރުކާރުގެ އޮފިޝަލުން ރަސްމީ އެކައުންޓްތަކުން މޯދީއަށް މަލާމާތް ކުރުމުން ފާޑުކިޔުން އަމާޒުވެއްޖެ

ރައީސް ޑރ. މުހައްމަދު މުއިއްޒު އަރިހުގައި ޑެޕިއުޓީ ޔޫތު މިނިސްޓަރުން، މަރިޔަމް ޝިއުނާ އާއި މަލްޝާ ޝަރީފް: ސަރުކާރުގެ އިސް އޮފިޝަލުންތަކެއް މޯދީއަށް މަލާމާތްކޮށް ހަޖޫ ޖެހުމުން އާންމުން ވެސް އަންނަނީ ނުރުހުން ފާޅުކުރަމުން --- ފޮޓޯ

ރައީސް ޑރ. މުހައްމަދު މުއިއްޒު އަރިހުގައި ޑެޕިއުޓީ ޔޫތު މިނިސްޓަރުން، މަރިޔަމް ޝިއުނާ އާއި މަލްޝާ ޝަރީފް: ސަރުކާރުގެ އިސް އޮފިޝަލުންތަކެއް މޯދީއަށް މަލާމާތްކޮށް ހަޖޫ ޖެހުމުން އާންމުން ވެސް އަންނަނީ ނުރުހުން ފާޅުކުރަމުން --- ފޮޓޯ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ މަގާމުތަކަށް އައްޔަނުކުރައްވާފައިވާ ބައެއް ސީނިއާ އޮފިޝަލުން އަވައްޓެރި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ސޯޝަލް މީޑިއާގައި މަލާމާތްކުރުމާ ގުޅިގެން ފިޔަވަޅު އެޅުމަށް ގޮވާލާ އަޑުތައް ގަދަވެއްޖެ އެވެ.

އެކްސްގައި ދިވެހި ސަރުކާރުގެ އޮފިޝަލުންނާއި އިންޑިއާގެ ބައެއް ރައްޔިތުންނާއި ޓްރޯލް އެކައުންޓްތަކުގެ މެދުގައި ހޫނު ބަހުގެ ހަމަލާތަކެއް އަންނަނީ ބަދަލުކުރަމުންނެވެ. މިިކަމެއް ފެށުނީ ލަކްޝްދީބުގެ ޓޫރިޒަމް ޕްރޮމޯޓު ކުރުމަށް މޯދީ އާންމުކުރެއްވި ވީޑިއޯއަކާ އެކު އެވެ.

އެއަށްފަހު, އިންޑިއާގެ ޕޮލިޓިކަލް ކޮމެންޓްރީ ގެނެސްދޭ އެކައުންޓަކުން މޯދީގެ މި ވީޑިއޯ ސިފަކޮށްފައި ވަނީ ރާއްޖޭގެ ޓޫރިޒަމަށް އޮތް ހުރަހެއްގެ ގޮތުގަ އެވެ. އަދި, މިހާރު ރާއްޖޭގައި އޮތް ސަރުކާރަކީ "ޗައިނާގެ ޕަޕެޓް ސަރުކާރެއް" ކަމަށާއި އެ ވީޑިއޯގެ ސަބަބުން ލަކްޝްދީބަށް ޓޫރިސްޓުން އަންނަ ވަރު އިތުރުވާނެ ކަމަށް "މިސްޓާ ސިންހާ" ނަމަކަށް ކިޔާ އެކައުންޓުން ބުނެފައިވެ އެވެ.

އެއާއެކު ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި އޮފިޝަލުން ވަނީ ސަރުކާރުގެ ދިފާއުގައި އެކްސްގައި ރައްދު ދީފަ އެވެ. އެކްސްގައި ވެރިފައިކޮށްފައި ހުރި ސަރުކާރުގެ އިސް އޮފިޝަލުންގެ އެކައުންޓުތައް މެދުވެރިކޮށް ބައެއް ބޭފުޅުން ވަނީ މޯދީއަށް މަލާމާތްކޮށް ހުތުރު ބަހުން މުހާތަބު ކޮށްފައިވެ އެވެ. އޭގެ ތެރޭގައި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަރިޔަމް ޝިއުނާ އާއި މަލްޝާ ޝަރީފް ހިމެނެ އެވެ.

މިހާރު ޑިލީޓްކޮށްފައިވާ ޓްވީޓެއްގައި ޝިއުނާ ވަނީ މޯދީއަކީ "ޖޯކަރެއް" ކަމަށާއި "އިޒްރޭލުގެ ޕަޕެޓް" އެއް ކަމަށް ސިފަކޮށްފަ އެވެ. އިންޑިއާގެ އެކައުންޓްތަކުން ވެސް ފާހަގަކުރަމުންދަނީ ސަރުކާރުގެ އޮފިޝަލެއްގެ ރަސްމީ އެކައުންޓުން މިފަދަ ޓްވީޓުތަކެއް ކުރުމަކީ ދެ ގައުމުގެ މެދުގައި އޮތް ގުޅުމަށް އެއްވެސް ވަރަކަށް ބެލުމެއް ނެތި ކޮށްފައިވާ ކޮމެންޓްތަކެއް ކަމަށް ބުނަމުންނެވެ.

އެކަމާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ސަލާމާތާއި ރައްކާތެރިކަމަށް އެހާ މުހިންމު އެކުވެރި ގައުމެއްގެ ލީޑަރަކާ ދެކޮޅަށް އެފަދަ ބަސްތަކެއް ބޭނުންކުރުމަކީ މުޑުދާރު އަމަލެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.

"މި ކޮމެންޓުތަކާ ރައީސް މުއިއްޒުގެ ސަރުކާރުން ދުރުވާން ޖެހޭ އަދި މިއީ ސަރުކާރުގެ ސިޔާސަތެއް ނޫންކަން ސާފުކޮށް އިންޑިއާއަށް އަންގައިދޭން ޖެހޭ," ނަޝީދު ވިދާޅުވި އެވެ.

އަވައްޓެރި އެކުވެރި ގައުމުތަކުގެ ލީޑަރުންނާއި ސީނިއާ އޮފިޝަލުންނާ ދެކޮޅަށް އިހުތިރާމް ކުޑަކުރާ ސަރުކާރުގެ ބޭފުޅުންނާ ދެކޮޅަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް އެމްއާރުއެމްގެ ލީޑަރު އަދި މަޖިލީހުގެ ކުރީގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ވެސް ވަނީ ވިދާޅުވެފަ އެވެ.

"އެފަދަ ކަންކަމާ ދެކޮޅަށް ފިޔަވަޅު ނާޅައިފިނަމަ, އެފަދަ އިހުތިރާމު ގެއްލޭ ކޮމެންޓުތަކަކީ ސަރުކާރުން ހިތްވަރު ދީގެން ކުރަމުންދާ ކަމެއްކަމަށް ބެލުމުގެ ފުރުސަތު އެބައޮތް," އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފާރިސް ވިދާޅުވެފައިވެ އެވެ.

ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި މުހިންމު ރޯލެއް އަދާކުރަމުންދާ ބޯޓިން އެސޯސިއޭޝަންގެ ރައީސް އިސްމާއީލް ހަމީދު (ހައިރައިސް އިއްސޭ) ވެސް ވަނީ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ތަމްސީލުކުރައްވަނީ ގައުމު ކަމަށާއި ޕްރޮފެޝަނަލްކަން ދަމަހައްޓަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އޭނާ މި އަމަލު ސިފަކުރެއްވީ ގައުމަށް ބޮޑު ހުތުރެއްގެ ގޮތުގަ އެވެ.

މިދިޔަ ސަރުކާރުގައި ހެރިޓޭޖު މިނިސްޓަރުގެ ޖަގާމު ފުރުއްވި ޔުމްނާ މައުމޫން ވެސް ވަނީ ދައުލަތުގެ މަގާމުތައް ފުރުއްވާ ބޭފުޅުން ދައްކަވާ ވާހަކަތަކާ ގުޅިގެން ނުރަނގަޅު އަސަރުތަކެއް ކޮށްފާނެކަން ދަންނަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވެފަ އެވެ.

ކްލައިމެޓް އެންވޯއިގެ މަގާމުގައި ކުރިން ހުންނެވި ސަބްރާ ނޫރައްދީން ވެސް ވަނީ ސަރުކާރުގެ އޮފިޝަލުން އަމަލުކޮށްފައި ވަނީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކަމަށް ވިދާޅުވެފަ އެވެ. އެއީ ނުރައްކާތެރި ސިޔާސީ ގޭމެއް ކަމަށް ސިފަކޮށް ސަބްރާ ވަނީ އެއީ ޕޮއިންޓް ޖެހުމަށް ކުރި ކަމެއް ކަމަށް ވިދާޅުވެފަ އެވެ.

މި ބޭފުޅުންގެ އިތުރުން ވެސް ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ސަރުކާރުގެ ޒިންމާދާރު އިސް މަގާމުތަކެއްގައި ތިއްބެވި ބޭފުޅުން އަމަލުކޮށްފައިވާ ގޮތަށް ފާޑުކިޔަމުންނެވެ. އަދި, ވެރިފައި ކޮށްފައިވާ އެކައުންޓަކުން އިންޑިއާގެ ބޮޑުވަޒީރަށް މަލާމާތްކޮށްފައިވާތީ ޝިއުނާގެ އިސްތިއުފާއަށް ވެސް އަންނަނީ ގޮވާލަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox