ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ކަންކަން ބެލެހެއްޓުމަށާއި ސަލާމަތީ ހިދުމަތްތަކުން ބޭނުންކުރަން ރާއްޖެއަށް އެތެރެކުރާ ތަކެތިން އިމްޕޯޓު ޑިއުޓީ ކަނޑާލުމުގެ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ގޮތަށް އިމްޕޯޓު ޑިއުޓީ މާފުކުރުމުގެ އުސޫލު އިސްލާހުކޮށްފި އެވެ.
ރައީސް އޮފީހުން އިއްޔެ ގެޒެޓުކުރި އެކްސްޕޯޓު އިމްޕޯޓު ގާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހުތިޔާރުގެ ދަށުން ޑިއުޓީ މާފުކުރުމާ ގުޅޭ އުސޫލުގައި މިގޮތަށް ހިމެނި ނަމަވެސް، ހަތިޔާރާއި ވަޒަނާއި އެ އެއްޗެހީގެ ބައިތަކާއި އެ އެއްޗެއްސާ ގުޅޭ ބައިތަކުން އަދިވެސް 35 ޕަސެންޓުގައި ޑިއުޓީ ނަގާނެ އެވެ. ރައީސްއަށް ޑިއުޓީ މާފުކުރުމުގެ އިހުތިޔާރު ލިބެނީ އެ ނޫން ބާވަތްތަކުންނެވެ.
އެ އުސޫލަށް ގެނެސްފައިވާ އަނެއް އިސްލާހަކީ އިގުތިސޯދީ ގޮތުން ބޭނުންތެރި މަސައްކަތަށް ގެނެވޭ ތަކެތީގެ ޑިއުޓީ މާފުކުރެވޭ މުއްދަތަށް ގެނައި ބަދަލެވެ.
ކުރިން އުސޫލުގައި ވަނީ އަލަށް ފަށާ އިގުތިސޯދީ މަސައްކަތެއް ނަމަ، އެ މަސައްކަތަށް ގެނެވޭ ތަކެެއްޗަށް އިންވެސްޓްމަންޓް ގާއިމްކުރެވެންދެން ނުވަތަ، ގިނަވެގެން ތިން އަހަރު ދުވަހުގެ މުއްދަތަށް ޑިއުޓީ މާފުކުރެެވޭނެ ކަމަށެވެ. އާ އުސޫލުގައި ވަނީ ތިން އަހަރުގެ މުއްދަތުގެ ބައި ކަނޑާލައި، ހަމައެކަނި އިންވެސްޓްމަންޓް ގާއިމްކުރެވެންދެން ޑިއުޓީ މާފުކުރެވޭ ގޮތަށެވެ.












