މާލޭގެ މަގުތައް ހަދަން ސަތޭކަ މިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގަންޖެހޭ: މިނިސްޓަރު މުއްތަލިބު

މާލޭގެ މަގުތައް ހަދަން ސަތޭކަ މިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގަންޖެހޭ: މިނިސްޓަރު މުއްތަލިބު

ފެންބޮޑުވުމުގެ މައްސަލަ ހައްލު ކުރުމަށް މުޅި މާލޭގެ ހުރިހާ މަގުތަކެއ ހެދުމަށް ސަތޭކަ އެތައް މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ހިންގަންޖެހޭ ކަމަށް އިފްރާސްޓްރަކްޗާ މިނިސްޓަރު، އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއްތަލިބު ވިދާޅުވީ މާލޭގެ ފެންބޮޑުވުމުގެ މައްސަލައަށް އޮތް ދާއިމީ ހައްލަކީ މާލޭގެ ހުރިހާ މަގުތަކެއް ޒަމާނީ ފެންވަރަށް ހެދުން ކަމަށެވެ.

"ފެނާއި ނަރުދަމާ އާއި ކަރަންޓާއި މި ހުރިހާ އެއްޗެއް ވެސް އަޕްގުރޭޑު ކުރުން ހިމެނިގެން އެ މަގުތައް ހެދިގެން ދާނީ އެއާއެއްކޮށް ސްޓޯމް ވޯޓާއާއި ފަޔާ ހައިޑްރެންޓާއި މި ހުރިހާ އެއްޗެއް ވެސް ލެވިގެން ދަނީ، އެއީ ވަރަށް ބޮޑު ޕްރޮޖެކްޓެއް، ހަރަދުގެ ގޮތުން ވެސް ވަރަށް ބޮޑު ވާނެ، އަޅުގަނޑުމެން އެސްޓިމޭޓު ކޮށްފައި އޮތް ގޮތުން ވެއްޖެއްޔާ 100 އެތައް މިލިއަން ޑޮލަރެއް ދާނެ އެ މަޝްރޫއަށް،" މުއްތަލިބު ވިދާޅުވި އެވެ.

އެ މަޝްރޫއުއަކީ މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް މުއްތަލިބު ވިދާޅުވި އެވެ.

ފެންބޮޑުވުމުގެ މައްސަލައަށް އޮތް ދާއިމީ ހައްލަކީ ހުރިހާ މަގުތަކެއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުން ކަމުގައިވިޔަސް މިހާރުން މިހާރަށް ގެންނަންޖެހޭ ވަގުތީ ހައްލުތައް ގެނެސް ފެން ބޮޑުވުމުން ލިބޭ ގެއްލުން ކުޑަކުރުމަށް މަސައްކަތްތަކެއް ކުރަން ނިންމަވާފައި ވާކަމަށް މުއްތަލިބު ވިދާޅުވި އެވެ.

ފެން ބޮޑުވުމުގެ މައްސަލަ ހައްލުކުރަން ވަގުތީ ފިޔަވަޅުތަކެއް

މާލޭގައި ފެން ބޮޑުވުމުގެ މައްސަލައަކީ ކުރީގެ ހުރިހާ ސަރުކާރަކުން ވެސް ހައްލު ކުރަން މަސައްކަތްތަކެއް ކޮށްފައިވާ މައްސަލައެއްކަން ފާހަގަކުރައްވައި މުއްތަލިބު ވިދާޅުވީ އެކަން ހައްލު ނުވެ އޮތީ ކުރިން މަގުތައް ތަރައްގީ ކުރިއިރު، އެކަށީގެންވާ ވަރުގެ ފެން ހިންދުމުގެ ނިޒާމެއް މާލޭގައި ގާއިމު ކުރެވިފައި ނުވާތީ ކަމަށެވެ.

"އެކަން ހައްލު ކުރުމަށްޓަކައި މިހާރު އަޅުގަނޑުމެން، އަމީނީ މަގު ހެދިގެން ދާއިރުގައި ކެޕޭސިޓީ އިތުރު ކޮށްގެން މަސައްކަތް ކުރަމުން އެދަނީ، އިރާދަކުރެއްވިއްޔާ އޭގެ ޕަންޕުތައް ވެސް، މިހާރު ހުރި ޕަންޕުތައް ބޮޑު ކުރެވިގެން ދާނީ ހޮޅިތައް ވެސް އަލަށް އެޅިގެން މިދަނީ ބޮޑު ހޮޅިތަކެއް އެހެންވީމާ އަމީނީ މަގުގެ ހައްލު އަޅުގަނޑުމެންނަށް ލިބިގެން ދާނެ މި ސިސްޓަމް ނިމިގެން ދިޔައީމާ،" މުއްތަލިބު ވިދާޅުވި އެވެ.

ނަމަވެސް އަމީނީ މަގުގައި ބަހައްޓާ ޕަންޕު ސިސްޓަމްތައް އަދި ރާއްޖެ ނުގެނެވޭ ކަމަށާއި ވީހައިވެސް އަވަހަކަށް އެ ޕަންޕުތައް ރާއްޖެ ގެނައުމުގެ މަސައްކަތް މަގު ހެދުމުގެ މަސައްކަތް ކުރަމުންދާ އާރުޑީސީއާ ގުޅިގެން ކުރަމުންދާ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.

މުއްތަލިބު ވިދާޅުވީ އަމީނީ މަގުގެ މަސައްކަތް އެއްކޮށް ނިންމާލުމުން އެ ސަރަހައްދުގައި ފެންބޮޑުވުމުގެ މައްސަލައަށް ހައްލު ލިބޭނެ ކަމަށެވެ. އަމީނީ މަގުގެ މަސައްކަތް ނިންމައިލުމަށްފަހު ދެން އެންމެ ބޮޑަށް ފެންބޮޑުވާ ކަނބާ އައިސާ ރަނި ހިނގުން ހެދުމުގެ މަސައްކަތް ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކަނބާ އައިސާ ރަނި ހިނގުން ތަރައްގީކޮށް ހުޅުވިއިރު އެމަގުގައި ގާއިމުކޮށްފައި ހުރީ އެންމެ ޕަންޕު ސިސްޓަމެއް ކަމަށާއި މިދިޔަ އާދީއްތަ ދުވަހު މާލެއަށް ކުރި ވިއްސާރައިގައި ފެން ބޮޑުވިއިރު ވެސް އެ ޕަންޕު ސިސްޓަމް ޖެހެމުންދިޔަ ކަމަށް މުއްތަލިބު ވިދާޅުވި އެވެ. ނަމަވެސް އެ ޕަންޕުން އެކަނި އެ ސަރަހައްދު ފެން ބޮޑުވިޔަ ނުދީ ހިންދާ ނުލެވުނީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑުމެން މި މަސައްކަތް ކުރަނީ އަމީނީ މަގު ނިމިގެން ކަނބާ އައިސާ ރަނި ހިނގުން އެއްކޮށް ފަށަން، އަލުން ތާރު އަޅާފައި، ފަށާއިރުގައި އަލަށް ހޮޅިތައް އެޅިގެން ދާނެ،" މުއްތަލިބު ވިދާޅުވިވި އެވެ.

އެ މަގު ތަރައްގީ ކުރާއިރު، ހަވީރީ ހިނގުމުން އެ ތަނަށް ޖަމާވާ ފެނުގެ މައްސަލަ ހައްލު ކުރުމަށް އިތުރު ޕަންޕު ސްޓޭޝަނެއް ބަހައްޓަން ޖެހޭ ނަމަ އެކަން ވެސް ކުރާނެ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.

އޭގެއިތުރުން އަމީނީ މަގުގެ އިރުމަތީ ފަރާތުން، ދަރުބާރުގެ ކައިރީގައި ފެންބޮޑުވާ މައްސަލަ ހައްލު ކުރަން އެމަގު ފެންފަހި ކުރަން ނިންމާފައި ވާކަމަށް ވެސް މުއްތަލިބު ވިދާޅުވި އެވެ. ނަމަވެސް އެ މަސައްކަތް ސީދާ ފެށޭނެ ދުވަހެއް އަދި ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންނަމަވެސް ވަގުތީ ގޮތުން އެކަމަށް ހައްލެއް ހޯދުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް އެނާ ވިދާޅުވި އެވެ.

އޭގެއިތުރުން ނަސަންދުރާ ސަރައްދުގައި ފެންބޮޑުވާ މައްސަލަ ވެސް ވަރަށް ބޮޑު ކަމަށް މުއްތަލިބު ވިދާޅުވި އެވެ. ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވީ އެ ސަރަހައްދުން މޫދަށް ފެން ބޭރުވާނެ ގޮތެއް ފަހިވެފައި ނެތުމާއި މަގުގެ ހާލަތު ދަށްވުން ކަމަށެވެ. އެ ސަރަހައްދުގައި ފެންބޮޑުވާ މައްސަލައަށް ވެސް ވަގުތީ ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.

ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ މައްސަލައަކީ މާލެއަށް ކުރިމަތިވެފައި އޮތް ޒަމާންވީ މައްސަލައެކެވެ. ފެންބޮޑުވުމުގެ އިތުރުން ވެސް މާލޭގެ މަގުތަކުގެ ފެންވަރު ދަށްވުމުގެ ސަބަބުން މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ގިނަ ދަތިތަކާ ކުރިމަތިލާންޖެހުމުގެ ޝަކުވާ އަބަދު ވެސް އޮވެ އެވެ.

ނަމަވެސް މިއަދާ ހަމައަށް ވެސް އެ މައްސަލައަށް އެއްވެސް ސަރުކާރަކަށް ދާއިމީ ހައްލެއް ހޯދައިދެވިފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox