ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ބޭރުގެ ސަފީރަކާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ދިގު ބައްދަލުވުމެއް އިއްޔެ ބޭއްވި ކަމަށް ވިދާޅުވެ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ތުހުމަތު ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވެސް ދޮގުކޮށްފި އެވެ.
އިދިކޮޅު އެމްޑީޕީގެ މެމްބަރުންތަކެއް، ވެރިކަން ކުރާ ޕާޓީ ޕީއެންސީއާ ގުޅުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަސްލަމް އާއި އެމްޑީޕީ އަށް ނިސްބަތްވާ މަޖިލީހުގެ ދެ މެމްބަރަކު، ހުޅުމާލެ އަމީން އެވަނިއުގައި ހަވީރުއްސުރެ ރޭގެ ވަގުތަކާ ހަމައަށް ސަފީރަކާއެކު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.
ނަމަވެސް އެއީ ކޮން ސަފީރެއްކަން ރައީސް ވިދާޅެއް ނުވެ އެވެ.
"އަޅުގަނޑު ވަރަށް ހިތާމަ ކުރަން މިރޭ މިހާރު މިތަނަށް އައި ގަޑީގައި ސޯޝަލް މީޑިއާގައި އެބަ އެނބުރޭ ފޮޓޯއެއް. އަޅުގަނޑު އުއްމީދު ކުރަން އެއީ ގައުމީ ވިސްނުމެއްގައި ބޭއްވި ބައްދަލުވުމެއް ކަމަށް. ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ އަދި މަޖިލީހުގެ ދެ މެމްބަރަކު ބޭރުގެ ސަފީރަކާ ވަރަށް ގިނަ ވަގުތު ހަވީރުން ފެށިގެން ރޭގަނޑު ވަންދެން ހުޅުމާލޭގައި ހުންނަ އަމީން އެވެނިއުގައި ކޮންމެވެސް ތަނެއްގައި ބައްދަލުކޮށްފަ ފައިބައިގެންދާ ތަނުގެ ފޮޓޯ،" އަސްލަމްގެ ބައްދަލުވުމާ ގުޅޭ ގޮތުން ރައީސް މުއިއްޒު ރޭ ވިދާޅުވި އެވެ.
އެ ތުހުމަތު އަސްލަމް ދޮގު ކުރައްވާފައި ވަނިކޮށް، ރޭ ދަންވަރު ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވެސް ބުނެފައި ވަނީ، މަޖިލީހުގެ ރައީސް އިއްޔެ ރަސްމީ އަދި ނުރަސްމީ ބައްދަލުވުމެއް ވެސް ސަފީރަކާއެކު އިއްޔެ ބާއްވާފައި ނުވާ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ ރައީސް, އޮނަރަބަލް މުހައްމަދު އަސްލަމް މިއަދު (އިއްޔެ) އެއްވެސް ގައުމެއްގެ ސަފީރަކާއެކު އެއްވެސް ބައްދަލުވުމެއް ބާއްވަވާފައެއް ނުވެ އެވެ. ރަސްމީ ބައްދަލުވުމެއްވެސް އަދި ނުރަސްމީ ބައްދަލުވުމެއްވެސް, އެއްވެސް ސަފީރަކާއެކު ބާއްވަވާފައިނުވާ ވާހަކަ ދަންނަވަމެވެ،" މަޖިލީހުގެ ޑިރެކްޓަރް އޮފް ކޮމިއުނިކޭޝަންސް ހަސަން ޒިޔާއު މަޖިލީހުގެ މީޑިއާ ގްރޫޕަށް ރޭ ޝެއާކުރި މެސެޖުގައިވެ އެވެ.
އެ ތުހުމަތާ ގުޅިގެން އަސްލަމް ރޭ ވިދާޅުވީ ރައީސް މުއިއްޒަށް އިންޓެލިޖެންސްއިން ދޮގު މައުލޫމާތު ދޭތީވެ އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ.













