އެހެން ގައުމަކުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރަކާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދު ބައްދަލުކޮށްފައިވާ ކަމަށް ވިދާޅުވެ ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ކަންބޮޑުވުން ފާޅުކުރެއްވި އިރު، އެ ތުހުމަތު ދޮގު ކުރައްވައި، ރައީސް އަށް ސައްހަ މައުލޫމާތު ލިބިވަޑައި ނުގަންނަވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އަސްލަމް ވިދާޅުވެއްޖެ އެވެ.
އިދިކޮޅު އެމްޑީޕީގެ 13 މެމްބަރަކު ވެރިކަން ކުރާ ޕާޓީ ޕީއެންސީއާ ގުޅުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ އަސްލަމް އާއި އެމްޑީޕީ އަށް ނިސްބަތްވާ މަޖިލީހުގެ ދެ މެމްބަރަކު، ހުޅުމާލެ އަމީން އެވަނިއުގައި ހަވީރުއްސުރެ މިރޭގެ ވަގުތަކާ ހަމައަށް ސަފީރަކާއެކު ބައްދަލުވުމެއް ބާއްވާފައި ކަމަށެވެ.
ނަމަވެސް އެއީ ކޮން ސަފީރެއް ކަމެއް ވިދާޅެއް ނުވެ އެވެ.
"އަޅުގަނޑު ވަރަށް ހިތާމަ ކުރަން މިރޭ މިހާރު މިތަނަށް އައި ގަޑީގައި ސޯޝަލް މީޑިއާގައި އެބަ އެނބުރޭ ފޮޓޯއެއް. އަޅުގަނޑު އުއްމީދު ކުރަން އެއީ ގައުމީ ވިސްނުމެއްގައި ބޭއްވި ބައްދަލުވުމެއް ކަމަށް. ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ އަދި މަޖިލީހުގެ ދެ މެމްބަރަކު ބޭރުގެ ސަފީރަކާ ވަރަށް ގިނަ ވަގުތު ހަވީރުން ފެށިގެން ރޭގަނޑު ވަންދެން ހުޅުމާލޭގައި ހުންނަ އަމީން އެވެނިއުގައި ކޮންމެވެސް ތަނެއްގައި ބައްދަލުކޮށްފަ ފައިބައިގެންދާ ތަނުގެ ފޮޓޯ،" އަސްލަމްގެ ބައްދަލުވުމާ ގުޅޭ ގޮތުން ރައީސް މުއިއްޒު ވިދާޅުވި އެވެ.
ސަރުކާރުގެ ބައެއް ވެރިންނާއި ރައީސް މުއިއްޒުގެ ބައެއް ސަޕޯޓަރުން ސޯޝަލް މީޑިއާގައި ދައުރުކުރިވި އެ ފޮޓޯއިން ފެންނަނީ އަސްލަމްގެ އިތުރުން ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު، އަމީން އެވެނިއު އޯކުން ނުކުންނަވާ މަންޒަރެވެ.

ރައީސް މުއިއްޒުގެ އެ ތުހުމަތު ދޮގުކުރައްވައި އަސްލަމް "އަދަދު" ނޫހަށް ވިދާޅުވީ އެފަދަ ބައްދަލުވުމެއް އެއްވެސް ސަފީރަކާއެކު ބާއްވާފައި ނުވާ ކަމަށެވެ.
"އަޅުގަނޑު އިންތިހާއަށް ކަންބޮޑުވޭ ރައީސް މުއިއްޒަށް ސައްހަ މައުލޫމާތު ނުދެއްވާތީ. އަޅުގަނޑު ސަފީރަކާ ބައްދަލެއް ނުކުރަން،" އަސްލަމް ވިދާޅުވި އެވެ.
ސަފީރަކާއެކު އަސްލަމް ބައްދަލުވުމެއް ބޭއްވި ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅު ކުރެއްވުމަށްފަހު ރައީސް ވިދާޅުވީ އެއީ ގައުމުގެ ހައްގުގައި ބޭއްވެވި ބައްދަލުވުމެއް ކަމަށް އެމަނިކުފާނު އުއްމީދު ކުރައްވާ ކަމަށެވެ.
"ގައުމު އިސްކުރުމަކީ އަޅުގަނޑު އުންމީދު ކުރަނީ އެ ބައްދަލުވުމުގަވެސް، މިއަދު މި ގައުމު އޮތް ހާލަތުގަ އަޅުގަނޑުމެން މި ކުރާ މަސައްކަތުގަ ބައިވެރިވެމާ ބެހޭ ބައްދަލުވުމެއް ކަމަށް،" ރައީސް ވިދާޅުވި އެވެ.
އެ ތުހުމަތުތަކަށްފަހު ރައީސް ވަނީ އެމްޑީޕީއަށް ރައްޔިތުންގެ އިތުބާރު ނެތް ކަަމަށާއި މިވަގުތު އެމަނިކުފާނަށް އެންމެ ރަނގަޅު ގޮތަކީ، ރައްޔިތުންގެ އިތުބާރު ނެތް ބައެއްގެ އިތުބާރު ނެތުން ކަމަށެވެ.
އަދަދު ނޫހަށް އެނގިފައިވާ ގޮތުގައި އަމީން އެވެނިއު އޯކުގައި ބޭރު ގައުމެއްގެ ސަފީރަކު ނޫޅުއްވަ އެވެ. ނަމަވެސް އެ އިމާރާތުގައި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ގެ އެޕާޓްމެންޓެއް ހުރެ އެވެ.














