ލަންޑަން (ޑިސެމްބަރު 27) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބާންލީ އަތުން 2-0 އިން މޮޅުވެ ލިވަޕޫލް ތާވަލްގެ އެއް ވަނަ އަށް ޖެހިލިއިރު، މެންޗެސްޓާ ޔުނައިޓެޑް ވަނީ ފަހަތުން އަރައި އެސްޓަން ވިލާ އަތުން 3-2 އިން މޮޅުވެފަ އެވެ.
ރަށުން ބޭރުގައި ރޭ ބާންލީ އަތުން ލިވަޕޫލް މޮޅުވިިއިރު، އެ ޓީމަށް ލަނޑު ޖަހައިދިނީ އުރުގުއޭގެ ފޯވަޑް ޑާވިޑް ނުނޭޒާއި ޑިއޯގޯ ޖޮޓާ އެވެ. މިއީ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހު އިނގިރޭސި ލީގު ކަޕްގައި ބޯންމަތު ކޮޅަށް ލަނޑު ޖެހި ފަހުން، ނުނޭޒް ލިވަޕޫލަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.
މެޗުގެ ފަހު މިނިޓުގައި ޖޮޓާ ލިވަޕޫލްގެ ދެވަނަ ލަނޑު ޖެހިއިރު، ޖޮޓާ މި މެޗަށް ނުކުތީ އަނިޔާގެ ސަބަބުން މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރުމަށްފަހު އެވެ. ލިވަޕޫލުން މި މެޗުގައި ޖެހި ދެ ގޯލެއް ވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީގެ އެހީގައި ބެލުމަށް ފަހު ބަލައިނުގަންނަން ނިންމައިފަ އެވެ.
ލިވަޕޫލް އެއް ވަނަ އަށް ޖެހިލީ 42 ޕޮއިންޓާ އެކު އެވެ. އެކަމަކު، ލީގުގައި މިރޭ ވެސްޓް ހޭމްއާ ދެކޮޅަށް ކުޅޭ މެޗުން އާސެނަލް މޮޅުވެއްޖެނަމަ، އެ ޓީމަށް އެއްވަނަ ލިބޭނެ އެވެ. އާސެނަލް ދެ ވަނައިގައި އޮތީ 40 ޕޮއިންޓާ އެކު އެވެ.
އަމިއްލަ ދަނޑުގައި ރޭ އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ވިލާ އިން ވަނީ ދެ ލަނޑުގެ ލީޑެއް ނަގައިފަ އެވެ. މެޗުގެ 21 ވަނަ މިނިޓުގައި އެ ޓީމަށް ލީޑު ހޯދައިދިނީ ޖޯން މެގިން އެވެ. އަދި އޭގެ ފަސް މިނިޓު ފަހުން އެ ޓީމުގެ ދެވަނަ ލަނޑު ޖެހީ ލެއަންޑޯ ޑެންޑޮންކާ އެވެ.
މެޗުގެ 59 ވަނަ މިނިޓުގައި ޔުނައިޓަޑްގެ އަލެހަންދުރޯ ގަނާޗޯ ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފަ އެވެ. އަދި މެޗުގެ 71 ވަނަ މިނިޓުގައި ގަނާޗޯ ވަނީ އިތުރު ލަނޑެއް ޖަހައި، މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ.
މެޗުގެ 82 ވަނަ މިނިޓުގައި ޔުނައިޓެޑްގެ ތިން ވަނަ ލަނޑު ޖެހީ ޑެންމާކްގެ ފޯވަޑް ރަސްމަސް ހޮއިލުންޑެ އެވެ. މިއީ މި ސީޒަންގައި ޔުނައިޓަޑަށް ބަދަލުވި ހޮއިލުންޑް ޕްރިމިއާ ލީގުގައި ޖެހި ފުރަތަމަ ލަނޑެވެ. އޭނާ ލީގުގައި ފުރަތަމަ ގޯލު ޖަހަން 15 މެޗު ހޭދަވި އެވެ.
ޔުނައިޓެޑަށް މިއީ ވަރަށް މުހިންމު މޮޅެކެވެ. މި މެޗުގެ ކުރިން އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި ޔުނައިޓަޑަށް މޮޅެއް ނުލިބެ އެވެ.
ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑް އަތުން 3-1 އިން ނޮޓިންހަމް ފޮރެސްޓް މޮޅުވިއިރު، ފުލަމް އަތުން ބޯންމަތު މޮޅުވީ 3-0 އިންނެވެ. ޝެފީލްޑް ޔުނައިޓަޑް އަތުން ލޫޓަން މޮޅުވީ 3-2 އިންނެވެ.












