ސަރުކާރުގެ އެންމެ ބޮޑު އެއް ކުންފުނި، އާބަންކޯގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ގެ މަގާމަށް އަހުމަދު އިބްރާހިމް (ޕޮކްމަން) އައްޔަނުކޮށްފި އެވެ.
ދިޔަރެސް ނޫހުގެ ކޯ ފައުންޑަރު އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު އިބްރާހިމް، އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވީ ޝަރުއީ ދާއިރާގަ އެވެ. އެ ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރައްވައިގެން ހުންނެވި އަހުމަދު، 10 އަހަރު ވަންދެން ކޯޓު އޮފިސަރެއްގެ ގޮތުގައި އުޅުއްވި އެވެ.
ހުޅުމާލޭ މެޖިސްޓްރޭޓު ކޯޓުގެ، ކޯޓު އޮފިސަރުގެ މަގާމުގައި ހުންނަވަނިކޮށް، ނޮވެމްބަރު 2021 ގައި އޭނާ ވަޒީފާއިން ވަކިކުރީ އޭރުގެ ސަރުކާރާ ދެކޮޅަށް ޓްވީޓު ކުރަމުން ގެންދިޔުމުގެ ސަބަބުންނެވެ.
އާބަންކޯގެ ސީއޯއޯ އަކަށް އަހުމަދު ހަމަޖެއްސުމަށް އެ ކުންފުނީގެ ބޯޑުން ނިންމީ އިއްޔެ އެވެ.
ގާނޫނީ ދާއިރާއިން އަހުމަދު ފުރަތަމަ ޑިގްރީ ހައްދަވާފައި ވާއިރު، ބިޒްނަސް މެނޭޖްމެންޓުން ޑިޕްލޮމާ ފުރިހަމަ ކުރައްވާފައިވެ އެވެ. ޝަރުއީ ދާއިރާގެ ޑިގްރީ ކޯހުގެ ދަސްވެނިވުން އޮންނާނީ އަންނަ އަހަރު އެވެ.










