ރާއްޖޭގައި އޮތް އެންމެ ދުވަސްވީ ދައުލަތުގެ ކުންފުންޏަކީ ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް އުފެއްދި ސްޓެލްކޯ އެވެ. އެންމެ 14 ކިލޯވޮޓުގެ އިންޖީނަކުން މަސައްކަތް ފެށި ކުންފުނީގެ ހިދުމަތް ފުޅާވަމުން އައިސް މިއަދު މާލޭ ސަރަހައްދުގައި އެކަނި ވެސް 122 މެގަވޮޓު އުފެއްދުމުގެ ގާބިލިއްޔަތުކަން ސްޓެލްކޯގައި އެބަހުއްޓެވެ. ނަމަވެސް, މާލޭ ސަރަހައްދުގެ އާބާދީ ފުޅާވެ ކަރަންޓަށް އޮންނަ ޑިމާންޑު އިތުރުވެފައިވާތީ، ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގައި އެ ކުންފުނިން އަންނަނީ ގިނަ ގޮންޖެހުންތަކާ ކުރިމަތިލަމުންނެވެ.
"އަދަދު" ނޫހުން ވަނީ މިހެން ހުރި މައްސަލަތަކާއި ކުންފުނީގެ މުސްތަގުބަލާ ގުޅޭގޮތުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީއާ އިންޓަވިއުކޮށްފަ އެވެ.
އެގޮތުން ސްޓެލްކޯގެ އެންމެ އިލްމާއިހިލްމު ހުރި އެ ކުންފުނީގެ ދުވަސްވީ މުވައްޒަފެއްގެ ހައިސިއްޔަތުން ފަހުމީ ވިދާޅުވީ ކުންފުނީގައި ރަނގަޅުކުރަން ހުރި ކަންކަން އިނގޭ ކަމަށާއި މަގާމާ ހަވާލުވީ ހައްލު ހިފައިގެން ކަމަށެވެ. އެގޮތުން އޭނާ ސްޓެލްކޯއަށް ގެންގުޅުއްވާ ތަސައްވުރު ސިފަކޮށްދެއްވީ އިއާދަ ކުރަނިވި ހަކަތަ އާއި ކުންފުނީގެ އެތެރޭގެ ހިންގުން މިހާރަށް ވުރެ ހަކަތަރި (އެފިޝެންޓް) ކުރުމުގެ ތެރެއިންނެވެ.
ސ. ސްޓެލްކޯގެ ކެޕޭސިޓީ ހުރީ ކިހިނެއްތޯ އަދި ކުންފުނީގެ މަސައްކަތްތައް ރޭވިފައިވަނީ ކިހިނެއްތޯ؟
ޖ. މި ވަގުތު ކުންފުނީގެ ކެޕޭސިޓީ ވަރަށް ކްރިޓިކަލް ކޮށް ހުރީ އެހެން ނަމަވެސް އިތުރު ކުރުމުގެ މަސައްކަތް މިހާރު ވެސް ފަށައިގަނެގެން މިއުޅެނީ. ޖުމްލަ ގޮތެއްގައި މި އަންނަ ރޯދައާ މި ދިމާވަނީ ހޫނު މޫސުމާ ވެސް. އެހެންވީމަ ކެޕޭސިޓި މިހާރު ވެސް ހުރީ ގާތްގަނޑަކަށް 122 މެގަވޮޓްސް. ޑިމާންޑު އެބައުޅޭ 117 މެގަވޮޓްސް. ރޯދަ މަހުގައި އެއްވެސް ބޮޑު އިންޖީނެއް ޑައުން ވެއްޖިއްޔާ ފަހަރެއްގައި ކަރަންޓު ކަނޑާލަން ޖެހިދާނެ މާލެ ތެރެއިން. އެހެން ނަމަވެސް އަަޅުގަނޑުމެން އިރާދަކުރެއްވިއްޔާމުން މެނޭޖުކުރާނަން. ކަރަންޓު ނުކަނޑާ ހޫނު މޫސުން ނިންމާލެވޭތޯ. ދެން ދައުލަތުގެ އެހެން ކުންފުނިތަކުގައި ވެސް އެބަހުރި ބެކަޕް.
ސ. ކަރަންޓު ހަރަދު އެންމެ ބޮޑު ތަންތަނުގެ ތެރޭގައި ސަރުކާރު އޮފީސްތަކާއި ހޮސްޕިޓާތައް ފަދަ ތަންތަން ފާހަގަކުރެވޭ. ހާއްސަ މަސައްކަތްތަކެއް ކުރެވޭތޯ މިތަންތަނުގެ ކަރަންޓު އިސްރާފުތައް މަދުކުރަން؟
ޖ. އަޅުގަނޑުމެން މީގެ ކުރިން ވެސް ހުންނާނެ އޮފީސްތަކަށް ފޮނުވައިގެން ސާވޭ ވެސް ކޮށްފައި. ބޮޑަށް ހަމަ ކޮންސަމްޕްޝަން ބޮޑު ތަންތަނުގައި ހަމަ އެއާކޮންޑިޝަން ނިއްވައިލެވޭނެ ގޮތެއް ހުރިތޯ ބަލައި އެޑްވައިސް ކޮށްފައި ހުންނާނެ. އެހެންވީމައި މި ޕީކަަށް ވެސް އަަޅުގަނޑުމެން ކުރާނެ އެ މަސައްކަތް. ސަރުކާރުގެ ބޮޑެތި އޮފީސްތަކަށް ވިޒިޓުކޮށް އަޅުގަނޑުމެންގެ މުވައްޒަފުން ފޮނުވައި ބަލައި އަދި ބޮޑެތި ކުންފުނިތަކަށް ވެސް އަޅުގަނޑުމެންގެ މުވައްޒަފުން ފޮނުވައި، އެއްވެސް ކަހަލަ ސޭވިންސްއެއް ގެނެވޭތޯ [މަސައްކަތް ކުރާނަން]. އެގޮތަށް މަސައްކަތް ކުރީމައި ކޮންޒިއުމަރަށް ވެސް ފައިދާ ކަރަންޓުގެ ހިދުމަތް ބޭނުންކުރާ ފަރާތަށް ވެސް ފައިދާ، އަޅުގަނޑުމެންނަށް ވެސް ފައިދާ. ޑީސަލް އެންދުމުގައި ވަރަށް ބޮޑު ސޭވިން އެއް އަންނާނެ، މިއަންނަ ހޫނު މޫސުން އެއްކޮށް މަސައްކަތް ކުރެވިއްޖެއްޔާ ކަރަންޓު ކަނޑާނުލާއި ކުރިއަށް ދެވޭނެ ކަމުގެ ޔަގީންކަން ވަރަށް ބޮޑަށް އެބައޮތް.
ސ. ސްޓެލްކޯ ފައިދާވާ ކުންފުންޏަކަށް ހަދާނެ ކަމަށް ފަހުމީ ވިދާޅުވެފައިވޭ. ކޮބައިތޯ މި އަމާޒަށް ވާސިލުވާން ކުރަން ވިސްނާފައިވާ ކަންކަމަކީ؟
ޖ. "އަޅުގަނޑުމެންގެ ހަރަދުގެ ބޮޑު ކޮމްޕޯނަންޓެއް މިދަނީ ޑީސަލްއަށް. ޑީސަލްއާއި ސްޕެއާޕާޓްސްއަށް. އެހެންމަ އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ އަޅުގަނޑުމެންގެ ފިިއުޗާ މިއޮތީ ރިނުއަބަލް އެނާޖީއާ ދިމާލަށް ގޮސްގެން ކަމަށް. ދެން ރިނިއުބަލް އެނާޖީގެ އިންވެސްޓްމަންޓަކީ ވެސް ކުޑަ އެއްޗެއް ނޫން. ބެޓަރީއާ އެއްކޮށް އަޅުގަނޑުމެން ގެންނަންޏާ. އެހެންމަ އަޅުގަނޑުމެންގެ ވިސްނުން މިހުރީ ހަމަ ރިނިއުބަލް އެނާޖީއާ ދިމާލަށް ގޮސް، ޔުޓިލިޓީ ސްކޭލް އިންވެސްޓްމަންޓް ގެނެވޭތޯ މަސައްކަތް ކުރަނީ."
"ދެން ކުދި ރަށްތަކުގައި، ކުދި ރަށްތަކުގައި ތަންކޮޅެއް ފަސޭހައިން ވެދާނެ މާލެއަށް ވުރެ. މާލޭގައި ކެޕޭސިޓީ ހައި ވެފައި އަދި ޖަހާނެ ފުރާޅުތައް މަދު އިނގޭތޯ. އަދި ސޯލާ ޖަހާނެ ތަންތަން ވެސް މަދު. ދެން މިއޮތީ މާލެ ކައިރި މޫދު. އަޅުގަނޑުމެންގެ މޫދަކީ ވެސް ރިވާއެއް ކަހަލަ ތަނެއް ނޫން. ފުދޭވަރަކަށް ކަނޑު ގަދަ ހިސާބެއް މި ހިސާބަކީ. އެހެންވީމައި އަޅުގަނޑުމެން މޫދުގައި ޖަހައިގެން ކިހާވަރެއްތޯ ލިބޭނީ ޖެހޭނީ އިނީޝިއަލީ ސްޓަޑީއެއް ހަދަން އިނގޭތޯ. އެއީ މޫދުގައި ޖަހައިގެން، ބިޔަ ރާޅުތަކާ އެއްޗެހި ނަގާ ހިސާބެއް މި ހިސާބަކީ، ފުދޭވަރަކަށް ކަނޑު ގަދަ ހިސާބެއް އަނެއްހެން އެކި މޫސުންތަކުގައި ވެސް. އެހެންމަ އަޅުގަނޑުމެންނަށް ޔުޓިލިޓީ ސްކޭލްގައި އެކަންތައް ކުރެވިދާނެތޯ އަޅުގަނޑުމެން ޖެހޭނީ ސްޓަޑީ ކުރަން،"

ސްޓެލްކޯގެ ބައެއް މުވައްޒަފުންނާ ފަހުމީ ވާހަކަ ދައްކަވަނީ. ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް އޭނާ ވަނީ ވިސްނަވާފައި --- ފޮޓޯ: ސްޓެލްކޯ
"ދެން ކައިރި ފަޅެއްގައި ޖަހައިފިއްޔާމުން އަޅުގަނޑުމެން ކަރަންޓު މިގެންނަން ޖެހެނީ ސަބްމެރިން ކޭބަލް މެދުވެރިކޮށް. ސަބްމެރިން ކޭބަލްއަކީ ވެސް ވަރަށް ކޮސްޓްލީ އެއްޗެއް އެއީ. އަގު ހެޔޮ އެއްޗެއް ނޫން އެއީކީއެއް. ސޯލާ އެޖަހަންދާ ހަރަދަށް ވުރެ ސަބްމެރިން ކޭބަލްގެ ހަރަދު ބޮޑުވެދާނެ ހެން އަޅުގަނޑަށް ހީވަނީ، އިންވެސްޓްމަންޓް ކޮސްޓު. ފީސިބިލިޓީއެއް ހަދަނީ ޖެހޭނީ. މީގެ ކުރިންނެއް ނެތް މާލެ ސަރަހައްދުގައި ސަބްމެރިން ކޭބަލްއެއް ބޭނުންކޮށްގެން ފްލޯޓިން ސޯލާ ޖަހާފައި. އެެހެން ނަމަވެސް ރަށްރަށުގައި މިވާގޮތަކީ އަޅުގަނޑުމެންނަށް އެބަހުރި ކައިރީގައި ޖަހާލައިގެން އެކަންތައް ކުރެވެން. ފަޅު ބޮޑެތި ތަންތަން އެބަހުރި. އެ ރަށްތަކުގެ ޓޫރިޒަމް އިންޑަސްޓްރީއަށް ގެއްލުން ނުވާ ކަހަލަ ގޮތަކަށް ސޯލާ ޖެހިދާނެ. އަދި ރަށުގައި ވެސް އެބަހުރި، ބައެއް ރަށްތަކުގައި ގިނަ ރަށްތަކުގައި، އެބަހުރި ހަމަ ސޯލާ ޖެހިދާނެ.
"ރަށުގެ ރައްޔިތުންނަށް އުނދަގޫ ނުވާ އަދި މަލަމަތި ނުގެއްލޭނެ ކަހަލަ ގޮތަށް ސޯލާ ޖަހައިގެން އެކަންތައް ކުރެވޭތޯ އަޅުގަނޑުމެން ބަލާނަން. ސޯލާއަކީ ރަށްރަށުގައި ސަކްސެސްފުލް އެއްޗެއްގެ ގޮތުގައި އަޅުގަނޑު މިކިޔަނީ، އެއީ ޑިމާންޑު ކުޑަވެފައި ކެޕޭސިޓީ ވެސް ރަށްތަކަށް ކުޑަ ވެފައި، އެހެންވީމާއި ކެޕޭސިޓީ 50 ޕަސެންޓު ޖެހުނަސް، ދުވާލު ގަޑީގައި އަޅުގަނޑުމެންނަށް ތެޔޮ އެންދުން ހުއްޓާލެވިދާނެ. އެއީ އަޅުގަނޑުމެންނަށް ކުރެވިދާނެ [ކަމެއް]. އެއީ ޓާގެޓަކީ ވެސް،"
ސ. ރިނިއުބަލް އެނާޖީއާ ދިމާލަށް މިސްރާބު ހުރި ވާހަކަ ދެކެވޭއިރު، ހުޅުލެ-ހުޅުމާލެ ހައިވޭގައި ހަރުކޮށްފައި ހުރި ސޯލާ ޕެނަލްތައް ބަދަލުކުރާ ވާހަކަ އެބަ ދެކެވޭ. މިއީ ގެއްލުން ވާނެ ކަމެއް ނޫންތޯ؟
ޖ. އަޅުގަނޑުމެން އޭގަ ދާން ޖެހޭނީ މިނިމަން ޑެމޭޖަށް. އެހެން ނޫންތޯ. އެންމެ ބޮޑަށް އަޅުގަނޑުމެންނަށް މާލެ ތެރޭގައި ނުވަތަ ޑިސްބާސް ކުރާ އިރު ވެސް އޭގެ އެންމެ މިއީ އިންވެސްޓަރަށް ވެސް ގެއްލުން ކުޑަ އަދި ދައުލަތަށް ވެސް ގެއްލުން ކުޑަ މޮޑެލްއަކަށް ދާން ޖެހޭނީ. ސްޓަޑީ ކުރަމުން ސަރުކާރުން މިހާރު އެދަނީ. އެހެންމަ އަޅުގަނޑުމެންގެ އެ ސްޓްޑީއަކަށް، އެ ހިސާބަކަށް އަޅުގަނޑުމެންގެ އިންވޯލްވްމަންޓެއް އަދި ނުދޭ. އަޅުގަނޑު ގަބޫލުކުރަނީ ހަމަ އިންވެސްޓު ކުރި ފަރާތަށް ވެސް އަދި ދިވެހި ދައުލަތަށް ވެސް ގެއްލުން ނުވާ ކަހަލަ ގޮތަކަށް އެކަން ނިމިިިގެން ދާނެ ކަމަށް.
ސ. ސްޓެލްކޯގެ އާމްދަނީ އިތުރުކުރުމުގެ ތެރެއިން ފެން ވިއްކާ ވާހަކަ އަނެއްކާ ވެސް އެބަ ދެކެވޭ. ކީއްކުރަންތޯ ފެނުގެ ވިޔަފާރިއަށް ނުކުތުމުގެ ވިސްނުން ތިގެންގުޅުއްވަނީ؟
ޖ. އަޅުގަނޑުމެން ފެނުގެ ވާހަކަ މި ދައްކަނީ ފެނުގެ ވިޔަފާރި ކުރާ އެހެން ބޭފުޅުންނަށް އެއަކުން ޗެލެންޖެއް ވެސް ނާންނާނެ. އެބޭފުޅުންގެ ވިޔަފާރިއަށް އިރާދަކުރެއްވިއްޔާ ބުރެއް ވެސް ނާރާނެ އަޅުގަނޑުމެން މާކެޓަށް ނުކުތަސް. އަޅުގަނޑުމެން މީގެ ކުރިން ވެސް ސްޓަޑީކޮށްފައި އޮތް ޕްރޮޖެކްޓެއް ޕްރޮޖެކްޓަކީ. އެ މާކެޓު އެބައޮތް. އެއީ އަޅުގަނޑަށް ހީވަނީ ކުރަން އެންމެ ރަނގަޅު ކަމެއް ހެން އަޅުގަނޑުމެން ވެސް އެ މާކެޓަށް ވަނުން. އޭގެ މާނައަކީ އަޅުގަނޑުމެން ހަމަ ވިއްކާނީ ޕްރިީމިއަމް ވޯޓާއަކަށް ވެސް ނޫން އަޅުގަނޑުމެން ދާނީ. އަޅުގަނޑުމެން އާންމު ރައްޔިތުންނަށް މިއޮންނަ ލުއިފަސޭހަ ކަމުގެ ތެރެއިން އަޅުގަނޑުމެންގެ އަތުގައި މިހުންނަ ފެން އުކާނުލައި ބޭނުން ކުރެވޭތޯ. ޒީރޯ ކޮސްޓުގައި އަޅުގަނޑުމެންނަށް ލިބިފައި ހުރި ފެން އެބަހުރި ގާތްގަނޑަކަށް ހުޅުމާލޭގައި ދުވާލަކު 900 މެޓްރިކް ޓަނުގެ ފެން އުފެއްދެން އެބަހުރި. އަޅުގަނޑުމެން އެ މެޝިނަރީއަށް އިންވެސްޓްކޮށްފައި އެބަހުރި ފަސް މިލިއަން ޑޮލަރު ގާތްގަނޑަކަށް. އެހެން ފެން އުފައްދާފައި އުކާލުމުގެ ބޭނުމެއް ވެސް ނެތް. އަދި ފެން ނުއުފައްދާ މެޝިން އޮފްކޮށްފައި ހުރުމުގެ ވިސްނުމެއް ވެސް ނެތް. އެހެންމަ އަޅުގަނޑުމެން ވިސްނުން އެބަ ގެންގުޅެން އެ އޭރިއާއަށް، އިންޑަސްޓްރީއަށް ވަންނަން. ވޯޓާ އިންޑަސްޓްރީއަށް،"

ސްޓެލްކޯ އިން މީގެކުރިން އުފެއްދި ފެން. އެ ކުންފުންޏަށް 900 މެޓްރިކް ޓަނުގެ ފެން ދުވާލަކު އުފެއްދޭ --- ފޮޓޯ: ސްޓެލްކޯ
"ދެން އަޅުގަނޑަށް ހީވަނީ މުހިންމު ކަން ނޭނގެ، ރޯދައަށް ފެން ނުލިބުމާއި މިކަހަލަ ދަތިކަން އެބަ އާދޭ މިހާރު ވެސް. ފެނުގެ ސެކިއުރިޓީ އެސްޓެބްލިޝް ކުރުމަކީ ވެސް މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ދެކެނީ. އަދި އަޅުގަނޑުމެން މާކެޓަށް ވަދެ އެހާ ބޮޑަށް ސްޕްރެޑް ނުވީ ކަމުގައި ވިޔަސް އަދި މާކެޓުގެ ބޮޑު ޝެއާއެއް ނުނެގިކަމުގައި ވިޔަސް، ވޯޓާ ސެކިއުރިޓީ، ޑްރިންކިން ވޯޓާގެ ސެކިއުރިޓީ އެސްޓެބްލިޝް ކުރުން ވެސް އެއީ ރަައްޔިތުންގެ މަންފާާއަކަށް ޓަކައި ކޮށްލަން ރަނގަޅު ކަމެއް ހެން އަޅުގަނޑަށް ހީވަނީ. އެއީ ސްޓްޑީ ނުކުރާ ވަރު ކަމެއް ނޫން، އެހާ ބޮޑު އިންވެސްޓެއްކޮށްފައި އެ ފައިސާ އެއްވެސް ބޭނުމެއް ނެތި ބެހެއްޓުމުގެ ބަދަލުގައި، ބަލާލަން ރަނގަޅު އިންޑަސްޓްރީއެއްހެން އަޅުގަނޑުމެން ބަލާލާއިރުގައި އޮޕްޝަންތަކެއް، އެހެންމަ ސްޓަޑީކޮށް އަޅުގަނޑުމެންނަށް ކުރިއަށް ދެވެންޏާ ބަލާނަން. މިހާރު ވާގޮތަކީ ތާންގި ފުރުނީމައި އަޅުގަނޑުމެން މެޝިން އޮފްކޮށްލާފައި ހުންނަނީ. އެހެން ނަމަވެސް އިންވެސްޓްކޮށްފައި އެބަހުއްޓޭ ފަސް މިލިއަން ޑޮލަރު. ކެޕޭސިޓީ އެބަހުރި އަޅުގަނޑުމެން،"
ސ. މީގެ ކުރިން އެއްވެސް ވަރަކަށް ހިންގިފައި އެބަހުރިތޯ ސޯލާ ހަކަތަ ބޭނުންކޮށްގެން ކާމިޔާބު ޕްރޮޖެކްޓެއް؟
ޖ. އަޅުގަނޑު ހަނދާންވާ ގޮތުން ބޭރުގެ ފަންޑިން އިދާރާތަކާ ގުޅިިގެން ރަކީދޫގައި ވަރަށް ސަކްސެސްފުލް ޕްރޮޖެކްޓެއް ކުރިއަށް ގެންދިޔައިން. އެހެން ނަމަވެސް އޭތި މެއިންޓެއިން ނުވެގެން ދިޔައީ. ދެން އަޅުގަނޑުމެން ދެން ހިންގާ ޕްރޮޖެކްޓެއް ހިންގާނީ ދުރު މުސްތަގުބަލަށް ވިސްނައިގެން ފޯކާސްޓުކޮށްގެން އެ ކެޕޭސިޓީއާ އެއްކޮށް އަޅުގަނޑުމެން ބެޓަރީ ބޭނުންކޮށްގެން ކަރަންޓު ދިނުމުގެ މަސައްކަތް ފަށާނީ. އޭރަށް ވަކި ހިސާބަކުން ހުއްޓާލަން ނުޖެހޭނެ.
ސ. ސްޓެލްކޯއަކީ ވަރަށް ގާބިލު، ތަޖުރިބާ ހުރި މީހުން ގިނަ ކުންފުންޏެއް. އެއްވެސް ވަރަކަށް އެބަހުރިތޯ ކުންފުނީގެ ތެރެއިން އީޖާދީ މަސައްކަތްތަކެއް ކުރުމުގެ ވިސްނުން އެބަ ގެންގުޅުއްވަންތޯ؟
"އަޅުގަނޑަށް ހީވަނީ ވަރަށް ރަނގަޅު ވާހަކައެއް ހެން ތިވިދާޅުވީ. އަޅުގަނޑުމެންގެ ތެރޭގައި ވެސް އެބަހުރި ވަރަށް ކޮމްޕިޓެންޓް މުސްތަގުބަލު ޒުވާން އިންޖިނިއަރުން އެބަތިބި، ކިޔަވައިގެން ތިބި ބޭފުޅުން. އެހެން ނަމަވެސް މިހާރު އަޅުގަނޑުމެން އޮޕަރޭޓު ކުރަމުން މިދަނީ ފަޔާ ފައިޓިން މޯޑެއްގައި އަޅުގަނޑުމެން ވެސް. އަބަދު ވެސް ޕީކަށް ރެޑީވާ ވާހަކަ ހަބަރުތަކުން ވެސް ފެނިވަޑައިގެންފައި ހުންނަވާނީ. އެހެންމެ އޭގެ ހައްލެއްގެ ގޮތުގައި އަޅުގަނޑުމެން މި ޕްރޮޕޯސް ކުރަނީ ހިންގަވާށޭ 100 މެގަވޮޓްސްގެ ޕަވާޕްލާންޓެއް އަޅަމާ. އެޅީމައި ކުރިއަށް އޮތް ފަސް އަހަރަށް އަޅުގަނޑުމެން އެކަމަކާ އުޅޭކަށް ނުޖެހޭނެ. މާނައަކީ އަޅުގަނޑުމެންގެ މުވައްޒަފުންނަށް، ކިޔަވައިގެން ތިބި ޒުވާނުންނަށް، ކިޔަަވައިގެން ތިބި އިންޖިނިއަރުންނަށް ވިސްނާ ފިކުރުކުރަން ވަގުތު ލިބޭނެއޭ އެހެން ކަންތައްތަކަށް. ކޮންމެ ތިން އަހަރަކުން ނުވަތަ ކޮންމެ ދެ އަހަރަކުން މި އަންނަ ޕީކަށް ރެޑީވުމުގެ މަސައްކަތް ފަށައިގަންނާތީ މިހާރު އެކަހަލަ ކަމެއް ނުވެފައި މި އޮންނަނީ،"

ސްޓެލްކޯގެ އިންޖީނުގެއެއްގެ މަސައްކަތް ކުރިއަށްދާ ގޮތް ފަހުމީ ބައްލަވާލައްވަނީ --- ފޮޓޯ: ސްޓެލްކޯ
"އެހެންމަ ތިންކް ޓޭންކެއް ކަހަލަ އެއްޗެއް، ތި ހަމަ ވަރަށް ރަނގަޅު ކަމެއް. އޭގެ ތެރޭގައި ހަމައެކަނި ސްޓެކްލޯގެ އިންޖިނިއަރުންނެއް ވެސް ނޫން. ޒުވާން މި ފީލްޑަށް ނިކުންނަން ބޭނުންވާ ބޭފުޅުންގެ ހިޔާލު ވެސް ހޯދި ދާނެ. އެހެންމަ އަޅުގަނޑު ވިސްނުން ނެތެކޭ ނުދަންނަވަން. އަޅުގަނޑުމެންގެ ވިސްނުން އެބަ ހުރި. މި ދާއިރާގައި އިންޖިނިއަރިން ދާއިރާގައި، މެކޭނިކަލް އެންޑް އިލެކްޓްރިކަލް އިންޖިނިއަރިން ދާއިރާގައި އެންމެ ނޮލެޖު ހުރި، އެންމެ ދިގު މުއްދަތަކަށް ހިދުމަތް ކޮށްފައި އޮތް ކުންފުންޏަކީ ސްޓެލްކޯ ކަމަށް އަޅުގަނޑު ދެކެން. އެހެންމަ އަޅުގަނޑުމެންގެ ވިސްނުން އެބަހުރި، ހިންގަވާށޭ ޓްރެއިނިން ސެންޓާއެއް އަދި އެކެޑެމިކް ސެންޓާއެއް ހުޅުވުމުގެ ބަދަލުގައި، ޕްރެކްޓިކަލް ސެންޓާއެއް ނުވަތަ ޕްރެކްޓިކަލް ޓްރެއިނިން ދޭ ތަނެއް. ރައްޔިތުންގެ ތެރެއިން ޒުވާނުންގެ ތެރެއިން މި ފީލްޑަށް ވަންނަން ބޭނުންވާ ޒުވާނުންނަށް ފުރުސަތު ދޭނެ ޕްރެކްޓިކަލް ސެންޓަރެއް ކަހަލަ ތަނެއް. ކުރީގެ ބާ އިންޖީނުތައް ވެސް އެބަހުރި އުކާލާފައި. މިސާލަކަށް ރޫޅާލުން، އެ ބޭފުޅުން އައިސް ރޫޅާލައި އެބޭފުޅުން ޕްރެކްޓިކަލީ މިކަންތައް ކުރާނެ ގޮތް ދަސްކުރާނެ،"












