ލިވަޕޫލް (ޑިސެމްބަރު 18) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވިއިރު، ބްރައިޓަން އަތުން 2-0 އިން މޮޅުވެ އާސެނަލް ލީގު ތާވަލްގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.
އަމިއްލަ ދަނޑުގައި ރޭ ޔުނައިޓެޑާ ދެކޮޅަށް ނުކުތްއިރު، ލިވަޕޫލް އޮތީ ފޭވަރިޓުންގެ ގޮތުގަ އެވެ. ލިވަޕޫލްގެ ދަނޑުގައި މި ސީޒަންގައި ކުޅުނު 11 މެޗުން 11 މޮޅު ހޯދައިފައިވުމާ އެކު، ރޭ ޔުނައިޓެެޑްގެ މައްޗަށް ވެސް ލިވަޕޫލް ކުރި ހޯދާނެ ކަމަށް ބެލެވުނެވެ.
ލަފާކުރެވުނު ގޮތަށް މުޅި މެޗުވެސް ކޮންޓުރޯލްކުރީ ލިވަޕޫލެވެ. މުޅި މެޗުގައި ލިވަޕޫލުން 34 ޝޮޓް ހެދި ނަމަވެސް، ޑިފެންސަށް އިސްކަންދީގެން ކުޅުނު ޔުނައިޓެޑްގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއްނުވި އެވެ.
މެޗުގެ އިތުރު ވަގުތުގައި ޔުނައިޓެޑްގެ ޑިފެންޑަރު ޑިއޭގޯ ޑަލޯ އަށް ދެއްކި ދެ ރީނދޫ ކާޑާ އެކު އޭނާ އަށް ރަތް ކާޑު ދެއްކުމުން، ޔުނައިޓެޑް މެޗު ނިންމާލީ 10 ކުޅުންތެރިންނާ އެކު އެވެ.
މެޗަށް ފަހު ލިވަޕޫލްގެ ކެޕްޓަން ވާޖިލް ވެން ޑައިކް ބުނީ "މެޗުން މޮޅުވާން މަސައްކަތްކުރީ އެންމެ ޓީމެއް" ކަމަށެވެ.
"މުޅި މެޗަށް ބަލާއިރު ގިނައިރު ބޯޅަ ގެންގުޅެ، ގިނަ ހަމަލާތައް އުފެއްދީ ލިވަޕޫލުން،" ވެން ޑައިކް ބުންޏެވެ.
މި މެޗު އެއްވަރުވުމުން ލިވަޕޫލަށް ވަނީ އަލުން ޓޭބަލްގެ އެއް ވަނަ އަށް އަރަން ލިބުނު ފުރުސަތު ގެއްލިފަ އެވެ. ލިވަޕޫލް ދެ ވަނައިގައި އޮތްއިރު، އެ ޓީމުގެ މައްޗަށް އެއް ޕޮއިންޓް ލީޑެއް ހޯދައި، ތާވަލްގެ އެއްވަނައިގައި އޮތީ އާސެނަލް އެވެ.
މި ސީޒަންގައި ޔުނައިޓެޑް އިން މިހާތަނަށް ނެރިފައިވާ ދަށް ނަތީޖާތަކަށް ބަލާއިރު، ލިވަޕޫލްގެ ދަނޑުގައި ޕޮއިންޓެއް ލިބުމަކީ ޔުުނައިޓެޑަށް ލިބޭނެ ހިތްވަރެކެވެ.
މެޗުގައި ޔުނައިޓެޑްގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު މިޑްފީލްޑަރު ސްކޮޓް މިކްޓޮމިނޭ ބުނީ މެޗުގައި ޔުނައިޓެޑަށް ނުވި ހަމައެކަނި ކަމަކީ އިތުރު ހަމަލާތަކެއް އުފެއްދުން ކަމަށެވެ.
އާސެނަލް މޮޅުވެ، ފުރުސަތު ބޭނުން ހިފި
އަމިއްލަ ދަނޑުގައި މިރޭ ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗު އާސެނަލް އިން ކޮންޓުރޯލްކުރި ނަމަވެސް، އާސެނަލް އަށް ބްރައިޓަންގެ ގޯލު ހުޅުވާލެވުނީ މެޗުގެ 53 ވަނަ މިނިޓުގަ އެވެ. އާސެނަލް އަށް ލީޑު ހޯދައިދިނީ ބްރެޒިލްގެ ފޯވަޑް ގެބްރިއަލް ޖީސޫސް އެވެ.
މެޗުގެ ފަހުކޮޅު އާސެނަލްގެ ދެ ވަނަ ލަނޑު ޖެހީ ޖަރުމަންގެ ފޯވަޑް ކައި ހަވާޓްޒް އެވެ.
މެޗަށް ފަހު އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ މި މެޗުގައި އާސެނަލް އިން ދެއްކި ކުޅުމާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.
"ވަރަށް ހިތްހަމަޖެހޭ މި މެޗުގައި ދެއްކި ކުޅުމާމެދު. ބްރައިޓަން އަކީ ބަލި ޓީމެއް ނޫން. އެކަމަކު މިއީ އާސެނަލް އަށް ހައްގު މޮޅެއް،" އާޓެޓާ ބުންޏެވެ.
އިނގިރޭސި ލީގުގައި ރޭ ބެންޓްފޯޑް އަތުން އެސްޓަން ވިލާ ފަހަތުން އަރައި މޮޅުވީ 2-1 އިންނެވެ. -- އޭއެފްޕީ












