ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކޮއްކޮ ފާތިމަތު ސައުދާ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވައިފި އެވެ.
ސައުދާ ވާދަކުރައްވަނީ ޕީޕީއެމް-ޕީއެންސީގެ ފަރާތުން ނިލަންދޫ ދާއިރާއަށެވެ.
އޭނާ ވަނީ ނިލަންދޫ ދާއިރާގެ ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން ރޭ އިއުލާނު ކުރައްވާފަ އެވެ. އަދި ޕްރައިމަރީގައި ވާދަކުރަން ފޯމު ވެސް ވަނީ ހުށަހަޅުއްވައިފަ އެވެ.
ސައުދާ ވަނީ އެމްއެންޔޫ އަދި އެވިޑު ކޮލުގައި އުސްތާޒާއެއްގެ ގޮތުގައި މަސައްކަތް ކުރައްވާފަ އެވެ.
އޭގެ އިތުރުން, މިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒުގެ ކެމްޕޭނުގައި ވެސް ހަރަކާތްތެރިވެ ވަޑައިގެންނެވި އެވެ.

ސައުދާގެ އިތުރުން ރައީސް މުއިއްޒުގެ އެންމެ އަރިސް ބޭފުޅުންގެ ތެރެއިން, މިވަގުތު ރައީސްގެ ހާއްސަ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله (އަދުރޭ) ވެސް ވަނީ މަޖިލީހަށް ވާދަކުރައްވަން ނިންމަވާފަ އެވެ.
އަބްދުއްރަހީމް ވާދަކުރައްވަނީ އޭނާ ކުރިން ވެސް ހުންނެވި ފޮނަދޫ ދާއިރާ އަށެވެ.













