ރިޔާދު، ސައުދީ އަރަބިއްޔާ (ޑިސެމްބަރު 12) - މި އަހަރު ޖެހި 50 ވަނަ ގޯލަށް ފަހު، "އަދި ގޯލުތަކެއް ޖަަހަން" ފުރުސަތު އެބައޮތް ކަމަށް ސައުދީ ޕްރޯ ލީގުގެ އަލް ނަސްރަށް ކުޅެމުން އަންނަ ޕޯޗުގީސް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.
އަލް ޝަބާބް އަތުން 5-2 އިން އަލް ނަސްރު މޮޅުވިއިރު، މި ނަތީޖާއާ އެކު އެ ޓީމަށް ވަނީ ސައުދީ ކިންގްސް ކަޕްގެ ސެމީ ފައިނަލުން ފުރުސަތު ލިބިފަ އެވެ. ކެރިއަރުގައި ރޮނާލްޑޯ ކުޅުނު 1201 ވަނަ މެޗުގައި ރޮނާލްޑޯ ވަނީ ގޯލެއް ޖަހައި، މި އަހަރު މިހާތަނަށް ޖުމްލަ ގޯލުގެ އަދަދު 50 އަށް އަރުވައިފަ އެވެ.
މިއީ، ރޮނާލްޑޯ، 38، ކެރިއަރުގައި އަހަރަކު 50 ގޯލު ހަމަކުރި އަށް ވަނަ ފަހަރެވެ.
"ފުރިހަމަ މޮޅެއް، ވަރަށް ފަހުރުވެރިކަމާ އެކު ބުނެލަން ބޭނުން މިއީ އަހަރެން މި އަހަރު ޖެހި 50 ވަނަ ގޯލު،" ރޭގެ މެޗަށް ފަހު ރޮނާލްޑޯ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ލިޔެފައިވެ އެވެ.
"ހުރިހާ ޝުކުރެއް ހައްގުވަނީ އަހަރެންގެ ޓީމުގެ ކުޅުންތެރިންނާއި ސަޕޯޓަރުންނާއި އާއިލާ އަށް. އަދިވެސް މި އަހަރު ގޯލުތަކެއް ޖަހަން ފުރުސަތު އެބައޮތް،"
މި އަހަރުގެ ޖެނުއަރީ މަހު މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް އަލް ނަސްރަށް ބަދަލުވި ރޮނާލްޑޯ ވަނީ އެ ޓީމަށް 40 ގޯލު ޖަހައިދީފަ އެވެ. މި އަހަރު ޕޯޗުގަލް އަށް ކުޅެދިން ނުވަ މެޗުން 10 މެޗު ޖަހާފައިވެ އެވެ.












