ރާއްޖޭގައި ބާއްވާ އެންމެ ފޯރިގަދަ އަދި އެންމެ ބޮޑު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޕާޓްނަރުންގެ ގޮތުގައި، ޖާޒިއާ އާއި އިމޭޖަސް.އެމްވީ ހަމަޖައްސައިފި އެވެ.
އޮފިޝަލް ޖޯޒީ ޕާޓްނަރެއްގެ ގޮތުގައި ޖާޒިއާއާ އެކު ސޮއިކުރިއިރު، އިމޭޖަސް.އެމްވީއާ އެކު ސޮއިކޮށްފައިވަނީ އޮފިޝަލް ފޮޓޯގްރަފީ ޕާޓްނަރެއްގެ ގޮތުގަ އެވެ.
ޖާޒިއާ އާއި އިމޭޖަސް.އެމްވީ ވަނީ މިދިޔަ އަހަރު ވެސް ގޯލްޑަން ފުޓްސަލް ޗެެލެންޖް ކާމިޔާބު ކަމާ އެކު ބޭއްވުމަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ، އެ ޖަމިއްޔާގެ ރައީސް ރިލްވާން މޫސާ އެވެ. ޖާޒިއާގެ ފަރާތުން، ކޯ ފައުންޑަރު ހަސަން ދިލްޝާން (ދިލް) ސޮއިކުރިއިރު، އިމޭޖަސް.އެމްވީގެ ފަރާތުން ސޮއިކުރީ ސީނިއާ ފޮޓޯގްރާފަރު، އިސްމާއިލް ތޯރިގު (އިއްސެ) އެވެ.
ޖާޒިއާ އަކީ ރާއްޖެ އަށް ނިސްބަތްވާ ކުޅިވަރު ބްރޭންޑްތަކުގެ ތެރެއިން މި ވަގުތު އެންމެ ފުޅާކޮށް، ކުޅިވަރު ސާމާނު ފޯރުކޮށްދެމުން އަންނަ ފަރާތެވެ. ރާއްޖޭގައި ބޭއްވޭ ގިނަ މުބާރާތްތަކުގައި ޖާޒިއާގެ އުފެއްދުންތައް ގިނަ ޓީމުތަކުން ބޭނުންކުރާއިރު، މުބާރާތްތައް އިންތިޒާމްކުރާ ފަރާތްތަކަށް، އޮފިޝަލް ކިޓް ފޯރުކޮށްދިނުމުގައި ވެސް ޖާޒިއާގެ އެެހީތެރިކަން ފެނެ އެވެ.
ގައުމީ ފުޓްސަލް ޓީމުން އެންމެ ފަހުން ބޭނުންކުރި ކިޓް ވެސް ފޯރުކޮށްދީފައިވަނީ ޖާޒިއާ އިންނެވެ.

ޖާޒިއާގެ ދިލް (ވ) އާއި ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރިލްވާން.
އިމޭޖަސް.އެމްވީ އަކީ ރާއްޖޭގައި ޑިޖިޓަލް ޕްލެޓްފޯމެއް މެދުވެރިކޮށް ފޮޓޯ ފޯރުކޮށްދިނުމުގައި އެންމެ ފުޅާކޮށް އެ މަސައްކަތް ކުރަމުން އަންނަ ފަރާތެވެ.
ރާއްޖޭގެ އެކި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ މުބާރާތްތަކާއި އިވެންޓްތަކާއި ގައުމީ ލެވަލްގައި ބޭއްވޭ އެކިއެކި މުބާރާތްތަކުގެ އިތުރުން ކުންފުނިތަކުގެ ކޯޕަރޭޓް/ސީއެސްއާރްގެ އެކި އިވެންޓްތަކުގެ ފޮޓޯ ނެގުމުގައި ވެސް އިމޭޖަސް.އެމްވީގެ މަސައްކަތް ފާހަގަކުރެވެ އެެވެ.
އަންނަ މަހު ފަށާ "ގޯލްޑަން ފުޓްސަލް ޗެލެންޖް 2024" މުބާރާތުގަައި 129 ޓީމު ވާދަކުރާނެ އެވެ. އެ ގޮތުން، 320 މެޗު ކުޅޭ ގޮތަށް ހަމަޖެހިފައިވާއިރު، ކުރިއަށް އޮތް މުބާރާތުގައި ރާއްޖޭގެ ހުރިހާ އަތޮޅުން ޓީމުތައް ވާދަކުރާނެ އެވެ. މީގެ ކުރިން، ވ އަތޮޅާއި ނ. އަތޮޅުން މެޗުތަކެއް ނުފެނުނު ނަމަވެސް ކުރިއަށް އޮތް މުބާރާތުގައި އެ އަތޮޅުތަކުގެ މެޗުތައް ވެސް ކުރިއަށްދާނެ އެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖް ފެށުން އޮތީ ޗެރިޓީ ޝީލްޑް މެޗަކުންނެވެ. މިހާރު ޝެޑިއުލްކޮށްފައިވާ ގޮތުން، ޗެރިޓީ އަށް ކުޅޭ އެ މެޗުގައި އަންނަ މަހު 14 ވަނަ ދުވަހު ބައްދަލުކުރާނީ އެންމެ ފަހުގެ ދެ ޗެމްޕިއަނުން ކަމަށްވާ ތ. ތިމަރަފުށްޓާއި ލ. ގަން އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މީޑިއާ ޕާޓްނަރަކަށް ވަން ސްޕޯޓްސް ހަމަޖައްސާފައިވާއިރު، މީޑިއާ/ޕަބްލިކް ރިލޭޝަން (ޕީއާރް) ޕާޓްނަރެއްގެ ގޮތުގައި "އަދަދު" އިން މި ފަހަރު ވެސް މަސައްކަތް ކުރާނެ އެވެ.












