ހަށިގަނޑުގެ އެކި ތަންތަނަށް ލިބޭ ބޮޑެތި އަނިޔާތަކަށް އޮޕަރޭޝަނަކާއި ނުލައި ދޭ ފަރުވާ އެއް ކަމަށްވާ ޕްލެޓްލެޓް ރިޗް ޕްލާސްމާ (ޕީއާރްޕީ) އިންޖެކްޝަން ޓްރީޓޮޕް ހޮސްޕިޓަލުން ތައާރަފުކޮށްފި އެވެ.
އެ ހޮސްޕިޓަލުގައި، ނޫސްވެރިންގެ ހާޒިރުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ހިދުމަތް ތައާރަފުކޮށްދެއްވަމުން އެ ހޮސްޕިޓަލުގެ ޑިރެކްޓާ އޮފް މެޑިކަލް ސާވިސަސް، ޑރ. މްލަޑެން ކްނޮޓެކް ވިދާޅުވީ ޓްރީޓޮޕުން ފަރުވާދިނުމުގައި އެންމެ އިސްކަންދެނީ ސައްހަ ހެއްކަށް ބިނާކޮށް އެންމެ ރަނގަޅު ފަރުވާ ދޭން ކަމަށެވެ.
އެ ފަރުވާއަށް އަދި އާސަންދަ އެއް ނުލިބޭނެ އެެވެ.
ޕީއާރްޕީގެ ހިދުމަތް އެހޮސްޕިޓަލުން ތައާރަފުކުރީ އެކަމަށް ބޭނުންވާ ދިރާސާތައް ހެދުމަށްފަހުގައިކަން ޑރ. މްލަޑެން ފާހަގަކުރެއްވި އެވެ. އުންމީދަކީ ޕީއާރްޕީ ފަރުވާ އިތުރަށް ފުޅާކޮށް އައު ހިދުމަތްތައް ތައާރަފުކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީއާރްޕީއަކީ ބަލިމީހާގެ ގައިން ލޭ ނެގުމަށްފަހު، އޭގައި ހުންނަ ހީލިންގް ސެލް ނުވަތަ ޕްލެޓްލެޓް ވަކި ކޮށް، އަނިޔާ ލިބިފައިވާ ތަނަށް އިންޖެކްޓް ކުރާ ޕްރޮސީޖަރެކެވެ.
ޓްރީޓޮޕުގެ ކަށީގެ ހާއްސަ ޑޮކްޓަރު، ޑރ. ކަންނިރާހް މަރިމުތު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، ޕީއާރްޕީ ފަރުވާ ދެވޭނެ ހާލަތްތަކާއި ފަރުވާ ދިނުމުގެ ޕްރޮސެސް ހިނގާގޮތް ތަފްސީލުކޮށް ވިދާޅުވެދެއްވި އެވެ. އެ ފަރުވާ ދިނުމުގައި ބަލިމީހާގެ ހަށިގަނޑުން ލޭ ނެގުމަށްފަހު، ބޭނުންވާ މާއްދާތައް ވަކިކުރުމުގެ މަރުހަލާ މެޝިނުގައި ހިނގާގޮތް ޑރ. ކަންނިރާހް ތަފްސީލުކޮށްދެއްވި އެވެ.

ޕީއާރްޕީ ހިދުމަތަށް ބޭނުންކުރާ މެޗިނު އަދި ކުރިއަށްދާގޮތް -- ފޮޓޯ: އަދަދު
ޕީއާރްޕީ ހިދުމަތް ދެވޭނެ ހާލަތްތައް
- ޓެނިސް އެލްބޯ (ލެޓަރަލް އެޕިކޮންޑައިލައިޓިސް)
- ކަކުލުގެ އޮސްޓިއޯއާތްރައިޓިސް
- ހެމްސްޓްރިންގް ފަދަ ކުޅިވަރުތަކުގައި ލިބޭ އެކިކަހަލަ އަނިޔާ
- ފައިގެ ހުޅު އަދި ފައިތިލައަށް ލިބޭ އަނިޔާ
- ފްރެކްޗާގެ އަވަސް ފަރުވާއަށް
ޕީއާރްޕީ ހެދުމަށް ހަށިގަނޑުން ހަތް އެމްއެލްއާއި 10 އެމްއެލްއާއި ދެމެދުގެ އަދަދަކަށް ލޭ ނަގާނެ އެވެ. ލޭ ނެގުމަށް ފަހު މާއްދާތައް ވަކިކުރުމަށް މެޗިނުގައި ހޭދަވާނީ ހަތް މިނެޓެވެ. އިންޖެކްޝަން ޖަހައި ފަރުވާ ފުރިހަމަކުރުމަށް ނަގާނީ ގާތްގަނޑަކަށް 25 މިނެޓުކަމަށް ޑރ. ކަންނިރާހް ވިދާޅުވި އެވެ.
ޕީއާރްޕީ ފަރުވާއަށް ފަހު އިންޖެކްޝަންޖަހާތަން ދުޅަވެ ތަދުވުމަކީ ބައެއް މީހުންނަށް ދިމާވާ ސައިޑިފެކްޓެކެވެ. ނަމަވެސް، މި ފަރުވާއަކީ އިންފެކްޝަން އުފެދުމުގެ ޖާގަ ކުޑަ އަދި ރައްކާތެރި ފަރުވާއެއް ކަމުގައި ވެސް ޑރ، ކންނިރާހް ވިދާޅުވި އެވެ.
"އިންޖެކްޝަނަށް ފަހު ދެތިން ދުވަސް ވަންދެން އިންޖެކްޝަން ޖަހާތަން ދުޅަވުމަކީ ދިމާވާ ކޮމްޕްލިކެޝަނެއް. އެކަމަކު މި ފަރުވާއަކީ ވަރަށް ސޭފް އަދި އިންފެކްޝަންގެ ޖާގަ ކުޑަ ފަރުވާއެއް،" ޑރ. ކަންނިހާރް ވިދާޅުވި އެވެ.
މީގެ އިތުރުން ރާއްޖޭގައި މި ފަރުވާ އެންމެ ބޮޑަށް ބޭނުންވާނީ އުމުރުން ދުވަސްވީ މީހުންގެ ތެރެއިން ކަކުލުގެ މައްސަލަ ހުންނަ މީހުން އަދި އެކި ކުޅީވަރުތަކުގައި އުޅޭ އެތްލީޓުންނާއި ކުޅުންތެރިންނަށް ކަމުގައި ޑރ. ކަންނިރާހް ފާހަގަކުރެއްވި އެވެ. އަދި މަސްވެރިންނަށް ވެސް ބައެއް ހާލަތްތަކުގައި މި ފަރުވާއަށް ބޭނުންވާފަދަ އެކި އަނިޔާތައް ލިބޭކަމަށް ވިދާޅުވި އެވެ.
ޕީއާރްޕީ ފަރުވާ ދިނުމަށްފަހު ބަލިމީހާއަށް ލުއި ނުލިބޭނަމަ، އިތުރަށް ކުރިއަށް ގެންދިއުމަށް ޑޮކްޓަރުން ލަފައެއް ނުދޭނެ އެވެ. އަދި އަނިޔާއަށް ލުއި ލިބޭނެ އިތުރު ފަރުވާތަކާއި ހިދުމަތްތަކުގެ ލަފާދޭނެ ކަން ޑރ. ކންނިރާހް ފާހަގަކުރެއްވި އެވެ.











