ސްކޫލު ނިންމާ ދަރިވަރުންގެ ތެރެއިން ރީތިކޮށް ގުރުއާން ކިޔަވާ, ނަމާދުގެ ފިގުހަށް އަހުލުވެރި ދަރިވަރުންނަށް އިމާމުވެ ހުކުރު ކުރުމުގެ ފުރުސަތު ދޭން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި ގޮތުގައި ގްރޭޑް 10, 11 އަދި 12 ނިންމާފައިވާ ދަރިވަރުންނަށް މި ފުރުސަތު ދޭން ނިންމީ, ޒުވާން އިމާމުންނާއި ހަތީބުންނަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ.
"ރީތިކޮށް ގުރުއާން ކިޔަވާ، ނަމާދުގެ ފިގުހަށް އަހުލުވެރި ދަރިވަރުންނަށް އިމާމުވެ ހުކުރުކޮށް ހުތުބާ ކިއުމުގެ ހުއްދަ ދޭން މިނިސްޓްރީން ނިންމައިފި," މިނިސްޓަރު ވިދާޅުވި އެވެ.
އިމާމުވެ ހުކުރު ކުރުމުގެ ފުރުސަތު ކުދިންނަށް ދޭން އިސްލާމިކް މިނިސްޓްރީން ނިންމިއިރު, އެއީ މިހާރުވެސް ރާއްޖޭގެ ބައެއް ރަށްތަކުގައި ކުރަމުން އަންނަ ކަމެކެވެ. އެ މިނިސްޓްރީގެ ނައިބު, އަލީ އަހުސަން 'އަދަދު' އަށް ވިދާޅުވި ގޮތުގައި, މިހާރު އިމާމުވެ ނަމާދު ކުރަނީ ރަސްމީ ހުއްދައެއް ލިބިގެނެއް ނޫނެވެ.
އޭނާ ވިދާޅުވީ މިނިސްޓްރީން މިހާރު ކުރަމުންދާ ކަމަކީ ރީތިކޮށް ގުރުއާން ކިޔަވައި, އަދި ނަމާދުގެ ފިގުހު އެނގޭ ކުދިންނަށް, އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ ރަސްމީކޮށް ދިނުން ކަމަށެވެ.

އެހެންކަމުން އިމާމުވެ ހުކުރު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅަންޖެހޭ ފޯމާއި, އުސޫލު މި ހަފްތާ ތެރޭގައި އާންމު ކުރާނެ ކަމަށް އަހުސަން ވިދާޅުވި އެވެ.












