ލިވަޕޫލް (ޑިސެމްބަރު 9) - އަނިޔާގެ ސަބަބުން ލިވަޕޫލަށް ކުޅެމުން އަންނަ އާޖެންޓީނާގެ މިޑްފީލްޑަރު، އަލެކްސިސް މެކް އަލިސްޓާ އަށް މެޗުތަކެއް ގެއްލޭނެ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.
ބްރައިޓަން ދޫކޮށް، މި ސީޒަނުގައި 45 މިލިއަން ޑޮލަރުގެ ޑީލެއްގައި ލިވަޕޫލަށް ބަދަލުވެ، މެކް އަލިސްޓާ އަންނަނީ އެ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ގިނަ މެޗުތަކެއް ކުޅެމުންނެވެ. ޓީމުގެ މުހިންމު ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަވެފައިވާ މެކް އަލިސްޓާ އަށް އަނިޔާވެފައިވަނީ ލިވަޕޫލުން އެންމެ ފަހުން ޝެފީލްޑް ޔުނައިޓެޑާ ކުޅުނު މެޗުގަ އެވެ.
ޝެފީލްޑް މެޗުގެ ދެ ވަނަ ހާފުގައި މެކް އަލިސްޓާގެ ކަކުލަށް ލިބުނު އެ އަނިޔާ ސީރިއަސް ނޫން ކަމަށް ފުރަތަމަ ބެލެވުނު ނަމަވެސް ފަހުން ޓެސްޓްތަކެއް ހަދައި ބެލިއިރު، އިތުރަށް މަޑުކުރަން ޖެހޭކަން ވަނީ އެނގިފަ އެވެ.
"އެ އިންޖަރީގެ ކަންކަން ޖެހޭނީ ދުވަހެއް ދުވަހަކަށް ބަލަން. މި ކަހަލަ ދުވަސްވަރެއްގައި ފަސް ދުވަހަށް އަނިޔާގައި ހުންނަން ޖެހުނަސް، ފުލް ފިޓްނަސް އަށް އައިސްގެން އެނބުރި ކުޅުމަށް އާދެވޭއިރު ބައެއް ފަހަރު 12 ވަރަކަށް މެޗު އެބަ ގެއްލޭ،" ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުންޏެވެ.
އަނިޔާ އިން ރަނގަޅުވެ، މެކް އަލިސްޓާ އަށް އަނބުރާ ކުޅުމަށް އާދެވޭނެ ދުވަހެއް ބުނަން އަދި އަވަސް ކަމަށް ކްލޮޕް ވަނީ ބުނެފަ އެެވެ.
އަނިޔާގެ ސަބަބުން ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާ، މިޑްފީލްޑަރުން ކަމަށްވާ ސްޓެފަން ބަޖެޓިޗް އާއި ތިއާގޯ އަލްކަންޓާރާ އަދި ފޯވާޑް ޑިއޯގޯ ޖޮޓާ ހުރީ އަނިޔާގަ އެވެ. އެންމެ ފަހުން ކުުޅުނު މެޗުގައި ލިވަޕޫލްގެ ޑިފެންޑަރު، ޖޮއެލް މަޓިޕްގެ ކަކުލަށް ސީރިއަސް އަނިޔާއެއްވެފައިވާއިރު، ދެން މި ސީޒަނުގައި އޭނާ ފެނުމުގެ ފުރުސަތު ކުޑަ އެވެ. މަޓިޕް ލިވަޕޫލްގެ ކޮންޓްރެކްޓްގައި ހުރީ ސީޒަނުގެ ނިޔަލަށެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ލިވަޕޫލުން ރަށުންބޭރުގައި ކްރިސްޓަލް ޕެލަސްއާ ކުޅޭނެ އެވެ.












