އިމާދުއްދީން ސްކޫލުގެ ދަރިވަރުންގެ ތެރެއިން އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ހާއްސަކޮށްގެން ބޭންކު އޮފް މޯލްޑިވްސްއިން އެ ސްކޫލުގައި ތެރަޕީ ރޫމެއް ގާއިމްކޮށްފި އެވެ.
މި ތެރަޕީ ރޫމް ފަރުމާކޮށްފައިވަނީ އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ގާބިލުކަން އިތުރުކޮށް، ސްޕީޗް ތެރަޕީ އާއި އޮކިއުޕޭޝަނަލް ތެރަޕީވެސް ދިނުމަށް ހާއްސަ ބައެއް ހިމަނައިގެންނެވެ. އަދި 'ސެންސަރީ އެކްޓިވިޓީސް އާއި ކައުންސިލިން ވެސް މި ތެރަޕީ ރޫމުން ދިނުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް ބޭންކުން ބުންޏެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އަދި ބީއެމްއެލްގެ އޮފިޝަލުންތަކެއް --- ފޮޓޯ:ބީއެމްއެލް
ބީއެމްއެލް އިން ބުނީ ބޭންކުން އަބަދުވެސް އަންނަނީ ހިލޭސާބަހަށް ކުރާ މަސައްކަތްތަކާއި، ތައުލީމާއި، ކުޅިވަރާއި އަދި ތިމާވެއްޓާ ގުޅުންހުރި ޕްރޮޖެކްޓްތަކަށް އިންވެސްޓް ކުރަމުން ކަމަށާއި ތައުލީމީ ދާއިރާ އަކީ ބޭންކުން ހާއްސަކަމެއްދޭ މުހިންމު ދާއިރެއެއް ކަމަށެވެ.
މި ތެރަޕީ ރޫމް 130 ކުދިން ބޭނުން ކުރާނެ ކަމަށް ބޭންކުން ބުނެ އެވެ.
ފާއިތުވި ހަތަރު އަހަރުގައި ބޭންކުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ 40 ސްކޫލަކަށް، ސްޕެޝަލް އެޑިއުކޭޝަން ނީޑް ކްލާސްތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް ކިޔެވުމަށް ބޭނުންވާ އާލާތްތައް ހަދިޔާކޮށްފަ އެވެ. ބޭންކުން ވަނީ އަތޮޅުތެރޭގެ ސްކޫލުތަކުގެ ކޮންޕިއުޓަރު ލެބް ތަރައްގީކުރުމަށް ވެސް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.










