ރިޕޯޓުހައްގުވެރިންނާއި ޕާޓީ ލިސްޓު: ބޯހިޔާވަހިކުރުމުގެ ހަމަހަމަ އުސޫލެއްގެ ބޭނުން އިންތިހާގައި

ހައްގުވެރިންނާއި ޕާޓީ ލިސްޓު: ބޯހިޔާވަހިކުރުމުގެ ހަމަހަމަ އުސޫލެއްގެ ބޭނުން އިންތިހާގައި

މީގެ 32 އަހަރު ކުރިން ސިނަމާލެ ފްލެޓުތައް ދޫކުރުއިރު ވެސް އެކަން ކުރީ ބޭއިންސާފުން ކަން މީހުން ގަބޫލު ކުރި. މިއަދާ ހަމައަށް ވެސް އެ ޝަކުވާ އެބަ އޮތް. ނަމަވެސް ހައްލެއް ނެތް. ބޭރު ގައުމުތަކުގެ މިސާލުތަކަ ބަލާއިރު ހައްލެއް ގެނެވޭނީ ގެދޮރު ދޫކުރުގެ މިންގަނޑުތަކެއް ކަނޑައަޅައިގެން.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެޅި ހިޔާ ފްލެޓުތައް: ބޯހިޔާވަހިކަން ދިނުމުގައި އިންސާފެއް ނެތް ކަމުގެ ޝަކުވާ އަބަދުވެސް ކުރޭ -- ފޮޓޯ: އަދަދު ފައިލް
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެޅި ހިޔާ ފްލެޓުތައް: ބޯހިޔާވަހިކަން ދިނުމުގައި އިންސާފެއް ނެތް ކަމުގެ ޝަކުވާ އަބަދުވެސް ކުރޭ -- ފޮޓޯ: އަދަދު ފައިލް

މި ރާއްޖޭގައި ބޭއިންސާފުން ހިނގާ ކަމެއް މީހެއް ކުރެން އަހައިލަބަލާށެވެ. އެ ލިސްޓުގެ އެންމެ ކުރިން ޖާގަ ހޯދާނެ އެއް ކަމަކަށް ވާނީ ބޯހިޔާވަހިކަމެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަކީ މި ވަގުތަށް އެންމެ ބޮޑު އަދި އެންމެ އަވަސް ހައްލެއް ބޭނުންވެފައި އޮތް މައްސަލަކަން މި ގައުމުގައި ދިރިއުޅޭ އެންމެން ދަނެ އެވެ. ގައުމުގެ އިޖުތިމާއީ، އިގުތިސާދީ ހާލަތު ކިރިޔާ ވެސް އެނގޭ މީހަކު މިކަމާ ދެބަހެއް ނުވާނެ އެވެ. މައްސަލަ ގޯސްވެފައި އޮތް ވަރަކީ މުޖުތަމައުގެ ތެރެއިން ފެންނަ ނޭއްގާނީ ގިނަ ކަންކަމުގެ މުލަކީ ބޯހިޔާވަހިކަމުގެ މައްސަލައަށްވުމެވެ.

ސޯޝަލް ހައުސިންގެ ތާރީހު

އުސް އިމާރާތްތަކެއްގައި ބައިވަރު މީހުންނަށް ދިރިއުޅެވޭ ގޮތަށް ފްލެޓުތަކެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި އިމާރާތްކުރީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގަ އެވެ. އޭރު މާލެ އޮތީ ހިއްކޭނެ ވަރަކަށް ހިއްކާ ނިމި، ބިން އިތުރުނުކުރެވޭ ހާލަތުގަ އެވެ. ހަމައެކަނި ހައްލަކަށް އޮތީ ހުރި މަދު ބިންތަކުގައި ގިނަ ބަޔަކަށް އުޅެވޭނެ ގޮތެއް ފަހިކޮށްދިނުމެވެ.

މިގޮތުން ތަރައްގީކުރި ފުރަތަމަ ސޯޝަލް ހައުސިންއަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި މާލޭގައި އިމާރާތްކުރި ސިނަމާލެ ފްލެޓުތަކެެވެ. މިތަނުގެ މަސައްކަތް ނިމި މީހުން ދިރިއުޅެން ފެށީ ޖުލައި 25، 1991 ގަ އެވެ. އެފަހުން މިވީ 32 އަހަރުގެ ތެރޭގައި އެކި ސަރުކާރުތަކުން ހިންގި ސޯޝަލް ހައުސިން މަޝްރޫއުތަކުގެ ތެރެއިން މާލެ އާއި އުތުރާއި ދެކުނުގެ މަދު ރަށްތަކެއްގައި އިމާރާތްކޮށް ނިންމާފައިވާ ދިހަ ހާހެއްހާ ހައުސިން ޔުނިޓެއްގައި މީހުން އަންނަނީ ދިރިއުޅެމުންނެވެ.

އެކަމަކު މިއިން އެއްވެސް ފްލެޓުތަކެއް ދިނުމުގައި އިންސާފުން ކަން ހިނގާފައިވާ ކަމަށް ބުނަނީ އެ ފްލެޓުތައް ލިބުނު މީހުން އެކަންޏެވެ. ގިނަ މީހުން ބުނަނީ މުޅިން ވެސް ކަންކަން ހިނގާފައި ހުރީ ބޭއިންސާފުން، އެންމެ ބޭނުން ޖެހިފައިވާ މީހާ ބާކީވާ ގޮތަށް ކަމަށެވެ. ޝަކުވާ ކުރަނީ ފްލެޓު ލިބެނީ ފައިސާ އާއި ބާރުގެ ތެރެއިން ނުފޫޒު ފޯރުވާ ގަދަ މީހާއަށް ކަމަށް ބުނެ އެވެ. ފްލެޓު ދޭނީ އުސޫލެއްގެ ތެރެއިން ކަމަށް ބުންޏަސް އެ އުސޫލަށް ވެސް ތަބާ ނުވާ މައްސަލަ ވެސް ބޮޑެވެ.

އޭގެ މިސާލަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ފެށި "ވެށިފަހި" ފްލެޓުތައް ދިނުމުގައި, އޭރު ވެރިކަން ކުރަމުން އައި ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން އުސޫލާ ހިލާފަށް ޕޮއިންޓް ދީފައިވާ މައްސަލަ ފާހަގަކޮށްލެވެ އެވެ. އޭސީސީން ހިންގި ތަހުގީގުން ފާހަގަވީ ހައުސިން މިނިސްޓްރީން އުސޫލާ ހިލާފަށް ބައެއް މީހުންނަށް ޕޮއިންޓް ދިނުމާ ގުޅިގެން ފްލެޓުތަކުގެ ހައްގުވެރި ބައެއް މީހުން، ބޯހިޔާވަހި ކަމެއް ލިބުމުން މަހުރޫމު ވެފައިވާ ކަމެވެ.

އެއަށްފަހު ފެންމަތިވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި "ގެދޮރުވެރިކުރުން" ޕްރޮގްރާމުގެ ދަށުން ދޫކުރި ފްލެޓުތަކުގެ މައްސަލަ އެވެ. އެ ފްލެޓުތަކުގެ ހައްގުވެރިން ކަމަށް ބުނާ ލިސްޓު އާންމުކުރީ އޭގެ ކުރިން ކަންކުރަމުން އައި އުސޫލާ ހިލާފަށް ފްލެޓު ލިބުނު މީހުންގެ ނަން ނުހިމަނަ އެވެ. ހިމެނީ ހަމައެކަނި ފޯނު ނަންބަރެކެވެ.

ނަންތައް ސިއްރުކުރި މައްސަލައިގައި އާންމުންގެ ރުޅިގަނޑު ފަޅައިގެން ދިޔުމުން ސަރުކާރުން ބުނީ އެހެން ކަންކުރީ ފްލެޓު ލިބުނު މީހުންގެ "ހައްގުތައް ރައްކާތެރިކުރުމަށް" ކަމަށެވެ. މިހެން ބުނެ ސަރުކާރުން ބޯދަމައިގަންނަން އުޅެ، އޭސީސީން މައްސަލަ ބެލުމަށް ފަހު ކޮރަޕްޝަން ނުހިމެނޭ ކަމަށް ނިންމިޔަސް މިއީ ވެސް އިންސާފުން ދެވުނު ފްލެޓުތަކެއް ކަމަށް މީހުން ގަބޫލެއް ނުކުރެ އެވެ. ލިސްޓުން ބާކީވި މީހުން ބުނަނީ އެ މީހުންގެ ހައްގެއް ނިގުޅައިގަތީ ކަމަށެވެ.

އޭގެ ފަހުން ދޫކުރި ހިޔާ ފްލެޓުތަކާއި މިފަހުން ދޫކުރި ގެދޮރުވެރިޔާ ފްލެޓުތަކުގައި ވެސް ހަމަ މި ހާލެވެ. ހިޔާ ފްލެޓުތަކަކީ ދެ ސަރުކާރުން ބަލަންޖެހޭ ކަންކަން ބަލައި، ކޮމިޓީތައް ހަދައިގެން ވެސް އިންސާފުން ނުދެވުނު ތަނެކެވެ. ލިސްޓާ ކުޅެގަތް އިރު އެތައް ބައެއްގެ ހައްގުތައް ގެއްލިފައިވާ ކަމަށް އެ މީހުން އަދިވެސް އަންނަނީ ބުނަމުންނެވެ. ގެދޮރުވެރިޔާ ފްލެޓުތަކުގައި ވެސް ހަމަ މި މައްސަލަ އެވެ. ލިބެން ނުޖެހޭ ޕޮއިންޓުތަކެއް ދީގެން ވަކި ބަޔަކަށް ފްލެޓު ދޭން އުޅުނު މައްސަލަ އޭސީސީން އަންނަނީ ތަހުގީގުކުރަމުންނެވެ.

މިހާރު ފްލެޓު ދިނުމުގައި ގެންގުޅޭ އުސޫލު

ސޯޝަލް ހައުސިން ދިނުމުގައި އެކި ސަރުކާރުތަކުން އެކި އުސޫލުތައް ގެންގުޅެ އެވެ. ނަމަވެސް އެ ހުރިހާ އުސޫލެއްގެ މައިގަނޑު ޝަރުތުތައް އެއްގޮތެވެ. އެއީ 18 އަހަރު ފުރިފައިވާ ދިވެއްސަކަށްވުމާއި މާލޭގައި ދިރިއުޅޭތާ ވަކި އަހަރުތަކެއް ވެފައިވުމާއި އަމިއްލަ ބޯހިޔާވަހިކަމެއް ނެތް މީހަކަށް ވުން ފަދަ އަސާސީ ޝަރުތުތަކެވެ.

މިހާތަނަށް ހިންގި ބޯހިޔާވަހިކަމުގެ ސްކީމްތަކުގައި ބޯހިޔާވަހިކަމަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން ހައްގުވެރިން ކަނޑައަޅާފައި ވަނީ ޕޮއިންޓު އުސޫލެއްގެ ތެރެއިންނެވެ. ޕޮއިންޓު ދެވޭ ބައިތަކުގެ ތެރޭގައި ކައިވެންޏާއި ދަރިންގެ އަދަދާއި ރަށްވެހިކަމާއި ދިރިއުޅޭ ތަނުގެ ފެންވަރު ނުވަތަ ހާލަތާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ބައި ހިމެނެ އެވެ.

މިހެން ހުރި އުސޫލުތަކަށް ނަޒަރު ހިންގާލާއިރު، ޕޮއިންޓު ދިނުމުގެ މިންގަނޑު ބައްޓަންވެފައި ހުރީ އެތަނެއްގެ ރަށްވެއްސަކަށް ވެފައި ގިނަ ދަރިން ތިބެފައި އުޅޭ ތަނަކީ އެ އާއިލާއަކަށް އެކަށީގެންވާ ވަރަށް ވުރެ ޖާގަ ކުޑަ ނުވަތަ ދިރިއުޅެން އެކަށީގެންނުވާ ވަރުގެ ތަނެއް ނަމަ ބޯހިޔާވަހިކަމެއް ލިބޭ ގޮތަށެވެ. އުސޫލުތައް ހުރީ ހައްގުވެރިންނަށް އިސްކަން ލިބޭ ގޮތަށެވެ. މައްސަލައަކީ އުސޫލުތައް ތަންފީޒު ނުވެ ފްލެޓު ލިބެން ކޮންމެހެން ޖެހޭ ބައެއް މީހުން ވެސް ބާކީވާތީ އެވެ.

މާޒީގެ ތަޖުރިބާއިން ދައްކާ ގޮތުގައި އެންމެ ބޭއިންސާފުން ކަން ހިނގާފައި ވަނީ ދިރިއުޅުމުގެ ހާލަތަށް ބަލައި ޕޮއިންޓު ދިނުމުގަ އެވެ. ކުރިން މިކަން ކުރަނީ ސަރުކާރުގެ އޮފިޝަލުން ގޭގެއަށް ޒިޔާރަތްކޮށްގެން ދިރިއުޅޭ ތަނުގެ ހާލަތެއް ބަލާފައި ޕޮއިންޓު ދޭ ގޮތަށެވެ. މި ޒިޔާރަތްތަކުގައި ބަލާ ކަންކަމުގެ ތެރޭގައި ގޭބިސީގައި ދިރިއުޅޭ މީހުންގެ އަދަދާއި ފާހަނަ އާއި ބަދިގޭގެ ކުޑަބޮޑުމިނާއި ހުރި ހާލަތު ހިމެނެ އެވެ.

މިހާރު ސަރުކާރުން ވަނީ މިއީ ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެ ސައްހަ މައުލޫމާތު ދިނުން ރައްޔިތުންގެ އަތް މައްޗަށް ދޫކޮށްލައިފަ އެވެ. އެއީ މިހެން ވާން ދޫކޮށްލެވޭނެ ވަރުގެ ކަމެއް ނޫނެވެ. ސަބަބަކީ ކުރިން ދީފައި ހުރި ފްލެޓުތައް ލިިބުނު ބައެއް މީހުން ދިރިއުޅުމުގެ ހާލަތު އޮޅުވާލާފައިވާ ކަމުގެ ތުހުމަތު އޮތީމަ އެވެ. ދިރިއުޅޭ ތަން ނޫން ތަނެއް ދައްކައިގެން ނުވަތަ ދިރިއުޅޭ ވަރަށް ވުރެ ގިނަ މީހުން ތިބި ކަމަށް ދައްކައިގެން ފްލެޓު ހޯދާފައިވާ ކަމަށް މީހުން ބުނާތީ އެވެ.

ދެން އިންސާފުވެރި ވާނީ ކިހިނެއް؟

އިންސާފުވެރި، ހަމަަހަމަ، ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ބޯހިޔާވަހިކަން ކަށަވަރު ކުރުމުގެ ވާހަކަ އެކި ސަރުކާރުތަކުން އެކި ގޮތް ގޮތަށް ދައްކާފައި އެބަ ހުއްޓެވެ. ތަފާތު ހައްލުތައް ވެސް ހުށަހެޅުއްވި އެވެ. އެކަމަކު އަދިވެސް ގިނައީ ކުރަން ހުރި ކަންކަމެވެ. ވުޖޫދު ކުރަން ޖެހިފައިވާ ގާނޫނުތަކެވެ. އަދާހަމަ ކުރަން ޖެހިފައިވާ ގަވާއިދުތަކެވެ. ހަރުދަނާ ކުރަން ޖެހިފައިވާ އޮނިގަނޑުތަކެވެ. ޒަމާނަށް ފައްތަން ޖެހިފައިވާ އުސޫލުތަކެވެ. ހައްތަހާވެސް ކުރަން ހުރި ކަންކަމެވެ.

ބޯހިޔާވަހިކުރުމުގެ ބޭއިންސާފުގެ މައްސަލައަކީ ރާއްޖެއަށް ހާއްސަ މައްސަލައެއް ނޫނެވެ. އަދި ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ގައުމަކަށް ވީތީ ހާއްސަ މައްސަލައެއް ވެސް ނޫނެވެ. ރާއްޖެއަށް ވުރެ މާ ތަނަވަސް ތަރައްގީވެފައިވާ ގައުމުތަކުގައި ވެސް ސަރުކާރުން ހިންގާ އިޖުތިމާއީ ބޯހިޔާވަހިކަމުގެ ސްކީމްތަކުން އެންމެ ހައްގުވެރިންނަށް ނުލިބޭ މައްސަލަތައް ފާހަގަވެ، ހައްލުކުރެވޭތޯ އަންނަނީ މަސައްކަތް ކުރަމުންނެވެ.

މިސާލަކަށް އިނގިރޭސިވިލާތެވެ. އެ ގައުމުގައި ވެސް ބޯހިޔާވަހިކަން އެންމެ އިންސާފުވެރި ގޮތެއްގައި ދެވޭނެކަން ކަށަވަރުކުރުމަށްޓަކައި ގެދޮރުވެރިކުރުމާ ގުޅޭ ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގާނޫނު ހަދާ މަޖިލީހުގައި ފާހަގަކޮށްފައި އެބަ ހުއްޓެވެ. މުޅި އެ ކަރުދާހުގައި ހުރި ހުރިހާ ވާހަަކައެއް ފާހަގަ ނުކުރި ނަމަވެސް، ރާއްޖެއާ އެއްގޮތް މައްސަލަތަކެއް ހުރި ކަން ފާހަގަކުރެވެ އެވެ.

މިކަން ހައްލުކުރަން ބަލާއިރު، ފުރަތަމަ ކަމަކަށް ހަދަންވީ ބޯހިޔާވަހިކަމަށް ބޭނުންވެފައި ތިބި މީހުން ދެނެގަންނަން "ހައުސިން ނީޑްސް އެސެސްމަންޓް" އެކެވެ. ދެން މާނަކުރަންވީ ސޯޝަލް ހައުސިންއަކީ ކޮބައިކަމެވެ. އެއަށް ފަހު ކައުންސިލް ހައުސިން އާއި ޝޯޝަލް ނުވަތަ އެފޯޑަބަލް ހައުސިން އާއި މިޑްރޭންޖް ހައުސިންއަށް ބަހާލަންވީ އެވެ. ދެން އެ ގިންތިތަކަށް ޝަރުތު ހަމަވާނެ ސާފު މިންގަނޑެއް ކަނޑައަޅައި، ބަދަލުވާ ހާލަތަށް ރިއާޔަތްކުރެވޭނެ ގޮތަކަށް ގެދޮރުވެރިކުރުުގެ ލިސްޓުތައް އެކުލަވާލަންވީ އެވެ.

މިހެން އެކުލަވާލި ލިސްޓުތަކަކީ އޭރެއްގައި ސަރުކާރެއްގައި އޮންނަ ބަޔަކު ބޭނުން ގޮތަށް ބަދަލު ނުކުރެވޭ އެއްޗަކަށް ހަދަން މި ލިސްޓަށް ގާނޫނީ ބާރުވެރިކަން ވެސް ދޭން ޖެހެ އެވެ. އަދި ހައުސިން ނީޑްސް އެސެސްމަންޓުގެ ނަތީޖާ ސަރުކާރުގެ ތަރައްގީގެ ސިޔާސަތުތަކާ ފައްތަރުކޮށް ބޭނުންޖެހިފައިވާ މީހުންނަށް، އެ އިސްކަން ދެވޭ ތަރުތީބަކުން ދެވޭނެ ގޮތް ފަހިކޮށްދޭން ބޯހިޔާވަހިކުރުމުގެ ގައުމީ ސިޔާސަތެއް އެކުލަވާލައި ތަންފީޒު ކުރަން ފަށަން އެބަ ޖެހެ އެވެ.

މި ފާހަގަކުރި ހައްލުތަކަކީ އަމިއްލަ ހިޔާލަށް އައި ހައްލުތަކެއް ނޫނެވެ. މިއީ އެކި އިރުތަކުގައި އެކި ސަރުކާރުތަކުން ބޯހިޔާވަހިކަމުގެ އިންސާފުވެރިކަން ކަށަވަރުކުރަން ހުށަހަޅައި، ނަމަވެސް އެކި ސަބަބުތަކާ ހުރެ ނުވެ ނުވަތަ ނުކޮށް ދޫކޮށްލާފައި ހުރި ކަންކަމެވެ. ބޯހިޔާވަހިކަމުގެ މައްސަލަ ގައުމީ ބޮޑު މައްސަލައަކަށް ވެފައިވާއިރު، މިކަން ހައްލުނުކޮށް ތިބެވޭކަށް ނެތެވެ. އެހެން ނޫނީ ތާއަބަދުމެ އިވޭނީ ބޯހިޔާވަހިކުރުމުގެ ބޭއިންސާފުގެ ވާހަކަ އެވެ.

އަމަން ހަލީމް

ޖާނަލިސްޓް

އަމަން ހަލީމް އަކީ ހުނަރުވެރި އުއްމީދީ ނޫސްވެރިއެކެވެ. އަދި ޓީވީ ޕްރެޒެންޓަރެއް ވެސް މެ އެވެ. ސިޔާސީ ދާއިރާ އިން ފެށިގެން ވިޔަފާރި އާއި އިގުސާދީ ދާއިރާގައި ވެސް އޭނާގެ ގަލަން ހިނގަ އެވެ. އޭނާ ކުރިން މަސައްކަތްކުރީ "ރާއްޖެ ޓީވީ" ގަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox