މެންޗެސްޓާ (ޑިސެމްބަރު 7) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާއި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުތަކުން މޮޅުވިއިރު، އެސްޓަން ވިލާ އިން 1-0 އިން އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ބަލިކޮށް ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.
ލިވަޕޫލުން ވަނީ ރަށުންބޭރުގައި ޝެފީލްޑް ޔުނައިޓެޑް އަތުން 2-0 އިން މޮޅުވެފަ އެވެ. އަމިއްލަ ދަނޑުގައި ޔުނައިޓެޑުން ވަނީ 2-1 އިން ޗެލްސީ ބަލިކޮށްފަ އެވެ.
ލީގުގެ އެއް ވަނައިގައި އާސެނަލް އޮތީ 15 މެޗުން 36 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ލިވަޕޫލަށް ވަނީ 15 މެޗުން 34 ޕޮއިންޓް ހޯދައިފަ އެވެ. އެސްޓަން ވިލާ ތިން ވަނައިގައި އޮތީ 15 މެޗުން 32 ޕޮއިންޓާ އެކު އެވެ. އެންމެ ފަހުން ލީގުގައި ކުޅުނު ހަތަރު މެޗުންވެސް ސިޓީ އަށް މޮޅެއް ލިބިފައިނުވާއިރު، އެ ޓީމު ލީގުގެ ހަތަރެއްގައި އޮތީ 15 މެޗުން 30 ޕޮއިންޓް ހޯދައިގެންނެެވެ. ފަސް ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސް އަށް ވަނީ 14 މެޗުން 27 ޕޮއިންޓް ލިބިފަ އެވެ. ޔުނައިޓެޑް ހަ ވަނައިގައި އޮތީ 15 މެޗުން 27 ޕޮއިންޓް ހަމަކޮށްގެންނެވެ.

ޝެފީލްޑް ކޮޅަށް ލިވަޕޫލްގެ ގޯލުތައް ޖެހި ސޮބޯސްލާއި (ކ) އާއި ވެން ޑައިކް އުފާފާޅުކުރަނީ.
ޝެފީލްޑް އަތުން ލިވަޕޫލް މޮޅުވި މެޗުގައި އެ ޓީމުން ފުރަތަމަ ހާފުގައި ލީޑުނެގީ ކޯނަރަކުން ހުރަސްވި ބޯޅައެއްގައި ވާޖިލް ވެން ޑައިކް ޖެހި ގޯލުންނެވެ. މެޗުގެ ތިން ޕޮއިންޓް ލިވަޕޫލުން ކަށަވަރުކުރީ އިތުރު ވަގުތުގެ ހަތަރު ވަނަ މިނިޓްގައި ގޯލު ޖަހައިގެންނެވެ. މި ލަނޑު ޖެހީ، ޑާވިން ނޫނޭޒް ދިން ބޯޅައަކުން ޑޮމިނިކް ސޮބޯސްލާއި އެވެ.
ޔުނައިޓެޑް ދަނޑުގައި އެ ޓީމަށް ލީޑުނަގައިދޭން ނުވަ ވަނަ މިނިޓްގައި ބްރޫނޯ ފެނާންޑޭސް ފޮނުވާލި ޕެނަލްޓީ ކާމިޔާބެއްނުވި އެވެ. އެކަމަކު، މެޗުގެ 19 ވަނަ މިނިޓްގައި ސްކޮޓް މެކްޓޮމިނޭ ވަނީ ގޯލު ޖަހައި ޔުނައިޓެޑަށް ލީޑުނަގައިދީފަ އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ކޯލް ޕާމާ ވަނީ ޗެލްސީ އަށް އެއްވަރުކޮށްދީފަ އެވެ. ޔުނައިޓެޑް މޮޅުވީ މެޗުގެ 69 ވަނަ މިނިޓްގައި އަލެހަންދްރޯ ގާނާޗޯ ދިން ބޯޅައެއްގައި މެކްޓޮމިނޭ ޖެހި ގޯލުންނެވެ.

ޗެލްސީ ކޮޅަށް ޔުނައިޓެޑްގެ މެކްޓޮމިނޭ (ވ) ފޮނުވާލާ ޝޮޓެއް ބްލޮކްކުރަން ޗެލްސީގެ ލީވައި ކޯލްވިލް މަސައްކަތް ކުރަނީ.
އުނާއި އެމެރީގެ ކޯޗުކަމުގައި ތަފާތު ދައްކަމުން އަންނަ ވިލާ އިން ރޭ ސިޓީ ބަލިކުރިއިރު، މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ޖެހީ 74 ވަނަ މިނިޓްގަ އެވެ. ޔޫރީ ޓީލަމަންސް ދިން ބޯޅައަކުން މި ގޯލު ޖެހީ ލެއޯން ބެއިލީ އެވެ. މި މޮޅާ އެކު، ވިލާ އިން މި ވަނީ ލީގުގައި އަމިއްލަ ދަނޑުގައި ޖެހިޖެހިގެން 14 މެޗުން މޮޅުވެފަ އެވެ.
ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ބްރެންޓްފޯޑް އަތުން 2-1 އިން ބްރައިޓަން ވަނީ މޮޅުވެފަ އެވެ. ފުލަމް އިން 5-0 އިން ނޮޓިންހަމް ފޮރެސްޓް ބަލިކުރިއިރު، ބޯންމައުތުން ވަނީ 2-0 އިން ކްރިސްޓަލް ޕެލަސްގެ މައްޗަށް ކުރިހޯދައިފަ އެވެ.












