މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބޭއްވޭ އެންމެ ފޯރިގަދަ އަދި އެންމެ ބޮޑު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މީޑިއާ/ޕަބްލިކް ރިލޭޝަން (ޕީއާރް) ޕާޓްނަރެއްގެ ގޮތުގައި "އަދަދު" ޖެހިޖެހިގެން ތިން ވަަނަ ފަހަރަށް ހަމަޖައްސައިފި އެވެ.
"އަދަދު" އާއި "ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން"ގެ ދެމެދުގައި ވެވުނު އެއްބަސްވުމުގައި ސޮއިކުރުން އޮތީ މިއަދު މެންދުރު ފަހު އަދަދު އޮފީހުގަ އެވެ.
ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ، އެ ޖަމިއްޔާގެ ރައީސް ރިލްވާން މޫސާ އެވެ. އަދަދުގެ ފަރާތުން ސޮއިކުރީ ސްޕޯޓްސް/އެސޯސިއޭޓް އެޑިޓަރު (ސްޕޯޓްސް)، އައްޒާމް އަލިފުޅު އެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު، ރިލްވާން ވިދާޅުވީ "އަދަދު" ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސަން ނިންމި އެންމެ ބޮޑު ސަަބަބަކީ ވޭދުވެދިޔަ ދެ އަހަރު ވެސް މުބާރާތް ޕްރޮމޯޓް ކުރަން އަދަދުގެ ފަރާތުން ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ހިތްހަމަޖެހޭ މަސައްކަތްތަކެއް ކޮށްފައިވާތީ ކަމަށެވެ.
"މުބާރާތް ޕްރޮމޯޓް ކުރުން ދެން ހަބަރުތައް ގެނެސްދިނުމުގައި އަދަދު އިން ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާތީ، ކުރިއަށް އޮތް މުބާރާތުގައި ވެސް އަދަދުއާ އެކު ކުރިއަށްދާން މި ނިންމީ،" ރިލްވާން ވިދާޅުވި އެވެ.
ފޯރި އަށް ބަލާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ގިނަ ބަޔެއްގެ ތަރުހީބު ބޮޑު މުބާރާތެއްގެ ގޮތުގައި އޮތް ގޯލްޑަން ފުޓްސަލް ޗެލެންޖް އަންނަ މަހު މަހު، 15 ވަނަ ދުވަހު ފަށަން ނިންމާފައިވާއިރު، "އަދަދު"ގެ ފަރާތުން މުބާރާތް ޕްރޮމޯޓް ކުރަން ގިނަ ކަންތައްތަކެއް ކުރަން ވަނީ ރާވައިފަ އެވެ.
އެ ގޮތުން، މުބާރާތުގައި ކުޅޭ ޓީމުތަކުގެ މައުލޫމާތާއި ސްޕޮންސަރުންގެ ހަބަރުތައް ވެސް ގެނެސްދިނުމަށް ވަނީ ނިންމައިފަ އެވެ.
އަންނަ މަހު ފަށާ "ގޯލްޑަން ފުޓްސަލް ޗެލެންޖް 2024" މުބާރާތުގަައި 129 ޓީމު ވާދަކުރާނެ އެވެ. އެ ގޮތުން، 320 މެޗު ކުޅޭ ގޮތަށް ހަމަޖެހިފައިވާއިރު، ކުރިއަށް އޮތް މުބާރާތުގައި ރާއްޖޭގެ ހުރިހާ އަތޮޅުން ޓީމުތައް ވާދަކުރާނެ އެވެ. މީގެ ކުރިން، ވ އަތޮޅާއި ނ. އަތޮޅުން މެޗުތަކެއް ނުފެނުނު ނަމަވެސް ކުރިއަށް އޮތް މުބާރާތުގައި އެ އަތޮޅުތަކުގެ މެޗުތައް ވެސް ކުރިއަށްދާނެ އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް ފެށުން އޮތީ ޗެރިޓީ ޝީލްޑް މެޗަކުންނެވެ. މިހާރު ޝެޑިއުލްކޮށްފައިވާ ގޮތުން، ޗެރިޓީ އަށް ކުޅޭ އެ މެޗުގައި އަންނަ މަހު 14 ވަނަ ދުވަހު ބައްދަލުކުރާނީ އެންމެ ފަހުގެ ދެ ޗެމްޕިއަނުން ކަމަށްވާ ތ. ތިމަރަފުށްޓާއި ލ. ގަން އެވެ.












