އިސްތަންބޫލް (ނޮވެމްބަރު 30) - ޗެމްޕިއަންސް ލީގުގައި ރޭ ރަށުންބޭރުގައި ގަަލަސަަތަރާއިއާ 3-3 އިން އެއްވަރުވެ، މެންޗެސްޓާ ޔުނައިޓެޑް މުބާރާތުގެ ގްރޫޕް ސްޓޭޖުން ކެޓުމުގެ ބިރާ ކުރިމަތިލާން ޖެހިއްޖެ އެވެ.
ގްރޫޕް އޭގެ އެއް ވަނައިގައި އޮތީ ރޭ ކޯޕެންހާގެންއާ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވި، ބަޔާން މިއުނިކް އެވެ. ފަސް މެޗުން ބަޔާން އަށް ވަނީ 13 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް ކޯޕެންހާގެން އާއި ތިން ވަނައިގައި އޮތް ގަލަސަތަރާއި އަށް ފަސް މެޗުން ފަސް ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި ޔުނައިޓެޑް އޮތީ ފަސް މެޗުން ހަތަރު ޕޮއިންޓާ އެކު އެވެ.
ޔުނައިޓެޑަށް މުބާރާތުގައި ކުރިއަށްދިއުމުގެ އަމިއްލަ ބާރެއް ނެތެވެ. ފަހު މެޗުން ގަލަސަތަރާއި އާއި ކޯޕެންހާގެން މެޗުން ކޮންމެ ޓީމެއް މޮޅުވިޔަސް ޔުނައިޓެޑް ކަޓާނެ އެވެ. ޔުނައިޓެޑަށް ކުރިއަށް ދެވެން އޮތީ އެ ޓީމު ފަހު މެޗުން ބަޔާން ބަލިކޮށް، ގަލަސަތަރާއި އާއި ކޯޕެންހާގެން މެޗު އެއްވަރުވެގެންނެވެ.
ޔުނައިޓެޑުން ރޭ ފެށީ 18 މިނިޓް ތެރޭ ދެ ގޯލުގެ ލީޑަކާ އެކު އެވެ. އެ ގޮތުން، 11 ވަނަ މިނިޓްގައި އަލެހަންދްރޯ ގާނާޗޯ ޔުނައިޓެޑަށް ލީޑުނަގައިދިންއިރު، އޭގެ ހަތް މިނިޓް ފަހުން، ބްރޫނޯ ފެނާންޑޭސް އޭރިއާބޭރުން ގޯލެއް ޖަހައި، ލީޑުފުޅާކޮށްދިނެވެ.
ގަލަސަތަރާއި އަށް ރޭގެ މެޗުގައި ނަތީޖާއެއް ހޯދުމުގައި އެންމެ ބޮޑު ހިއްސާއެއް އޮތީ ޔުނައިޓެޑްގެ ކީޕަރު އަންދްރޭ އޮނާނާ އަތުން ހެދުނު ގޯސްތަކެވެ. ގަލަސަތަރާއިގެ ހަކީމް ޒިޔެޗް ހިލޭ ޖެހުމުން ޖެހި ދެ ގޯލުގައި ވެސް އޮނާނާ އަތުންވަނީ ގޯސް ހެދިފަ އެވެ.
ޒިޔެޗް، ފުރަތަމަ ހާފުގައި ގޯލެއް ޖަހައި، ގަލަސަތަރާއި އަށް އުންމީދެއް ހޯދައިދިންއިރު، ދެ ވަނަ ހާފު ފަށައިގެން، ސްކޮޓް މެކްޓޮމިނޭ ވަނީ ގޯލެއް ޖަހައި، ޔުނައިޓެޑަށް އަލުން ދެ ގޯލުގެ ލީޑެއް ހޯދައިދީފަ އެވެ. ގަލަސަތަރާއިގެ ދެ ވަނަ ގޯލު ވެސް ޖެހީ، އޮނާނާގެ ގޯހަކާ އެކު، ޒިޔެޗް އެވެ. ގަލަސަތަރާއި އަށް އެއްވަރުކޮށްދިނީ ބަދަލަކަށް ކުޅެން އެރި ކަރީމް އަކްތުރުކޮގްލޫ އެވެ.
މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ފަސް މެޗުގައި ވެސް ޔުނައިޓެޑް އަތުން ވަނީ ލީޑުގެއްލިފަ އެވެ. އެކަންކަމާ ގުޅޭގޮތުން ސުވާލުކުރުމުން، ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ބުނީ މައްސަލަ އަކީ އޭނާ އަށް ރަނގަޅަށް ޓީމު ރޭވުމުގައި ބަލަންޖެހޭ ކަންކަމަށް ނުބެލެނީ ކަމަށެވެ. އެކަމަކު، ވިސްނަން ހުރި ކަންކަމަށް ބަލާއިރު، ޔުނައިޓެޑުން މެޗުން މެޗަށް ރަނގަޅު ކުރާ ކަންކަން ވެސް އެބަހުރި ކަަމަށް ޓެން ހާގް ވަނީ ބުނެފަ އެވެ.












