ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން އައްޔަންކުރާ މެންބަރެއްގެ ގޮތުގައި ގާނޫނީ ވަކީލު މުހައްމަދު ސަމީރު އައްޔަން ކުރައްވައިފި އެވެ.
"އަދަދު" ނޫހަށް އެނގިފައިވާ ގޮތުގައި މިއަދު މެންދުރުފަހުގެ ވަގުތެއްގައި އޭނާ އެ މަގާމަށް ވަނީ އައްޔަންކޮށްފަ އެވެ. ރައީސް އޮފީހުން އަދި މި ކަން ރަސްމީކޮށް އާންމެއް ނުކުރެ އެވެ.
ސަމީރަކީ މީގެ ކުރިން ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުގައި މަސައްކަތް ކުރައްވާފައިވާ ވަކީލެކެވެ. އެ އޮފީހުގައި އޭނާ މަސައްކަތް ކުރެއްވީ ނޮވެމްބަރު 27، 2017 އިން ސެޕްޓެމްބަރު 14، 2019 އާ ހަމައަށެވެ. އޭގެ ފަހުން ސަމީރު އެންޑް ޝަމާމް އެލްއެލްޕީގެ ނަމުގައި ހިންގާ ލޯ ފާމުގެ މެނޭޖިން ޕާޓްނަރުގެ ގޮތުގައި ޕްރައިވެޓް ޕްރެކްޓިސްގައި އުޅުއްވި އެވެ.
އަދި އެޓާނީ ޖެނެރަލްގެ އޮފީހަށް ލީގަލް ކޮންސަލްޓެންސީއެއްގެ ގޮތުގައި ޖުލައި 18، 2022 އިން ޖުލައި 18، 2023 އާ ހަމައަށް މަސައްކަތް ކުރައްވާފައިވެ އެވެ.
އޭނާ ވަނީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީން މާސްޓާސް އޮފް ލޯ (އެލްއެލްއެމް) ހާސިލުކުރައްވާފަ އެވެ. އަދި މަންދު ކޮލެޖުން ބަޗެލާސް އޮފް ލޯ ހާސިލްކުރައްވާފައިވެ އެވެ. އަދި މިހާރު ގެންދަވަނީ ޕީއެޗްޑީ ކޯހެއް ފުރިހަމަ ކުރައްވަމުންނެވެ.

ޖޭއެސްސީ މުހިންމުވަނީ ކީއްވެ؟
ޖޭއެސްސީއަކީ ފަނޑިޔާރުން އައްޔަން ކުރުމާއި ވަކިކުރުމާއި މަގާމުގެ ކުރިއެރުންތައް ދިނުމުގެ ބާރުތަކާ އެކު އޮންނަ މުއައްސަސާ އެވެ. އެ ކޮމިޝަނުގެ އެކުލެވުން އޮންނަ ގޮތް ބަޔާންކޮށްފައިވަނީ ގާނޫނު އަސާސީގަ އެވެ.
ޖޭއެސްސީގައި ތިބެނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި މަޖިލީހުން ކަނޑައަޅާ މަޖިލީހުގެ މެންބަރަކާއި މަޖިލީހުން ކަނޑައަޅާ އާންމު މީހަކާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓު ފަނޑިޔާރަކާއި ދަށު ކޯޓު ފަނޑިޔާރަކާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އާއި ވަކީލުން ތަމްސީލްކުރަން މެންބަރެކެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރަކާއި ބަންޑާރަ ނައިބު ވެސް އިންނަވަ އެވެ.
އެ ކޮމިޝަނުގައި އިންނަވާ ރައީސްގެ މެންބަރުގެ މަގާމު ހުސްވީ ވެރިކަން ބަދަލުވުމުންނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެމަނިކުފާނުގެ މެންބަރެއްގެ ގޮތުގައި ކޮމިޝަނުގައި އިންނެވީ ވަކީލު މަސްތޫރު ހުސްނީ އެވެ. ހުސްނީ އިންނެވީ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމުގަ އެވެ.
ވެރިކަން ބަދަލުވުމުން ކޮމިޝަނަށް ދެން އައި ބަދަލަކީ ކުރީގެ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ ބަދަލުގައި މިހާރުގެ ބަންޑާރަ ނައިބު އަހުމަދު އުޝާމް އެ ކޮމިޝަނުގައި އިންނެވުމެވެ.
ކޮމިޝަންގެ ރައީސަކީ މިހާރު ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިނެވެ. ހިސާނަކީ އިދިކޮޅު އެންމެ ބޮޑު ޕާޓީ ކަމަށްވާ އެމްޑީޕީގެ މެންބަރެކެވެ. މިދިޔަ ފަސް އަހަރު، ކޮމިޝަނުގެ އަގުލަބިއްޔަތު އޮތީ ޕާޓީއަށެވެ.













