މޭ ހައެއް ހަމަލާ: އައިއީޑީ ހަރުކުރި ސައިކަލު، ފަސް އަހަރު ކުރިން ގަތީ ތަހުމީން ކަން ހެކިވެރިޔާއަށް ޔަގީނެއް ނޫން

ރައީސް ނަޝީދަށް ހަމަލާ ދިން މައްސަލާގައި ދައުވާކޮށްފައިވާ ތަހުމީން: އައިއީޑީ ހަރުކުރި ސައިކަލު ގަތީ ފަސް އަހަރު ކުރިން، އެހެންވެ ހެކިވެރިޔާ ހަނދާނަކު ނެތް

ރައީސް ނަޝީދަށް ހަމަލާ ދިން މައްސަލާގައި ދައުވާކޮށްފައިވާ ތަހުމީން: އައިއީޑީ ހަރުކުރި ސައިކަލު ގަތީ ފަސް އަހަރު ކުރިން، އެހެންވެ ހެކިވެރިޔާ ހަނދާނަކު ނެތް

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން، ހަމަލާ ދޭން އައިއީޑީ ހަރުކުރި ސައިކަލަކީ މީގެ ފަސް އަހަރު ކުރިން ތަހުމީން ނަމަކަށް ކިޔާ މީހަކަށް ވިއްކި ސައިކަލެއް ކަމަށާއި ނަމަވެސް އެ މީހަކީ މި މައްސަލާގައި ދައުވާކޮށްފައިވާ ތަހުމީން އަހުމަދު ކަން ޔަގީނެއް ނޫން ކަމަށް ހެކިވެރިޔަކު ބުނެފި އެވެ.

މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ނަޝީދު އަވަހާރަކޮށްލަން ސައިކަލެއްގައި ހަރުކޮށްގެން ގޮއްވާލި ބޮމުގެ މައްސަލާގައި މިހާރު ޝަރީއަތް ކުރިއަށް ދަނީ، ޓެރަރިޒަމްގެ އެކި ދައުވާ އުފުލިފައިވާ ތަހުމީންގެ އިތުރުން މުޖާޒް އަހްމަދާއި، އަލީ ހައިޝަމާއި، މުހައްމަދު ނާޒިމާއި، އިސްހާގައި، ފަހުމީ އަލީގެ ބައެވެ.

މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި އޮތީ ދައުލަތުން ހުށަހެޅި ތިން ހެކިވެރިޔެއްގެ ހެކިބަސް ނެގުމެވެ. އެއިން އެއް ހެކިވެރިޔަކީ، ބޮން ހަރުކޮށްފައިވާ ސައިކަލުގެ ކުރީގެ ވެރިފަރާތެވެ. އެއީ ދައުލަތުން ބުނާ ގޮތުން، ތަހުމީނަށް އެ ސައިކަލު ވިއްކި މީހާ އެވެ.

ހެކިވެރިޔާ ވެސް ޝަރީއަތަށް ހެކިބަސް ދިން ގޮތުގައި ތަހުމީން ނަމަކަށް ކިޔާ މީހަކަށް އޭނާ ސައިކަލެއް ވިއްކި އެވެ. އެއީ ނޫ ކުލައިގެ ވޭވް-125 ސައިކަލެކެވެ. އޭގެ ރަޖިސްޓްރީ ނަންބަރު ހިތުދަސް ނުވި ނަމަވެސް ފުލުހަށް ރަޖިސްޓްރީގެ ކޮޕީއަކާއި ފޮޓޯތަކެއް ހެކިވެރިޔާ ދީފައިވެ އެވެ. އެ ހެކިތައް ވަނީ ކިތާބީ ހެކީގެ ގޮތުގައި ޝަރީއަތަށް ހުށަހަޅައިފަ އެވެ.

އޭނާ ބުނި ގޮތުގައި ސައިކަލު ވިއްކީ އޭނާ ދެކެފަރިތަ މީހަކަށް ނޫނެވެ. ސައިކަލު ވިއްކަން ސޯޝަލް މީޑިއާގައި ޕޯސްޓް ކުރުމުން، އެ ޕޯސްޓް ފެނިގެން ގުޅުމުންނެވެ. އެއް ދުވަހު ސައިކަލު ބަލަން އައި ކަމަށާއި ސައިކަލާ މެދު ހިތްހަމަޖެހޭ ކަމަށް ބުނި ކަން ހެކިވެރިޔާ ފާހަގަ ކުރި އެވެ. އަދި، އޭގެ ދުވަހެއް ފަހުން ނަގުދު ފައިސާ ދީގެން ސައިކަލު ގަތް ކަމަށް ބުންޏެވެ.

ސައިކަލު ވިއްކި ފަރާތަކީ ތަހުމީން ނަމަކަށް ކިޔާ މީހެއް ކަން އެނގުނީ، ސައިކަލު ރަޖިސްޓްރީ ބަދަލު ކުރުމަށް އައިޑީ ކާޑު ހޯދަން އެދުމުން ފޮނުވި އައިޑީ ކާޑުގެ ފޮޓޯއިން ކަމަށް ހެކިވެރިޔާ ބުންޏެވެ. ނަމަވެސް ފައިސާ ދައްކަން އައީ ސީދާ އޭނާ ކަން ބަލާފައިނުވާނެ ކަމަށް ހެކިވެރިޔާ ބުންޏެވެ. ރަޖިސްޓްރީ ބަދަލު ކުރަން ޓްރާންސްޕޯޓް މިނިސްޓްރީގެ ފޯމެއްގައި އޭނާ ސޮއި ކޮށްދީފައިވާ ކަމަށް ވެސް ބުންޏެވެ.

ނަމަވެސް ސައިކަލުގެ އަހަރީ ފީ ދައްކަން އެއްބަސްވެ ފަހުން ސައިކަލު ވިއްކި މީހާ ފީ ދައްކައިދޭން ބުނުމުން ދެބަސްވުންތަކެއް އުފެދިގެން ފަހުން ވާހަކަ ނުދެކެވޭ ކަމަށާއި ފޯނު ވެސް ނުނަގާ ކަމަށް ހެކިވެރިޔާ ބުންޏެވެ.

ތަހުމީންގެ ދިފާއީ ވަކީލު އެދިވަޑައިގެން، ހެކިވެރިޔާއަށް ތަހުމީން ދެއްކި އެވެ. ކްރިމިނަލް ކޯޓުގައި ތަހުމީން އިން ނަމަވެސް ހެކިވެރިޔާ ބައިވެރިވީ އެހެން ތަނަކުން އޮންލައިންކޮށެވެ. ތަހުމީން ފެނުމުން ހެކިވެރިޔާ ބުނީ އޭރު ދިމާވި މީހަކީ އިސްތަށިގަނޑު ކުރުކޮށް ހުރި މީހެއް ކަން ހަނދާނުގައި އެބަ ހުރި ކަމަށެވެ. އެހެންވެ އިސްތަށިގަނޑު އައްސާލާފައި ވެސް ތަހުމީން ދެއްކި އެވެ. ނަމަވެސް ހަނދާން ނެތް ކަމަށް ބުންޏެވެ.

ސައިކަލު ވިއްކީ ކޮން ދުވަސްވަރެއްގައިތޯ ސުވާލު ކުރުމުން ހެކިވެރިޔާ ބުނީ ތާރީހު ހަނދާނުގައި ނެތް ކަމަށެވެ. ނަމަވެސް އެއީ ހުޅުމާލެއާއި މާލެއާ ދެމެދު ބްރިޖު އަޅައިގެން ދަތުރުތައް ފެށި ދުވަސްވަރު ކަން ހަނދާންވާ ކަމަށް އޭނާ ބުންޏެވެ. އެހެންނަމަ އެއީ 2018، އެވެ. މީގެ ފަސް އަހަރު ކުރި އެވެ. އަދި ހަމަލާ ދިނުމުގެ ތިން އަހަރު ކުރި އެވެ.

މައްސަލައިގެ ފަސްފަހަތް

ފަހުމީއަށް ތުހުމަތު ކުރެވެނީ ގޮއްވާލި ސައިކަލުގައި ބޮން ހަރުކުރި ވަގުތު ފާރައަށް ހުރި ކަމަށެވެ. ނާޒިމަށް ތުހުމަތު ކުރެވެނީ ބޮން ގޮއްވި އަދުހަމް އަހުމަދަށް ބޮން ގޮއްވަން ބޭނުން ކުރި ރިމޯޓު ދިން ކަމަށެވެ. އަދި އިސްހާގަށް ތުހުމަތު ކުރެވެނީ އެކި ފަހަރުމަތިން ނަޝީދަށް ފާރަލި ކަމަށެވެ.

މުޖާޒްގެ މައްޗަށް ދައުވާ ކުރަނީ އައިއީޑީ ގޮއްވާލުމަށްފަހު އަދުހަމް ފިލުވަން މަސައްކަތް ކުރިކަމަށް ތުހުމަތުކޮށެވެ. އަދި ތަހުމީނުގެ މައްޗަށް ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިން ކަމެވެ.

އަތަމާ ޕެލަސް އިމާރާތުގެ އެތެރޭގަ ހުރެ ރިމޯޓެއް ބޭނުންކޮށްގެން ބޮން ގޮއްވާލި މައްސަލާގައި ނުވަ މީހަކަށް ދައުވާ އުފުލާފައި ވާއިރު މިހާތަނަށް ހުކުމަކާ ހަމައަށް ވާސިލްވެފައި ވަނީ އަދުހަމަށް ކުރި ދައުވާތަކުގަ އެވެ. އޭނާގެ މައްސަލަ އަވަސް ނިޔާއެއްގެ ގޮތުގައި ގެންގޮސް, ހުކުމް އަވަހަށް އިއްވީ ކުށަށް އިއުތިރާފުވުމުންނެވެ.

މިދިޔަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ހިންގި ޓެރަރިޒަމް އަމަލާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ތެރެއިން މުހައްމަދު ތަސްލީމާއި، އަލި މަނިކުގެ މައްޗަށް އުފުލީ ޓެރަރިޒަމް ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާ އެވެ. ހަމަލާއާ ގުޅޭ އެއްވެސް ދައުވާއެއް އަދި އުފުލާފައި ނެތް އިރު، ދައުލަތުން ބުނަނީ ހެކި ލިބުނު މިންވަރަކުން އެ މީހުންގެ މައްޗަށް ވެސް އަދި ދައުވާ ކުރެވެން ފުރުސަތު އެބަ އޮތް ކަމަށެވެ.

އަލިމަނިކުގެ މައްޗަށް ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް އިއްވި ނަމަވެސް ތަސްލީމުގެ މައްޗަށް ކުށް ސާބިތެއް ނުވެ އެވެ. ތަސްލީމަށް ކުށް ސާބިތުނުވި ހުކުމް އިސްތިއުނާފު ކުރުމާ މެދު އަދި ގޮތެއް ނުނިންމަ އެވެ.

ހަމަލާގެ މައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ދައުވާ ނުކުރަން ނިންމީ އަހުމަދު ފާތިހުގެ މައްޗަށެވެ. އެއީ އޭނާގެ މައްޗަށް ކުށް ސާބިތުކުރެވޭ ވަރަށް ހެކި ނެތުމުން ކަމަށް އެ އޮފީހުން ބުނެ އެވެ.

މިއީ ރާއްޖޭގައި މިހާތަނަށް ގޮއްވާލި އެންމެ ބާރުގަދަ އައިއީޑީ ކަމަށް ރަސްމީ އިދާރާތަކުން ބުނާއިރު، މި ބޮން ހަދާފައި ވަނީ ބާޒާރުން އާންމުކޮށް ލިބެން ހުރި ބާވަތްތައް ބޭނުންކޮށްގެންނެވެ. އޭގެއިން ދޭ ގެއްލުން ބޮޑުކުރަން އަޅާފައި ހުރީ ރޭޒާ ފުއްތަކެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox