ހަކުރު ބައްޔާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމާ ގުޅޭގޮތުން ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ މަހުގެ މުނާސަބަތުގައި ރޯޑްޝޯއެއް ބޭއްވުމަށް ޓްރީ ޓޮޕްއިން ނިންމައިފި އެވެ.
މި ރޯޑް ޝޯ އަކީ ހަކުރު ބަލިން ރައްކާތެރިވުމަށް އެޅެން ހުރި ފިޔަވަޅުތަކާއި، ބަލީގެ ކުރީކޮޅުގައި ބަލި ދެނެގަންނާނެ ގޮތްތަކާއި ހަކުރު ބައްޔާ މެދު އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ބާއްވާ ރޯޑްޝޯއެެކެވެ. އަދި މި ރޯޑް ޝޯގައި ބައްޔާ ގުޅޭ އާއްމު މައުލާމާތާއި ބައްޔަށް ބޭސިކް ޓެސްޓު ހެދޭނެ އެވެ.
ޓްރީ ޓޮޕްއިން ބުނި ގޮތުގައި މި ރޯޑްޝޯގައި ވަގުތުން ކޮންސަލްޓޭޝަން ދޭ ޑޮކްޓަރުންގެ ޕެނަލެއް ހަރަކާތްތެރިވާނެ އެވެ. މި ޕެނަލްގައި ގައިނޮކޮލަޖިސްޓުންނާއި، ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންނާއި، ނިއުޓްރިޝަނިސްޓުންނާއި އެންޑޯކްރިނޮލޮޖިސްޓުންނާއި ފިޒިއޮތެރަޕިސްޓުން ހިމެނެ އެވެ.
މީގެ އިތުރުން ފެމިލީ މެޑިސިން ސްޕެޝަލިސްޓް "ރޫޓް ސްލިޕް" ފުރިހަމަކޮށް، ބައިވެރިން ބޭނުންވާ ސްޕެޝަލިސްޓް ޑޮކްޓަރުންނާ ކޮންސަލްޓް ކުރެވޭނެ އެވެ.
އެގޮތުން މާބަނޑު ހަކުރުބައްޔާއި، ކުޑަކުދިންގެ ހަކުރުބަލީގެ މެނޭޖްމަންޓާއި، ނިއުޓްރިޝަން ކައުންސެލިންއާއި، ކަމާބެހޭ ކަސްރަތުތަކާއި، އެންޑޮކްރިނޮލޮޖީގެ ހިދުމަތްތަކާ ބެހޭ މައުލޫމާތު ހިމެނޭ ގޮތަށް ސްޕެޝަލިސްޓުން ހާއްސަ ލަފާތަކާއި މަޝްވަރާތައް އަދި ހަކުރުބައްޔާއި ގުޅުންހުރި ސްކްރީނިން ޕެކޭޖްތައް ރެކޮމެންޑްކުރާނެ އެވެ.
މި ރޯޑްޝޯ އޮންނާނީ ނޮވެމްބަރު 19، އިން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށް އިރުއޮއްސި 6:00 އިން ރެގަނޑު 8:00 އާ ދެމެދު ޓްރީޓޮޕްގެ ގްރައުންޑް ފްލޯ، ކެފޭ ސަރަހައްދުގަ އެވެ.









