އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަކީ ވަކި ގައުމަކަށް ބުރަވާ ބޭފުޅެއް ނޫން ކަމަށާއި، އެއީ "ޕްރޯ-މޯލްޑިވްސް" ވެރިއެއްކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތައުރީފު ކުރައްވައިފި އެވެ.
ލަންކާއަށް ކުރެއްވި ކުރެއްވި ނުރަސްމީ ދަތުރުފުޅެއްގައި ވެރިރަށް ކޮލަމްބޯގައި އޮތް ހަފްލާއެއްގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ، ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ތާއީދު ކުރެއްވީ ކުރިހޯއްދެވި ކެންޑިޑޭޓު މުއިއްޒުއަށް ކަމަށެވެ.
"އަޅުގަނޑަށް ވަރަށް އުނދަގޫ މުއިއްޒުއަކީ، ޗައިނާ ނުވަތަ އިންޑިއާކޮޅަށް ބުރަވާ ބޭފުޅެކޭ ދަންނަވަން. އެމަނިކުފާނަކީ ޕްރޯ-މޯލްޑިވްސް ބޭފުޅެއް." ނަޝީދު ވިދާޅުވި އެވެ.
އެއާ ހިލާފަށް ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި ރައީސް އަބްދުﷲ ޔާމީން ގެންގުޅުއްވީ އިރުމަތީ ގައުމުތައް އަދި ޗައިނާއާ ގުޅުން ބަދަހި ހާރިޖީ ސިޔާސަތެއް ކަމަށާއި، އެއަށް ފަހު ދެން ވެރިކަމަށް ވަޑައިގަތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންގުޅުއްވެވީ އިންޑިއާ ފަސްޓު ފޮރިން ޕޮލިސީއެއްކަމަށް ނަޝީދު ފާހަގަކުރެއްވި އެވެ.
"ކުރިން ރައީސް ޔާމީންވެސް ގެންގުޅުއްވީ އިންޑިއާ ފަސްޓު ޕޮލިސީ އެއް. އެކަމަކު އެކަން ފަހުން ބަދަލުވި. ބައެއް މީހުން ބުނޭ ޔާމީން އިންޑިއާއާ ދެކޮޅުވީ އަޅުގަނޑު ހައްޔަރުކުރީމަ، އިންޑިއާއިން އަޅުގަނޑު ދިފާއުކުރުމުންނޭ ވެސް." ނަޝީދު ވިދާޅުވި އެވެ.

ރައީސް ޔާމީނު ގެންގުޅުއްވި ސިޔާސަތުތަކާ އެކު ވަރަށް ގިނަ ބަޔަކު ހީކޮށްގެން ތިބީ ޕީޕީއެމް/ޕީއެންސީގެ ދެވަނަ ރައީސް މުއިއްޒު ވެސް ގެންގުޅުއްވާނީ އިންޑިއާއާ ދެކޮޅު ސިޔާސަތެއް ކަމަށް ކަމަށާއި، ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.
ސެޕްޓެމްބަރު މަހުގެ އިންތިހާބުގައި ނަޝީދު ތާއީދުކުރެއްވީ މުއިއްޒުއަށް ކަމަށް މިހާރު ވިދާޅުވި ނަމަވެސް، އެމަނިކުފާނުގެ ޕާޓީ ދަ ޑިމޮކްރެޓްސްއިން ނިންމީ އެއްވެސް ކޮޅަކަށް ތާއީދު ނުކުރުމަށެވެ.
ކޯލިޝަން ހެދުމުގެ މަޝްވަރާ މަރުހަލާގައި، ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް ޑިމޮކްރެޓްސްއިން ޝަރުތު ކުރި ކަމަކީ ސަރުކާރުގެ ހިއްސާ ދިނުމާއި ޑިމޮކްރެޓްސްގެ މައި ބައެއް ސިޔާސަތުތައް ސަރުކާރު ހިންގުމުގައި ހިމެނުމެވެ. އަދި އެ ކަންކަން ލިޔުމަކަށް ތިރިކޮށް، އެ އެއްބަސްވުމުގައި ދެ ފަރާތުން ސޮއިކުރުމަށް ވެސް ޝަރުތުކުރި އެވެ.












