ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ދިގު މުއްދަތަކަށް ހިދުމަތް ކުރި މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން އެ މުވައްޒަފުންނަށް އެވޯޑު ދީފި އެވެ.
މުވައްޒަފުންގެ އަގު ވަޒަންކޮށް, އެކަން ފާހަގަކުރުމަށް ރޭ ބޭއްވި ހަފްލާގައި ބީއެމްއެލަށް 15, 20, 25, 30, 35 އަދި 40 އަހަރު ހިދުމަތް ކޮށްފައިވާ 64 މުވައްޒަފުންނަށް ވަނީ އެވޯޑް ދީފަ އެވެ.
40 އަހަރުގެ ދިގު މުއްދަތެއްގައި ބޭންކަށް ހިދުމަތްކޮށްފައި ހާއްސަ އެވޯޑެއް ދީފައި ވަނީ ވާތީ ހެޑް އޮފް އިންޓާނަލް އޮޑިޓް ފާތިމަތު ރަޝީދާ އަށެވެ.
35 އަހަރުގެ ދިގު މުއްދަތެއްގައި ހިދުމަތްކޮށްފައި ވާތީ ހެޑް އޮފް ބްރާންޗަސް އެންޑް ސާވިސް ސެންޓާސް ހުސައިން ރަޝީދު، އޮޑިޓް މެނޭޖަރު އައިމިނަތު ހަސަން އަދި ޑެޕިއުޓީ ސީނިއާ އޮފިސަރު އައިމިނަތު ނަސީރުގެ ހިދުމަތްވެސް މި ހަފްލާގައި ވަނީ ހާއްސަ ގޮތެއްގައި ފާހަގަކޮށްފަ އެވެ.
"މުވައްޒަފުންނަކީ އަޅުގަނޑުމެންގެ ކާމިޔާބީގެ މުހިންމު ބައެއް. އެހެންކަމުން ފާއިތުވި އަހަރުތަކުގައި ހިވާގިކަމާއެކު ތިޔަކޮށްދެއްވި ބުރަ މަސައްކަތަށް ތިޔަ ކޮންމެ މުވައްޒަފަކަށްވެސް އަޅުގަނޑު ވަކިވަކިން ޝުކުރުއަދާކުރަން." މުވައްޒަފުންގެ އަގުވަޒަން ކުރައްވާ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވި އެވެ.
ބީއެމްއެލްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނަ ވަޒީފާގެ ފުރުސަތު ދީފައިވާ އެއް ކުންފުންޏެވެ. ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންނެވެ.
ބޭންކުގެ ސްޓްރެޓަޖީގައި އިސްކަންދޭ ކަންކަމާ އެއްގޮތްވާ ގޮތުގެ މަތިން އެކުލަވާލާފައިވާ ބޭންކުގެ އެޗްއާރު ޕޮލިސީތަކަކީ ވަޒީފާ ދިނުމާއި ތަމްރީން ދިނުމާއި މުވައްޒަފުންގެ އަގުވަޒަންކުރުން އެންމެ މަތީ ފެންވަރުގައި ހިންގުމަށް ބާރުއަޅާ ސިޔާސަތުތަކެކެވެ.
މިރޭ ބޭއްވި ލޯންގް ސާވިސް އެވޯޑަކީ ބޭންކުގެ މުވައްޒަފުންގެ އަގުވަޒަންކުރުމަށް ބޭންކުން ހިންގާ ހަރަކާތްތަކުގެ ތެރެއިން ހަރަކާތެކެވެ. މިއަހަރުގެ އޯގަސްޓް މަހު ބޭންކުން ވަނީ ވަޒީފާއަދާ ކުރުމުގައި އެންމެ ރަނގަޅު މުވައްޒަފުންގެ އަގުވަޒަންކޮށް އެފަރާތްތަކުގެ އިހްލާސްތެރި ހިދުމަތްތައް ފާހަގަކުރުމަށް ބޭންކުން ކޮންމެ އަހަރަކު ކުރިޔަށްގެންދާ ސްޓާފް އެވޯޑް ބާއްވާފަ އެވެ.











