ރިޕޯޓުއަމިއްލަ އަތުން ހެދި ގާނޫނުވެސް ޔާމީނުއާ ޖެހުނީމާ އެއްޗަކަށް ނުވި

އަމިއްލަ އަތުން ހެދި ގާނޫނުވެސް ޔާމީނުއާ ޖެހުނީމާ އެއްޗަކަށް ނުވި

ރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް 2015 ވަނަ އަހަރު ގެނައި އެ އިސްލާހުގައި ގައިދީއެއްގެ ގޮތުގައި ހުރެ ނުކުރެވޭނެ ކަންކަމަށް ބަދަލު ގެންނެވީ ސީދާ ރައީސް ޔާމީން އެވެ. އެ ބަދަލުތަކުގެ ތެރޭގައި، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން މަނާކުރެއްވުން ހިމެނެ އެވެ.

ކުރީގެ ރައީސް އަބްދުالله ޔާމީން. ޔާމީންގެ ބަންދަށް ސަރުކާރުން ލުއިތަކެއް ދީފައިވަނީ ސިއްހީ ހާލަތަށް ރިއާޔަތް ކުރުމަށްފަހު -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު
ކުރީގެ ރައީސް އަބްދުالله ޔާމީން. ޔާމީންގެ ބަންދަށް ސަރުކާރުން ލުއިތަކެއް ދީފައިވަނީ ސިއްހީ ހާލަތަށް ރިއާޔަތް ކުރުމަށްފަހު -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ދިވެހިރާއްޖޭގެ ޒަމާންވީ ތާރީހުގައި ސިޔާސީ ހަލޮބޮލިކަން އެތައް ފަހަރެއްގެ މަތިން ދިވެހިން ތަޖުރިބާ ކޮށްފައި ވެ އެވެ. 1800 ފަހުކޮޅު އޭރު ރާއްޖޭގެ ސިޔާސީ މައިދާނުގައި އެންމެ ނުފޫޒުގަދަކޮށް އުޅުއްވި ކަކާގެއާއި އަތިރީގޭ އައިލާގެ ދެމެދުގައި އޮތް ވާދަވެރިކަމުގެ ހުޅު ފަޅައިގެން ގޮސް ޖެހި ބޮޑުހުޅާއި 1932 ވަނަ އަހަރު އޭރުގެ ރަދުން، އަލްސުލްތާން މުހައްމަދު ޝަމްސުއްދީން 3 ވަނައިގެ ރަސްކަމުގައި އެކުލަވާލެވުނު ރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީއަށް ނަފުރަތުކޮށް ވީދާލުމަކީ ދިވެހި ސިޔާސީ ތާރީހުގެ ކަޅު ސަފުހާތަކުގެ ތެރެއިން ކުޑަ މިންވަރެކެވެ.

ފަހުގެ ތާރީހަށް ޖެހިލާއިރު، 2013 ވަނަ އަހަރު ދިވެހިރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމަކީ ފަހުގެ ތާރީހުގައި ރާއްޖެ ތަޖުރިބާ ކުރި އެންމެ ސިޔާސީ ގޮތުން ހަލަބޮލި ދުވަސްތަކެވެ.

އެ ޕާޓީއެއްގެ ބާރުގައި ވެެރިކަމަށް ވަޑައިގެންނެވި ޕާޓީ އެއްބަނޑު ބޭބޭފުޅު އަތުން ޔާމީން ގަދަކަމުން އަތުލެއްވި އެވެ. ދައުލަތުގެ ތިންބާރު ޖީބަށް ލައްވައި، ދެކޮޅަށް ބަސްބުނި މަޖިލީހުގެ މެންބަރުން އެ މަޖިލީހުގެ ފާރުމަތިން އުކާލެއްވިއިރު، އަދުލު އިންސާފުގެ ބާރުގެ ކޮންޓްރޯލް ނެންގެވީ ފުރާޅުން ޓިނު ނަގައިގެން ސުޕްރީމް ކޯޓަށް ވަދެ އެވެ. ރާއްޖޭގެ ސިޔާސީ މައިދާނުގައި ކިރިޔާ ވެސް އުރަތްޕެއް ހުރި މީހަކަށް ވިއްޔާ އެ ވެރިކަމުގައި ހައްގުވީ ޖަލު ގޮޅި ކަމުގައި ހެއްދެވި އެވެ.

ސިޔާސީ ވެރިން ޖަލުގެ ހަތަރުފާރު ތެރޭގައި ހަމައެކަނި ބޭތިއްބީއެއް ނޫނެވެ. ޕާޓިތަކުގައި އެމީހުން ފުރުއްވަމުން ގެންދެވި މަގާމާއި އެމީހުންގެ ސިޔާސީ ކުރިމަގު ވެސް ކަފުން ކުރެއްވުމަށް މަސައްކަތް ކުރެއްވީ އެވެ. އެގޮތުން ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކަށް ޕާޓީއެއްގެ ރައީސްކަން ނުކުރެއްވޭ ގޮތަށް ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް އިސްލާހު ގެންނަވައިގެން އެމްޑީޕީގެ ރައީސްކަމުން މުހައްމަދު ނަޝީދު ދުރުކުރެއްވި އެވެ. ގައިދީންގެ ގޮތުގައި ތިބޭ މީހުން ކުރުން މަނާކަންކަމަށް ވެސް އިސްލާހު ގެންނަވައި އޭރު ޖަލުގައި ތިއްބެވި ސިޔާސީ ލީޑަރުންގެ ސިޔާސީ ދުލުގައި ވެސް ތަޅު އެޅުވީ އެވެ. އެއީ އެމީހުންގެ ބަންދަށް ލުއި ލިބުނަސް މެ އެވެ.

ފަހަރުގައި ވެސް އިދިކޮޅު ސިޔާސީ ލީޑަރުންގެ ގަޔަށް ހަރަން ފޭއްސަވަމުން ގެންދެވި އިލޮށިގަނޑު ކޮންމެވެސް ޒަމާނަކުން ތިމަންނާގެ ލޮލަށް ހެރިދާނެ ކަމަކަށް ޔާމީން އޭރު ނުވިސްނަވަ އެވެ. ކަންކަން ކުރައްވަމުން ގެންދެވީ އެވަގުތަކު ހިތްޕުޅާ ވީގޮތަކަށެވެ.

ރައީސް ޔާމީނުގެ ސިޔާސީ އުޑި

ރައީސް ޔާމީނުގެ ވެރިކަމުގެ ދުވަސްވަރު އެމަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅަށް ކުޑަ ނަމަވެސް ލޮޅުމެއް އަރުވައިލަފާނެހެން ހީފުޅުވި ބޭފުޅަކުވިޔަސް ސިޔާސީ އުޑިއަށް ލައި މުގުރައި ހިމުންކޮށްލުމުގެ މަސައްކަތް ގެންދެވީ ކެނޑިނޭޅި ކުރައްވަމުންނެވެ.

ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ރައީސް ކަމުގައި އޭރު ހުންނެވި މުހައްމަދު ނަޝީދުއާއި މިހާރުގެ ހޯމް މިނިސްޓަރު، އިމްރާން އަބްދުﷲ އާއި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމްގެ އިތުރުން ޔާމީނުގެ ތުއްތޮންބޭބެ، މައުމޫން އަބްދުލް ގައްޔޫމްއަކީ ވެސް އެ އަނިޔާ ލިބި ޖަލުގައި ހޭދަ ކުރެއްވި ބޭފުޅުންނެވެ.

ކުރެވުނު ތުހުމަތުތަކެއްގެ މައްޗަށް އުފުލި ދައުވާތަކުގައި އޭރު ޖަލު ގޮޅިއަށް ލެއްވީ އެ ބޭފުޅުން އެކަންޏެއް ނޫނެވެ. އެ ބޭފުޅުންނާއެކު އެ ބޭފުޅުންގެ ސިޔާސީ ބާރުވެރިކަމާއި ޕާޓީތަކުގައި ފުރުއްވަމުން ގެންދެވި މަގާމުތަކުގައި ވެސް ކަސްތޮޅު އެޅުވީ އެވެ.

އެ ނިޔަތުގައި ފުރަތަމަ ހަމަލާ ދެއްވީ ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި ނަޝީދުއަށެވެ. އެގޮތުން އެމްޑީޕީގެ ރައީސްކަން ނަޝީދުއަށް ގެއްލޭގޮތަށް މަޖިލީހުން އިސްލާހެއް ފާސްކުރި އެވެ. ރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް 2015 ވަނަ އަހަރު ގެނައި އެ އިސްލާހުގައި ގައިދީއެއްގެ ގޮތުގައި ހުރެ ނުކުރެވޭނެ ކަންކަމަށް ވެސް ބަދަލު ގެންނެވި އެވެ.

ޕީޕީއެމްގެ އަގުލަބިއްޔަތު އޮތް މަޖިލީހުގެ 40 މެންބަރުންގެ ތާއީދާއެކު ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 62 ވަނަ މާއްދާގައި ވަނީ ސިޔާސީ ޕާޓީއަކުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު، ހުކުމެއް ތަންފީޒުކުރުމަށްޓަކައި ޖަލުގައި ބަންދުކުރެވިފައި ހުންނަ މުއްދަތުގައި ލިބިގެން ނުވާ ކަމަށް ކަނޑައެޅި އެވެ. މަގުސަދަކަށްވީ އުފެދެމުންދިޔަ ސިޔާސީ ހަލަބޮލި ކަމުގެ ސަބަބުން ނަޝީދު ގެއަށް ބަދަލު ކުރި ނަމަވެސް ސިޔާސީ ގޮތުން އެއްވެސް ކަމެއް ހާސިލު ކުރުމުގެ ފުރުސަތު ނުދިނުމެވެ.

ރައީސް ނަޝީދަށްފަހު ބޮޑެތި ތުހުމަތުތައްކޮށް ތޭރިތަކުގެ ފުރަގަހަށް ލެއްވި ސިޔާސީ ލީޑަރުންނަށް ވެސް ގާނޫނަށް ގެންނެވި އެ އިސްލާހުގެ ދަށުން އެކި ފަހަރު މަތިން ފިޔަވަޅު އެޅުއްވި އެވެ.

ޓެރަރިޒަމްގެ ކުށް ސާބިތުކޮށް 11 އަހަރުގެ ޖަލު ހުކުމެއްގައި ޖަލަށް ލެއްވި، އަދާލަތު ޕާޓީގެ ރައީސް، އިމްރާން އަބްދުﷲ ގޭބަންދުގައި ހުންނަވައި ރާއްޖެ ޓީވީއަށް ދެއްވި އޯޑިއޯ އިންޓަވިއުއަކާ ގުޅިގެން އެބޭފުޅާއަށް ދީފައި ހުރި ހުރިހާ އިނާޔަތެއް ކަނޑައިލެއްވި އެވެ.

ބޭސްފަރުވާއަށް އިނގިރޭސި ވިލާތަށް ވަޑައިގެން ނަޝީދު ވަޑައިގެން އެގައުމުގައި ހުންނެވި ދުވަސްވަރު ދުނިޔޭގެ އެކި މީޑިއާތަކަށް އިންޓަވިއުތައް ދެއްވަމުން ގެންދެވުމާއި އެ އިންޓަވިއުތަކަށް ހަވާލާދީ ދިވެހި މީޑިއާތަކުން ހަބަރު ހަދަމުން ދިއުމުގެ ސަބަބުން ކަރެކްޝަނަލް ސާވިސްގެ ފަރާތުން އެކަން ކުށްވެރިކޮށް ބަޔާން ނެރުނެވެ.

ދެހާސްއަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުގެ ކެމްޕޭނު ޕޯސްޓަރުތަކުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާ އެކު ރައީސް ނަޝީދުގެ ފޮޓޯ ޖަހާފައި ހުރުމުގެ ސަބަބުން އިންޒާރު ދިނުމަށްފަހު ފުލުހުން ނުކުމެ އެ ޕޯސްޓަރުތައް ނައްޓައި ވީދާ ކުދިކޮށްލެއްވި އެވެ.

ރައީސް ޔާމީނުގެ އޮފު ކެނޑެން މެދުވެރިވި އެ ސަބަބުތައް އެމަނިކުފާނަށް 2018 ގައި ކުރިމަތިވި ނާކާމިޔާބީއަށްފަހު އިސްލާހު ކުރައްވާނެ ކަމަށް ހީކުރެވުނު ނަމަވެސް މިއަދު އަނެއްކާވެސް ޕީއެންސީގެ ވެރިކަމަކަށް އަލިވިލެން ފެށުމާއެކު ޔާމީނު ގެންދަވަނީ ކުރިން ހިންގެވި މަގުން ކުރިއަށް ވަޑައިގަންނަން މަސައްކަތް ކުރައްވަމުންނެވެ.

ޔާމީނު ވެރިކަން ދިފާއު ކުރުމަށް ގެންގުޅުއްވި ސިޔާސީ އުޑީގެ މަތީ ކިބައަކަށް ބޭނުން ކުރެއްވި ގާނޫނުތައް ވެސް މިއަދު އެމަނިކުފާނުގެ ކުރިފުޅުމަތީގައި އެއީ ހަމައެކަނި ކަރުދާސް ގަނޑަކަށް ބަދަލުވެއްޖެ އެވެ.

އަމިއްލަ އަތްޕުޅުން ހެއްދެވި ގާނޫނު ވެސް ބޮލާލައި ޖައްސަވައިފި

ރައީސް ޔާމީނުގެ ވެރިކަމުގައި ހިންގެވި ކޮރަޕްޝަންގެ ކުށްތަކެއް ސާބިތުވެ މިއަދު އެމަނިފާނަކީ ގައިދީ އެކެވެ. އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި ޔާމީންގެ އަމިއްލަ އެދިލެއްވުމުގެ މަތިން މިހާރު ހުންނެވީ ދެފަހަރު މަތިން ލުއި ދެއްވައި މާލެ ބަންދަށް ބަލަލު ކުރައްވައިފަ އެވެ.

އެއާއެކު އެރމަނިކުފާނު ގެންދަވަނީ ގައުމުގައި އިސްލާހު ކުރަންޖެހޭ ކަންކަން ފާހަގަ ކުރައްވައި އެކި ތަންތަނުގައި ތަގުރީރުތައް ދެއްވަމުންނެވެ. ޕާޓީގެ ކުރިމަގާ ގުޅޭގޮތުން ޖަގަހަ ޖަލްސާތަކުގައި ވެސް ވާހަކަދައްކަވަމުންނެވެ. ނަމަވެސް އެމަނިކުފާނުގެ އަމިއްލަ އަތްޕުޅުން ތަސްދީގު ކުރެއްވި ގާނޫނުތަކުގެ މަތިން މިހާރު ހަނދުމަފުޅު ހުރި ހެނެއް އުޅުއްވާ އުޅުއްވުމަކުން ހިޔެއް ނުވެ އެވެ.

ވަރަށް މުއުތަބަރު ގޮތަކަށް "އަދަދު" އަށް ކަށަވަރުވެފައި ވާގޮތުގައި ރައީސް ޔާމީނުގެ ބަންދަށް ކަރެކްޝަންސްއިން ލުއި ދީފައި ވަނީ އެ ސާވިސްއާއި ޔާމީންއާ ދެމެދު އިގުރާރެއް އެކުލަވައިލުމަށްފަހު އެވެ. އެ އިގުރާރުގައި ޔާމީން ވަނީ ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާއި އުސޫލުތަކާ ހިލާފު އެއްވެސް އަމަލެއް ނުހިންގުމަށް އެއްބަސްވެފަ އެވެ.

އެގޮތަށް އިގުރާރުގައި އެއްބަސްވުމަށްފަހު ވެސް ފާއިތުވި ހަފުތާގެ ތެރޭގައި ޕާޓީގެ މެންބަރުންނާ ބައްދަލު ކުރެއްވުމުގެ އިތުރުން ޕީޕީއެމްގެ ޖަގަހަ ޖަލްސާގައި ބައިވެރިވެފައިވާއިރު، ޔާމީނުގެ ވެރިކަމުގައި ތަސްދީގު ކުރެއްވި، ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 62 ވަނަ މާއްދާގައި ވަނީ ސިޔާސީ ޕާޓީއަކުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު، ހުކުމެއް ތަންފީޒުކުރުމަށްޓަކައި ޖަލުގައި ބަންދުކުރެވިފައި ހުންނަ މުއްދަތުގައި ލިބިގެން ނުވާ ކަމަށެވެ.

titledesc

ބަންދަށް ލުއި ދިނުމަށް އެކުލަވާލި އިގުރާރުގެ ދަށުން ޔާމީންއަށް ހުއްދަ ދީފައި ވަނީ ޑޮކްޓަރީ ފަރުވާގެ އެކިއެކި ބޭނުންތަކަށާއި ކަސްރަތު ކުރުމުގެ އެކިއެކި ބޭނުންތަކުގެ އިތުރުން މުހިންމު އެކި ބޭނުންތަކަށް ގުރޭޓާ މާލެ ސަރަހައްދުގެ ކޮންމެ ތަނަކަށް ވެސް ކަރެކްޝަންސްއަށް އެންގުމަށްފަހު ދިއުމަށެވެ. އަދި މުހިންމު ކަންކަމުގައި ބައްދަލު ކުރަން ބޭނުންވާ މީހުންނާއި ކަރެކްޝަންސްއަށް އެންގުމަކާ ނުލައި ބައްދަލު ކުރުމުގެ ހުއްދަ ދީފައިވެ އެވެ.

ނަމަވެސް އެ އިގުރާރުގައި ވެސް ފާހަގަކޮށްފައި ވާގޮތަށް ގާނޫނު އަސާސީގައި ގައިދީން ކުރުން މަނާކަމެއް ކުރުން ޔާމީނަކަށް ހުއްދައެއް ނުވާނެ އެވެ. އެހެންކަމުން ސިޔާސީ ޕާޓީއެއްގެ މެންބަރު ކަމުގައި ހުންނެވިއެއް ކަމަކު ސިޔާސީ ހަރަކާތްތަކުގައި ހަރަކާތްތެރިވުމަކީ ގާނޫނީ ކުށެކެވެ.

"އަދަދު" އަށް އެނގިފައި ވާގޮތުގައި ޔާމީންއާއި ކަރެކްޝަންސްއާ ދެމެދު އެކުލަވައިލި އިގުރާރުގައި ޔާމީން ވަނީ އިގުރާރާ ހިލާފުވެއްޖެ ހާލަތުގައި އެ އިގުރާރު ބާތިލުކޮށް އަނބުރާ ޖަލަށް ގެންދިއުމާ މެދު އެއްވެސް އިއުތިރާޒެއް ނެތް ކަމަށް އެއްބަސްވެފަ އެވެ.

ގާނޫނުގައި ކަނޑައެޅިގެން މަނާ ކަންތައްތަކެއް ކުރައްވަމުން ޔާމީން ގެންދެވި ނަމަވެސް މިއަދާ ހަމައަށް ވެސް ކަމާބެހޭ އިދާރާތައް އޮތީ ގަދަ ނިދީގަ އެވެ. އެކަންކަމާ ގުޅޭ ގޮތުން ފިޔަވަޅެއް ނޭޅޭ ތަނުގައި ބަޔާނެއް ނެރެލާނެ މުއައްސަސާއެއް ވެސް އަދި ނެތެވެ.

ހަމައެކަނި އޮތީ ހިތުގައި އުފެދިފައި އޮތް ސުވާލެކެވެ. ރައީސް ޔާމީނު ކުރެއްވީމާ އެކަންކަން އެއީ ކުށަކަށް ނުވަނީތޯ އެވެ. ނުވަތަ މި ދަނޑިވަޅުގައި ރައީސް ޔާމީނަށް ފިޔަވަޅެއް އެޅުމަށް މުއައްސަސާތަކުން ޖެހިލުންވަނީތޯ އެވެ.

މުހައްމަދު ޝަހްޒާން

ޖާނަލިސްޓު

މުހައްމަދު ޝަހުޒާން އަކީ ނޫސްވެރިކަމުގެ ހުރިހާ ދާއިރާއެއްގެ ހަބަރުތައް ވެސް ލިޔާ ނޫސްވެރިއެކެވެ. އޭނާ އަކީ ކުރިއަރަމުން އަންނަ ހުނަރުވެރި ފީޗާ ލިޔުންތެރިއެއް ވެސް މެ އެވެ. މަލްޓިމީޑިއާގެ މަސައްކަތަކަށް ވެސް ފަރިތަ އެވެ. އޭނާ ކުރިން މަސައްކަތްކުރީ 'އަދިވެސް' ގައި ލިޔުންތެރިއަކަށެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox