ބޮގޮޓާ، ކޮލަމްބިއާ (އޮކްޓޯބަރު 31) - ލިވަޕޫލްގެ ތަރި، ލުއިސް ޑިއާޒްގެ ބައްޕަ ހޯދުމަށް ކޮލޮމްބިއާގެ އަސްކަރިއްޔާގެ ސިފައިންނާއި ފުލުހުން ގުޅިގެން ވަރުގަދަ މިލިޓަރީ އޮޕަރޭޝަނެއް ފަށައިފި އެވެ.
ކޮލަމްބިއާގެ ފޯވާޑް ލުއިސް ޑިއާޒްގެ ބައްޕަ ލުއިސް މެނުއެލް ޑިއާޒް ކިޑްނެޕް ކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެގައުމުގެ އުތުރު ހިސާބެއް ކަމަށްވާ ލަ ގުއަޖީރާގެ ޕެޓްރޯލް ސްޓޭޝަނެއްގައި ހުއްޓާ ސައިކަލްގައި އައި ގޭންގެއްގެ ބަޔަކު ވަނީ ޑިއާޒްގެ ބައްޕަ ކިޑްނެޕްކޮށްގެން ގެންގޮސްފަ އެވެ.
އޭނާގެ ބައްޕަ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ އެ މައްސަލަ ރިޕޯޓްކުރި ހިސާބުން ކުރަމުންނެވެ. މި އޮޕަރޭޝަން ފުޅާކުރުމަށް އެގައުމުގެ ރައީސް ގުސްޓާވޯ ޕެޓްރޯ އަންނަނީ މަސައްކަތްކުރައްވަމުންނެވެ. މިގޮތުން އެގައުމުގެ މިލިޓަރީ ސިފައިން ހިމަނައިގެން ބޮޑު މިލިޓަރީ އޮޕަރޭޝަނެއް ކުރިއަށްގެންދިޔުމަށް އޭނާ ވަނީ ހުއްދަ ދެއްވާފަ އެވެ.
މިލިޓަރީ ސިފައިންގެ 120 އަށްވުރެ ގިނަ މީހުން މި އޮޕަރޭޝަންގައި ހަރަކާތްތެރިވަމުން އަންނައިރު، ލުއިސް ޑިއާޒްގެ ބައްޕައާ ގުޅޭ މައުލޫމާތުދިން މީހަކަށް 40،000 ޑޮލަރުގެ ފައިސާގެ އިނާމެއްވެސް ވަނީ ހުށަހަޅާފަ އެވެ.
ކޮލަމްބިއާގެ މިލިޓަރީ އިންޓެލިޖެންސުން މައުލޫމާތުދޭ ގޮތުގައި ލުއިސް ޑިއާޒްގެ ބައްޕަ މިހާރު ވަނީ އަވަށްޓެރި ވެނެޒުއޭލާއަށް ގެންގޮސްފަ އެވެ. ނަމަވެސް މިއީ ޔަގީން މައުލޫމާތެއް ނޫނެވެ.
ކޮލަމްބިއާގެ މާފީއާ ގްރޫޕްތަކުން އެންމެ ގިނައިން އޮޕަރޭޓްކުރާ އެއް ސަރަހައްދަކީ އެގައުމާއި ވެނެޒުއޭލާ ގުޅޭ ބޯޑަރު ކައިރީގައި ހިމެނޭ ސަރަހައްދެވެ. ލުއިސް ޑިއާޒްގެ ބައްޕަ ކިޑްނެޕްކޮށްފައިވަނީ މީގެ ތެރެއިން ގްރޫޕަކުންކަމަށް ބެލެވެ އެވެ.
މީހުން ކިޑްނެޕްކޮށްގެން ބަދަލުގައި ގޮތުގައި ފައިސާ ހޯދުމަކީ ކޮލަމްބިއާގެ ގޭންގުތަކުން އާންމުކޮށް ކުރާކަމެކެވެ. ދެހާހުގެ އަހަރުތަކުގައި މީހުން ކިޑެންޕް ކުރާ އަދަދު ބޮޑުތަނުން މައްޗަށްދިޔައިރު، މިދިޔަ ދެ ތިން އަހަރު އަދަދުތައް ދަށްވި އެވެ. ނަމަވެސް އަނެއްކާވެސް މިއަހަރު ކިޑްނެޕްކުރުމުގެ ކޭސްތައް ގިނަވާން ވަނީ ފަށާފަ އެވެ.












