އިންޑިއާގެ އަންދުރަ ޕްރަދޭޝްގައި ދެ ރޭލު ޖެހި ހިނގި އެކްސިޑެންޓެއްގައި 13 މީހުން މަރުވެ, 50 އަށްވުރެ ގިނަ މީހުން ޒަހަމްވެއްޖެ އެވެ.
މިހާތަނަށް ބެލި ބެލުމުން މި އެކްސިޑެންޓު ހިނގާފައިވަނީ ޑްރައިވަރުންގެ މައްސަލައެއްގެ ސަބަބުން ކަމަށް އިދާރާތަކުން ވަނީ ބުނެފަ އެވެ.
އަދި, އެކްސިޑެންޓުވީ ހުއްޓިފައި އޮތް ރޭލެއްގެ ފަހަތުން އައި އެހެން ރޭލަކުން ޖެހުމުން ކަމަށާއި ހޯމަ ދުވަހުގެ ނިޔަލަށް ރޭލުތައް ދަގަނޑުން ނަގައި ސާފު ކުރެވޭނެ ކަމަށް ބެލެވޭ ކަމަށް އިދާރާތަކުން ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން 33 ރޭލެއްގެ ދަތުރުތައް ކެންސަލްކޮށް 22 ރޭލެއްގެ ދަތުރުތައް އެހެން ތަންތަނަށް ވަނީ ޑައިވާޓު ކޮށްފަ އެވެ.
އެކްސިޑެންޓުގައި އެކި ގޮތްގޮތުން ގެއްލުން ލިބުނު މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އަންދުރަ ޕްރަދޭޝްގެ ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.







