ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރަމުންދާ އެކްޓިވިސްޓު ގަދަކަމުން ހޮސްޕިޓަލަށް ގެންގޮސްފި

Jul 19, 2026, 8:30 AM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

އިންޑިއާގެ ތައުލީމީ ދާއިރާގެ އިސްލާހަށް ގޮވާލައި، ވެރިރަށް ދިއްލީގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުންދިޔަ އެކްޓިވިސްޓް އަދި ތައުލީމީ މާހިރު ސޯނަމް ވަންގްޗުކް، ހަޅުތާލު ކުރަމުންދިޔަ ސަރަހައްދުން ފުލުހުން ބާރުގެ ބޭނުންކޮށްގެން ހޮސްޕިޓަލަށް ގެންގޮސްފި އެވެ.

އޭނާ ހަޅުތާލު ކުރަމުންދާތާ މިއަދަށް ވަނީ 20 ދުވަސް ވެފަ އެވެ.

އުމުރުން 59 އަހަރުގެ ވަންގްޗުކް މި ހަޅުތާލު ކުރަމުންދަނީ ތައުލީމީ ދާއިރާގެ އިސްލާހަށް ގޮވާލައި އުފައްދާފައިވާ "ކޮކްރޯޗް ޖަންތާ ޕާޓީ" (ސީޖޭޕީ) އަށް ތާއީދު ކުރުމުގެ ގޮތުންނެވެ. މި ހަރަކާތުގެ ބައިވެރިން ރޭވީ އަންނަ ހޯމަ ދުވަހު އިންޑިއާގެ ޕާލަމެންޓަށް ހިނގާލުމެއް ބޭއްވުމަށެވެ.

މި ހޫނު މޫސުމުގެ ގަދަ އަވީގައި ވަންގްޗުކް ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރަމުންދިޔައީ ހަމައެކަނި ލޮނާއި ފެން ބޭނުންކޮށްގެންނެވެ. މި ހަޅުތާލުގެ ސަބަބުން އޭނާ 9 ކިލޯ ލުއިވެފައިވާއިރު، އޭނާގެ ހަށިގަނޑުގައި ވަރަށް ބޮޑަށް ރިހުން ހުރި ކަމަށް މައުލޫމާތު ލިބެ އެވެ.

ވަންގްޗުކްގެ ބަދަލުގައި މިހާރު ވަނީ ސީޖޭޕީގެ ބާނީ އަބީޖީތު ދިޕްކޭ މުއްދަތެއް ނެތް ގޮތަށް ބަނޑުހައިހޫނުކަމުގެ ހަޅުތާލު ފަށާފަ އެވެ. ދިޕްކޭ ބުނި ގޮތުގައި ޕާލަމެންޓަށް ކުރަން ނިންމާފައިވާ ހިނގާލުން ކުރިއަށްދާނެ އެވެ. އަދި އޭނާ ވަނީ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިސްތިއުފާ ދެއްވުމަށް ވެސް  .

ހޮނިހިރު ދުވަހު ހަޅުތާލު ކުރަމުންދިޔަ ސަރަހައްދުން ފެނުނު ވީޑިއޯތަކުން ފެންނަ ގޮތުގައި، އެ ގައުމުގެ ގަޑިން ހެނދުނު 07:30 ހާއިރު ގިނަ އަދަދެއްގެ ފުލުހުންނާއި ޕެރާމިލިޓަރީ ސިފައިން ވަނީ ވަންގްޗުކް އޮތް ސްޓޭޖަށް އަރައިގަނެ، އެ ސަރަހައްދު ހަލަބޮލިކޮށްލާފަ އެވެ. 

ފުލުހުން ވަނީ ވަންގްޗުކް ސްޓޭޖުން ބޭލުމުގެ ކުރިން ބެޑްޝީޓްތަކަކުން އޭނާ ނިވާކޮށްފަ އެވެ. އޭގެ ކުޑަވަގުތުކޮޅެއް ފަހުން، އެމްބިއުލާންސެއް ބާރު ސްޕީޑުގައި އެ ސަރަހައްދު ދޫކޮށް ދަނިކޮށް ފެނިފައިވެ އެވެ.

ވަންގްޗުކްގެ އަންހެނުން ގީތާންޖަލީ އަންގްމޯ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އޭނާ ހުރީ ވަންގްޗުކް އެޑްމިޓްކޮށްފައިވާ ސަފްދަރުޖަންގް ހޮސްޕިޓަލުގައި ކަމަށެވެ.

ސަފްދަރުޖަންގް ހޮސްޕިޓަލުގެ މެޑިކަލް ސުޕްރިންޓެންޑެންޓް ޑރ. ޗާރޫ ބަމްބާ އޭއެންއައި ނިއުސް އެޖެންސީއަށް މައުލޫމާތު ދެމުން ބުނީ، ވަންގްޗުކްގެ ހާލަތު މިހާރު ރަނގަޅު ކަމަށާއި އޭނާ އޮތީ ހޭލައި ކަމަށެވެ.

ފުލުހުންގެ އިސް އޮފިޝަލަކު ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނީ، ވަންގްޗުކް ހޮސްޕިޓަލަށް ބަދަލުކުރީ ކޯޓު އަމުރަކާ އެއްގޮތަށް، އޭނާގެ ސިއްހީ ހާލަތަށް ރިއާޔަތްކޮށް ޑޮކްޓަރުންގެ ލަފާގެ މަތިން ކަމަށެވެ.

ވަންގްޗުކްގެ ސިއްހީ ހާލަތު ގަވާއިދުން ބަލައި، ބޭނުންވާ ފަރުވާ ފޯރުކޮށްދިނުމަށް ފެޑަރަލް ސަރުކާރުގެ މައްޗަށް ދިއްލީ ހައިކޯޓުން ބުރާސްފަތި ދުވަހު އަމުރެއް ނެރުނެވެ.  

ބަނޑުހައިހޫނުކަމުގެ ހަޅުތާލު ހުއްޓާލުމަށް ގިނަ ބަޔަކު އެދެމުންދިޔަ ނަމަވެސް، ވަންގްޗުކް ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ. އޭނާގެ ސިއްހީ ހާލަތު ދަށްވެފައިވީ ނަމަވެސް، ހޯމަ ދުވަހު ޕާލަމެންޓަށް ކުރާ ހިނގާލުމުގައި ބައިވެރިވާނެ ކަމަށް އޭނާ ދިޔައީ ބުނަމުންނެވެ.

ސީޖޭޕީ އަކީ އިންޑިއާގެ މުހިއްމު އިމްތިހާންތަކުގެ ކަރުދާސްތައް ލީކުވުމާއި، އެހެނިހެން މައްސަލަތަކާ ދެކޮޅަށް މޭ މަހު އޮންލައިންކޮށް ފެށި ހަރަކާތެކެވެ. މި ހަރަކާތަށް ސޯޝަލް މީޑިއާގައި ބޮޑު ތާއީދެއް ވަނީ ލިބިފަ އެވެ.

އަމިއްލައަށް "ކޮކްރޯޗް" ނުވަތަ ކުރަފީގެ ނަމުން ނަންދީފައިވާ މި ހަރަކާތުގެ ބައިވެރިން މުޒާހަރާ ކުރާތާ މިހާރު މަހެއް ވެއްޖެ އެވެ. ބައެއް ދަރިވަރުންގެ ޖަމިއްޔާތަކުން ވެސް ވަނީ ވަންގްޗުކްއާ އެކު މި ހަޅުތާލުގައި ބައިވެރިވެފަ އެވެ.

މި މީހުން ދަނީ އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރަ ޕްރަދާން އިސްތިއުފާ ދެއްވުމަށް ގޮވާލަމުންނެވެ. އެއީ ޑޮކްޓަރުކަން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ބާއްވާ މުހިންމު އެންޓްރަންސް އިމްތިހާނެއްގެ ކަރުދާސް ލީކުވުމާ ގުޅިގެން މޭ މަހުގެ ކުރީކޮޅު އެ އިމްތިހާން ކެންސަލް ކުރަން ޖެހުމުންނެވެ. މުޒާހަރާގެ ބައިވެރިން ބުނަނީ މިކަމުގެ ޒިންމާ މިނިސްޓަރު އުފުއްލަވަން ޖެހޭނެ ކަމަށެވެ.

ނަމަވެސް މިނިސްޓަރު ޕްރަދާން ވަނީ ސީޖޭޕީ އާއި އެ ޖަމިއްޔާއަށް ތާއީދުކުރާ މީހުންނަކީ "ގައުމު ހަލަބޮލިކުރަން އުޅޭ ބައެއް" ކަމަށް ސިފަކުރައްވައި، އެ މީހުންގެ ވާހަކަތައް ބަލައިނުގަންނާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މޯދީގެ ސަރުކާރުން މިހާތަނަށް މުޒާހަރާގެ ބައިވެރިންނާ އެއްވެސް މަޝްވަރާއެއް ކޮށްފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox