މުއިއްޒު ފުރަތަމަ ކުރައްވަންޖެހޭނެ ކަމަކީ ކަނޑުގެ ސަރަހައްދު ހޯދަން އިޓޮލަސް އަށް ދިޔުން: ޔާމީން

ޖަލު ހުކުމަށް ފަހު ފުރަތަމަ ފަހަރަށް ޖަގަހަ ޖަލްސާއެއްގައި ރައީސް ޔާމީން ވާހަކަ ދައްކަވަނީ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ޖަލު ހުކުމަށް ފަހު ފުރަތަމަ ފަހަރަށް ޖަގަހަ ޖަލްސާއެއްގައި ރައީސް ޔާމީން ވާހަކަ ދައްކަވަނީ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ ރާއްޖޭން "ގެއްލުނު" ކަނޑުގެ ސަރަހައްދު ހޯދަން ކުރާ އިހުތިޖާޖު ފަށައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް އެ މައްސަލަ ހުށަހެޅުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

މޮރިޝަސްގެ އިހުތިސޯސްގައި ހިމެނޭ ކަމަށް ކަނޑައަޅާފައިވާ ޗާގޯސްގެ ޖަޒީރާ ރަށްތަކާއި ރާއްޖެއާ ދެމެދު ފުށުއަރާ 92،563 އަކަ ކިލޯމީޓަރުގެ ކަނޑުގެ ސަރަހައްދުގެ ތެރެއިން ރާއްޖެއަށް 47،232 ކިލޯމީޓަރު އަދި މޮރިޝަސްއަށް 45،331 ކިލޯމީޓަރު ސަރަހައްދު ލިބިގެންވާ ކަމަށް އިޓްލޮސްއިން ނިންމާފައިވެ އެވެ.

ޕީޕީއެމްގެ އޮފީހުގައި ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއް އެކުލަވާލަން ޖެހިފައިވަނީ މީގެ އެތައް އަހަރުތަކެއް ކުރިން ރާއްޖޭގެ ސިޔާދަތީ ބާރު ނެތިފައިވާ ފަދަ ހާލަތެއްގައި ކަމަށެވެ.

Advertisement

އެމަނިކުފާނު އިޝާރާތް ކުރެއްވީ އިޓްލޮސްގެ ނިންމުމަށެވެ. އިޓްލޮސްގެ ނިންމުމާ ދެކޮޅަށް ރާއްޖޭގެ ސިޔާސީ ޕާޓީތައް ގުޅިގެން ފެށި އިހުތިޖާޖަށެވެ. އެމަނިކުފާނު ވިދާޅުވީ އެ އިހުތިޖާޖު ހުއްޓާލައިގެން ނުވާނެ ކަމަށާއި އެއީ އާ ސަރުކާރުން ފުރަތަމަ ވެސް ކުރަން ޖެހޭ މަސައްކަތް ކަމަށެވެ.

"ފުރަތަމަ ކުރަން ޖެހޭ ކަމަކީ ވެރިކަން ކުރާނެ ސަރަހައްދެއް ކަނޑައެޅުން، އިންތިހާބީ ރައީސް ފުރަތަމަ ކުރަން ޖެހޭ ކަމަކީ އިޓްލޮސްގައި އަޅުގަނޑުމެންގެ އިހުތިޖާޖު ރަޖިސްޓްރީކުރަން، އިންތިހާބީ ރައީސަށް އަޅުގަނޑު މި ލަފާ އަރުވަން ވެސް އަރުވާނަން،" ޔާމީން ވިދާޅުވި އެވެ.

ކަނޑުގެ ސަރަހައްދު ހޯދުމުގެ މަސައްކަތުގެ އިތުރުން، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވައިލުމަކީ ވެސް ކުރަން ޖެހޭ ކަމެއް ކަމަށް ޔާމީން ވިދާޅުވި އެވެ. އެ މަސައްކަތް ހާސިލުވުމުގައި ލަސްތަކެއް އައުން ބަލައިގަނެވުނަސް މާ ބޮޑަށް ލަސް ވެގެން ނުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ފަސް އަހަރުގެ ބޮޑު ބައި ނުނިމެނީސް ޖެހޭނެ މި ކަން ވެސް ކުރަން [އިންޑިއާ ސިފައިން ފޮނުވާލަން]،" ޔާމީން ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ އެ ދެ މަސައްކަތް ހާސިލްވެފައި 2018 ގެ ރިޔާސީ އިންތިހާބު "އޮޅުވާލި" މައްސަލާގައި އިންސާފު ހޯދުމުން މުއިއްޒުގެ ސަރުކާރަށް "ފާސް" މާކްސް ދެވޭނެ ކަމަށެވެ.

ރާއްޖޭގެ ސަރަހައްދު ހޯދުމާއި އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ކުރިޔަށްދާ ގޮތާއި މިންވަރު އިންތިހާބީ ރައީސް ޑރ. މުއިއްޒު ދޭތެރެ ދޭތެރެއިން އިއުލާނުކޮށް ދެއްވަން ޖެހޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ. އެގޮތަށް ކަން ނުކުރައްވައިފި ނަމަ "ދެން ޖެހޭނީ ޓީޝާޓުގައި 'އިންޑިއާ އިން' ޖަހައިގެން ނުކުނަން" ކަމަށް ވިދާޅުވި އެވެ.

"[މުއިއްޒު ވެރިކަމަށް ގެނައުމަށް] އަޅުގަނޑު މިހާ މަސައްކަތް ކުރީމަ އެވަރުގެ ދުއްތުރައެއް ޖެހިގެން ނުވާނެ ދެއްތޯ،" ޔާމީން ވިދާޅުވި އެވެ.

ރާއްޖޭގެ ސިޔާދަތީ ބާރު ދެމެހެއްޓުމުގެ ވަކާލާތު ހުއްޓާ ނުލައްވާނެ ކަމަށް ވެސް ތަކުރާރުކޮށް އެމަނިކުފާނު ވިދާޅުވި އެވެ. ރަށު ބަންދަށް ދީފައިވާ ލުއިން ވެސް ހިތްހަމަޖެހޭ ކަމަށާއި ބޭނުންވަނީ ސިޔާދަތީ ބާރު ދެމެހެއްޓިފައި އޮތް ކަމުގެ ޔަގީންކަން ހޯދުން ކަމަށް ވިދާޅުވި އެވެ.

ޔާމީން ޕީޕީއެމްގެ އޮފީހަށް ވަޑައިގެން ޖަލްސާތައް ބާއްވަން މި ފެއްޓެވީ، 11 އަހަރުގެ ޖަލު ހުކުމެއް އޮތަސް، އެ ހުކުމް ތަންފީޒުކުރުން ގޭބަންދަށް ބަދަލުކުރުމަށް ފަހު، ދިން އިތުރު ލުއިތަކަށް ފަހު އެވެ.

ޗާގޯސް މައްސަލައިގެ ފަސްފަހަތް

ޗާގޯސް އަކީ މޮރިޝަސްގެ ބައެެއްގެ ގޮތުގައި ބަލައިގެން ރާއްޖެއާ މޮރިޝަސްއާ ދެމެދު ބޯޑަރު ކަނޑައަޅަން އިޓްލޮސް އިން ނިންމުމަކީ ޗާގޯސްއަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ކަމަށް އިޓްލޮސް އިން އެއްބަސްވުމެވެ. މި މައްސަލައިގެ ފުރަތަމަ މަރުހަލާގައި ރާއްޖޭން ދެކޮޅު ހެދީ ވެސް ހަގީގަތުގައި އެކަމާ އެވެ.

ރާއްޖޭގެ އޭރުގެ ސްޓޭންޑަކީ އިޓްލޮސް އަށް އެ މައްސަލަ ނުބެލޭނެކަމަށް ބުނުމެވެ. އެއީ ޗާގޯސްގެ ސިޔާދަތީ ބާރާ މެދު އަރައިރުމެއް އޮތީމަ އެވެ. އެހެން ނަމަވެސް އިޓްލޮސް އިން ރާއްޖޭގެ އެ ނުކުތާ ބަލައި ނުގަނެ މައްސަލަ ކުރިއަށް ގެންދިޔައީ އެވެ. އެ ފަހުން ރާއްޖޭގެ އެ ސްޓޭންޑް ބަދަލުކުރި އެވެ.

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ލިބެން ޖެހޭ ކަމަށް އައިސީޖޭއިން ނެރުނު އެޑްވައިޒަރީ އޮޕީނިއަން އަށް އަމަލުކުރަން ގޮވާލައި އދ.ގެ އާއްމު މަޖިލީހުން 2019 ވަނަ އަހަރު ގަރާރެއް ފާސްކުރި އެވެ. އެގަރާރާ ދެކޮޅަށް އިނގިރޭސީންނާ އެކު ވޯޓު ދިނީ ރާއްޖެއާއި އެމެރިކާ، އޮސްޓްރޭލިއާ ހަންގޭރީ އަދި އިޒްރޭލުންނެވެ.

އިނގިރޭސީންގެ ދަށުން މިނިވަންވެ، މޮރިޝަސްގެ ދައުލަތް އުފެއްދި އިރު ވެސް އެގައުމުގެ ބަޔަކަށް ނުވެ އޮތް ޗާގޯސް ޖަޒީރާތަކުގެ ސިޔާދަތީ ބާރު ހޯދަން މޮރިޝަސް އިން ބައިނަލް އަގުވާމީ އެކިއެކި ފޯރަމްތަކަށް ހުށަހެޅި އެވެ. އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް އެގައުމުން ހުށަހެޅި ހުށަހެޅުމަކީ އެފަދަ އެއް ހުށަހެޅުމެވެ.

އިމުގެ މައްސަލައިގެ ފަސްފަހަތް؛

ރާއްޖެ އާއި ޗާގޯސް ޖަޒީރާއާ ދެމެދު އެއްވެސް ފަރާތަކަށް 200 ނޯޓިކަލް މޭލު ހަމަނުވެ، ހާއްސަ އިގުތިސޯދީ ސަރަހައްދު ފުށުއަރާ 92،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް އޮވެ އެވެ. ޗާގޯސްގެ ސިޔާދަތީ ބާރުގެ މައްސަލަ ޒަމާނުއްސުރެ ފެންމަތިވެފައި ވާތީ، އެތަނުގެ އިން އެއްވެސް އިރެއްގައި ވަކި ކޮށްފައެއް ނުވެ އެވެ.

ސަރަހައްދީ އިން ވަކިކުރުމުގައި ދެ ގައުމަށް އެއްބަސްނުވެވޭ ހާލަތުގައި، ބައިނަލްއަގުވާމީ ހަމަތަކުގައި ބުނަނީ އިން ވަކިކުރާނީ "އިކުއިޑިސްޓަންސް"އަށް ބަލައިގެންނެވެ. އިޓްލޮސްގައި ދެ ގައުމުގެ މެދުގައި މައިގަނޑު ގޮތެއްގައި ހިލާފު އުފެދިގެން އުޅެނީ އިން ވަކިކުރަން ފަށާ ހިސާބާ ގުޅޭގޮތުންނެވެ.

މޮރިޝަސްގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމުގައި ބޭސް ޕޮއިންޓް ކަނޑައަޅަން ފަށާނެ ހިސާބަކީ ތިލަ ދިޔަވަރުގައި ފެންނަން އޮތް ބްލެންހެމް ރީފް އިން ފެށިގެން ކަމުގައި ވަނީ ބަޔާންކޮށްފަ އެވެ. ރާއްޖޭން ދެކޮޅު ހަދަނީ މިކަމާ އެވެ. ބައިނަލްއަގުވާމީ ހަމަތަކަށް ބަލާއިރު، ތިލަ ދިޔަވަރުގައި ފެންނަން އޮންނަ ފަރަކުން ބޭސް ޕޮއިންޓު ކަނޑަނޭޅޭނެ ކަމަށް ބުނެ އެވެ.

އެކަމާ ގުޅިގެން އިޓްލޮސްއިން ނިންމި ނިންމުމުގައި ވަނީ ރާއްޖޭން ފާހަގަކުރި ނުކުތާތަކަށް ތާއީދުކޮށްފަ އެވެ. އިޓްލޮސްގެ ސްޕެޝަލް ޗޭމްބަރުން އިއްވި ނިންމުމުގައި ބުނީ، ތިލަ ދިޔަވަރުގައި ފެންނަ އޮންނަ ފަރަކުން، އިން ވަކި ކުރުމަށް ޓަކައި އިކުއިޑިސްޓަންސް ރޮނގު ދެމޭނެ އެއްވެސް ހަމައެއް ނެތް ކަމަށެވެ.

އެއާއެކު، އިޓްލޮސް އިން ކުރި ހުކުމުގައި ވަނީ ދެ ގައުމުގެ މެދުގައި ފުށުއަރާ 92،563 އަކަކިލޯމީޓަރުގެ ސަރަހައްދުގެ ތެރެއިން ރާއްޖެއަށް 47،232 ކިލޯމީޓަރު އަދި މޮރިޝަސްއަށް 45،331 ކިލޯމީޓަރު ސަރަަހައްދެއް ލިބިގެންވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox