ޕީޕީއެމް/ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާ ޖަގަހަ ޖަލްސާގައި ވެސް ތިއްބެވީ ކޯލިޝަންގެ ލީޑާޝިޕްގެ މަދު ބޭފުޅުންތަކެކެވެ.
ރޭ ވެސް ޕީޕީއެމް އޮފީހަށް ވަޑައިގެން ޔާމީން ސަޕޯޓަރުންނާ ބައްދަލު ކުރެއްވި އެވެ. ރޭގެ ބައްދަލުވުމުގައި ލީޑާޝިޕްގެ ބޭފުޅުންގެ ތެރެއިން ތިއްބެވީ ޔާމީނުގެ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލާއި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު އެކަންޏެވެ.
މިރޭގެ ޖަލްސާގައި ޖަމީލުގެ އިތުރުން ދެން ތިއްބެވީ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލާއި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އެކަންޏެވެ.
ޕީއެންސީގެ ޗެއާޕާސަން އަބްދުލްރަހީމް އަބްދުﷲ އާއި އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި، މަޖިލީހުގެ އެހެން މެންބަރުން ފެންނަން ނެތެވެ.
އެއީ މީގެ ކުރިން އެ ދެ ޕާޓީގެ ތެރޭގައި ކަން ހިނގާ ގޮތެއް ނޫނެވެ. މީގެ ކުރިން ޕީޕީއެމް/ޕީއެންސީ ގެ ބައްދަލުވުމަކަށް، ވަކިން ހާއްސަކޮށް ރައީސް ޔާމީންގެ ބައްދަލުވުމަކަށް ގޮވާލެވިއްޖެ ނަމަ އެންމެ ކުރީ ސަފުގައި އެ ދެ ޕާޓީގެ އިސްވެރިން ތިއްބަވަ އެވެ.

އިއްޔެ ސަޕޯޓަރުންނާ ބައްދަލުކުރައްވާފައި ޔާމީން ވަނީ ޕީޕީއެމްގެ މެންބަރުން، އެ ޕާޓީއާއެކު ކޯލިޝަން ހަދާފައިވާ އަދި އެމަނިކުފާނު އިސްވެ އުފައްދަވާފައިވާ ޕީއެންސީއަށް ބަދަލު ވާން ނުޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
އެމަނިކުފާނު އެފަދަ މޭރުމަކުން ވާހަކަ ދައްކަވާފައިވަނީ ޕީއެންސީއަށް ގިނަ އަދަދެއްގެ މީހުން ސޮއިކޮށް އެ ޕާޓީއަށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތްތަކެއް ކުރަމުންދާ ކަމުގެ އަޑު ގަދަވެފައި ވަނިކޮށެވެ. ފަހުން މަޖިލިސް މެންބަރުންގެ ތެރެއިން ވެސް ދެ މެންބަރަކު ޕީއެންސީއަށް ސޮއިކުރައްވާފައިވެ އެވެ.
ޕީއެންސީގެ ފަސްފަހަތް
ޕީޕީއެމް/ޕީއެންސީއަކީ ދެ ޕާޓީއެއް ނަމަވެސް ޖޮއިންޓް ކައުންސިލެއް އޮވެގެން އެއް ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ ކޯލިޝަނެކެވެ.
ޕީޕީއެމަކީ ޔާމީނުގެ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ އުފެއްދެވި ޕާޓީއެކެވެ. ޔާމީނުގެ ވެރިކަމުގައި ދެބެއިންގެ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކަށް ފަހު، ޕާޓީގެ ސުލޫކީ ކޮމިޓީން މައުމޫން ޕާޓީގެ މެންބަރު ކަމުން ވަކިކުރީ އެވެ. އޭރު މެންބަރަކު ޝަރީއަތަށް ދިޔައީ މައުމޫން ވަކިކުރީ އިޖުރާއަތްތަކާ ހިލާފަށް ކަމަށް ބުނެ އެވެ. އަދި ޔާމީނަށް ޕާޓީގެ ލީޑަރުކަން ދިނީ ގޯސްކޮށް ކަމަށް ބުނެ އެވެ.
ޕީއެންސީއަކީ އޭރު ޝަރީއަތުގައި އޮތް މައްސަލަ ނިމިގެންދާ ގޮތަކުން ޕީޕީއެމްގެ ބާރު ޔާމީނަށް ގެއްލިދާނެ ކަމުގެ ބިރުވެރިކަން އޮތުމުން އެ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން އުފެއްދި ބެކްއަޕް ޕާޓީއެކެވެ.
އޭގެ ފަހުން މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީން ވާދަކުރާނެ ކެންޑިޑޭޓެއްގެ ގޮތުގައި ފުރަތަމަ ނިންމެވީ ވެސް ޔާމީނެވެ. ނަމަވެސް އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމެއް އޮތުމުން ވާދަނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި އެވެ.
ޔާމީނަށް ވާދަނުކުރެވޭ ހާލަތަށް ތައްޔާރުވުމުގެ ގޮތުން ވެސް ބެކްއަޕް ޕާޓީ، ޕީއެންސީން ކެންޑިޑޭޓެއް ނެރުމަށް ނިންމެވި އެވެ. ޕީއެންސީގެ ކެންޑިޑޭޓު މުއިއްޒަކީ އެއިރު ޔާމީނަށް ވާދަނުކުރެވޭނެ ހާލަތަކަށް ތައްޔާރުވި ބެކްއަޕް ކެންޑިޑޭޓެކެވެ.













