އެކަކު ނެތިއްޔާ އޭނާގެ މަސައްކަތާ އެހެން މީހަކު ހަވާލުވާނެ އެވެ. ހާޒިރީ ކޮންމެ ގޮތަކަށް އޮތަސް މަސައްކަތް ހިނގާނެ އެވެ. ދައުލަތުގެ އިދާރާތަކުން ފެށިގެން ގޮސް އާންމު ފަރުދުންގެ ވިޔަފާރިތަކާއި މަދަނީ ޖަމިއްޔާތަކަށް ދާން ދެން ކަންހިނގާ މަގަކީ މި އެވެ.
އެކަމަކު ދައުލަތުގެ އެއް ބާރުކަމަށްވާ ރައްޔިތުންގެ މަޖިލީހަށް މިހާރު ދިމާވެފައި އޮތީ "މިއުސޫލު ނުހިނގާ" މަސައްކަތަކާ ހެދި ކުރިމަތިވި ގިލަންވެރިކަމެކެވެ. ޖަލްސާއެއް ތާވަލުކޮށް، މެމްބަރުންނަށް އެޖެންޑާ ފޮނުވިޔަސް އެ ޖަލްސާ އޮވެދާނެކަމުގެ އެއްވެސް ޔަގީންކަމެއް ނޯންނަނީ އެންމެ މެމްބަރަކަށް ވަޑައިނުގެންނެވިއްޖެ ހާލަތުގައި ޖަލްސާ ކެންސަލް ކުރާނެކަން އެނގޭތީ އެވެ.
އިއްޔެ އާއި މިއަދަށް ތާވަލުކުރި ޖަލްސާ ވެސް ނުބޭއްވުނީ މި ސަބަބާ ހެދި އެވެ. ކެންސަލް ކުރަން ޖެހުނު ދެ ޖަލްސާއަށް ވެސް އެޖެންޑާކޮށްފައި އޮތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން އެމްޑީޕީން ހުށަހަޅާފައި އޮތް މައްސަލަ އެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމުގައި މާލެ ލޮކްޑައުންކުރުމުން ވެސް ނުހުއްޓުނު މަޖިލިސް މީގެ ކުރިން ވެސް އެތައް ދުވަހަކަށް ހުއްޓުނީ ހަމަ މި މައްސަލާގަ އެވެ.
އުޒުރަކީ އެންމެ މާއްދާއެއް
ރައްޔިތުންގެ މަޖިލީހުން އިއްޔެ ބާއްވަން އުޅުނު ޖަލްސާ ކެންސަލްކުރިކަން މަޖިލީހުގެ ތަޅުމުގައި އަމީންއާންމު ފާތިމަތު ނިއުޝާ އިއުލާނުކުރެއްވި އިރު ހަވާލާދެއްވީ މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާ އަށެވެ. އެ މާއްދާގެ ބ. އަށެވެ.
titledesc
އިއްޔެގެ ޖަލްސާ ކެންސަލް ކުރިކަން އިއުލާނު ކުރައްވަމުން ނިއުޝާ އެ މާއްދާއާ ހަވާލާ ދެއްވީ އެ މާއްދާގައިވާ ގޮތަށް ނޫން ގޮތަކަށް އެ ޖަލްސާ ކުރިއަށް ގެންދެވޭނެ ގޮތެއް މަޖިލީހުގެ ގަވާއިދުގައި ނެތްކަން ދޭހަކޮށްދޭ މޭރުމަކުންނެވެ.
އޭނާ ފާހަގަކުރެއްވި އެއް ނުކުތާއަކީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމާ ބެހޭ ވަކި ބާބެއް ގަވައިދުގައި ހިމަނައި އެ ބާބުގައި 205 ވަނަ މާއްދާގެ (ބ) ގައިވާ އުސޫލު ގާއިމްކޮށްފައި އޮތީ ގާނޫނު އަަސާސީގެ 82 ވަނަ މާއްދާގެ ށ. ގައިވާ ގޮތުގެ މަތިން 44 ވަނަ މާއްދާގެ ހ. އިން، މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނެ ގޮތްތައް ކަނޑައަޅާފައި ވަނިކޮށް ކަމަށެެވެ.
ނުސީދާ ގޮތެއްގައި އޭނާ ވިދާޅުވީ މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާގެ ހ. ގައިވާ އުސޫލުން އެ ޖަލްސާގެ ރިޔާސަތު ނުބެލެހެއްޓޭނެ ކަމަށެވެ. ގަވައިދުގެ 44 ވަނަ މާއްދާގެ ހ. ގައި އޮތީ މަޖިލީހުގެ ރައީސާއި ނައިބު ރައީސް، ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވެއްޖެ ހާލަތްތަކުގައި ރިޔާސަތު ބަލަހައްޓަން އެހެން މެމްބަރުންތަކަކާ ހަވާލުކުރުމުގައި އަމަލުކުރާނެ އުސޫލެވެ.
މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރަން ހުށަހެޅި ގަރާރުގެ މަސައްކަތް ކުރިއަށް ނުގެންދެވެނީ މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާއަށް ރިއާޔަތް ނުކޮށް، ހަމަ އެކަނި 205 ވަނަ މާއްދާގެ ބ. އަށް އަމަލުކުރާތީ އެވެ.
އެގޮތަށް އަމަލުކުރާ ނަމަ އެ މައްސަލަ ކުރިއަށް ގެންދެވޭނީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަވަން މަޖިލީހަށް ވަޑައިގަތް ދުވަހަކުންނެވެ. މަޖިލީހުގެ ތަޅުމަށް އެހެން ކަމެއް ހުށަހަޅައިގެން ކުރިއަށް ގެންދެވޭނީ ނަޝީދު ވަކިކުރުމުގެ މައްސަލަ ނިންމައިގެން ކަމަށް ވާތީ މިހާލަތުގައި ދައުލަތުގެ އެއް ބާރު އެވަނީ ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފަ އެވެ.
އެމްޑީޕީން ބުނަނީ އެގޮތަށް މާނަ ނުކުރެވޭނެ ކަމަށް
ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި މަޖިލީހުގެ ނައިބު ރައީސަށް ކަމަށް ކަނޑައަޅާފައިވާތީ މިއަދުގެ ޖަލްސާ ކެންސަލް ކުރީ ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ ށ. އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާއާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އެމްޑީޕީން ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފަ އެވެ.
އިއްޔެ ބޭއްވި މީޑިއާ ބްރީފިން ގައި އެމްޑީޕީގެ ގާނޫނީ ކޮމިޓީގެ މެމްބަރު އަހްމަދު އަބްދުالله އަފީފް ވިދާޅުވީ ގާނޫނު އަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ވެސް އެކުލަވައިލާފައި އޮތީ މަޖިލީހުގެ މަސައްކަތް ނުހުއްޓި ކުރިއަށް ގެންދެވޭނެ ގޮތަށް ކަމަށެވެ.
މަޖިލީހުގެ ގަވާއިދު އެ ނޫން ގޮތަކަށް މާނަ ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ގަވާއިދާ އަދި ގާނޫނު އަސާސީ ވެސް ބުނަނީ އެހެން ކަމެއް ނުނިންމޭނެއޭ މިކަން [ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ] ނުނިންމައެއް. އެއްވެސް ކަމެއް ނުނިންމޭ ކަހަލަ ހާލަތަކަށް މިއޮތީ ގޮސްފައި. މިއީ ގާނޫނު އަސާސީ ތަސައްވަރު ކުރާ ގޮތެއް ނޫން. ޕާލިމެންޓަރީ ޕްރެކްޓިސް އޮންނަ ގޮތެއް ނޫން މިއީ. މަޖިލީހެއް ނުހުއްޓޭނެ," އޭނާ ވިދާޅުވި އެވެ.
އެމްޑީޕީން މިހެން ބުނަމުން ގެންދިޔަ ނަމަވެސް މަޖިލީހުގެ އަމީންއާންމު އަމަލުކުރައްވަމުން ގެންދަވަނީ އިއްޔެގެ ޖަލްސާ ކެންސަލްކުރެއްވި އިރު ހާމަކުރެއްވި ރައުޔާ އެއްގޮތަށެވެ. މަޖިލީހުގައި މިއަދު ބާއްވަން ތާވަލުކުރި ޖަލްސާ ވެސް ނުބޭއްވުނީ އެހެންވެ އެވެ.
އެހެންވީމާ މިހާރު އުފެދިފައި އޮތް ހާލަތަކީ އެމްޑީޕީން ސުޕްރީމްކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަަލައާ މެދު އެ ކޯޓުން ގޮތެއް ނިންމަންދެން ދައުލަތުގެ އެއް ބާރު ހުއްޓިފައި އޮތުމެވެ. އެކަން ގުޅިފައި މިއޮތީ އެންމެ ބޭފުޅަކާ އެވެ.












