މައްސަލަތައް ފުނިޖެހި، މޭ ހައެއްގެ ޝަރީއަތް އަވަސް ނުކުރެވޭނެ ކަމަށް ގާޒީ ވިދާޅުވެއްޖެ

މޭ ހައެއް ހަމަލާގެ މައްސަލާގައި މިހާރު ޝަރީއަތް ހިންގާ މީހުން - ފައިލް ފޮޓޯ: އަބްދުﷲ ޝަފީއު / އަދަދު

މޭ ހައެއް ހަމަލާގެ މައްސަލާގައި މިހާރު ޝަރީއަތް ހިންގާ މީހުން - ފައިލް ފޮޓޯ: އަބްދުﷲ ޝަފީއު / އަދަދު

ކްރިމިނަލް ކޯޓުގެ ޖާގައިގެ ދަތިކަން އޮތުމުން މައްސަލަތައް ފުނިޖެހި ލަސްވަމުންދާތީވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ ޝަރީއަތް އަވަސް ކުރަން ވަކި ހާއްސަ ކަމެއް ނުދެވޭނެ ކަމަށް އެ ޝަރީއަތާ ހަވާލުވެ ހުންނެވި ގާޒީ ސޮފްއަތު ހަބީބު ވިދާޅުވެއްޖެ އެވެ.

މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ނަޝީދު އަވަހާރަކޮށްލަން ސައިކަލެއްގައި ބޮމެއް ހަރުކޮށްގެން ގޮއްވާލި ބޮމުގެ މައްސަލާގައި މިހާރު ޝަރީއަތް ކުރިއަށް ދަނީ، ޓެރަރިޒަމްގެ އެކި ދައުވާ އުފުލިފައިވާ ތަހުމީން އަހުމަދާއި، މުޖާޒް އަހްމަދާއި، އަލީ ހައިޝަމާއި، މުހައްމަދު ނާޒިމާއި، އިސްހާގައި، ފަހުމީ އަލީގެ ބައެވެ.

ކްރިމިނަލް ކޯޓުގެ ބޮޑު ބައެއް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެގެން، ބަންދުކޮށްފައިވާއިރު މިއީ ދައުވާ ރައްދުވާ ފަރާތްތައް ހާޒިރުކޮށްގެން ކުރިއަށް ގެންދާ ޝަރީއަތެކެވެ.

Advertisement

މިއަދުގެ އަޑުއެހުން ފައްޓަވަމުން ގާޒީ ސޮފްއަތު ހަބީބު ވިދާޅުވީ އޭނާ ބަލަހައްޓާ ބީ4 ސެކްޝަނުގެ އެތައް މައްސަލައެއް ލަސްވެ ދިގުދެމިގެންދާ އިރު ހަމަލާގެ ޝަރީއަތް ހާއްސަކޮށްގެން އަވަސްކުރަން އެއްވެސް މަސައްކަތް ސެކްޝަނަށް ކުރެވެން ނެތް ކަމަށެވެ.

"އެހެން މައްސަލަތައް ވެސް ވަރަށް ބޮޑަށް ލަސްވެފައި މި ވަނީ، މި މައްސަލަ ހާއްސަކޮށް އަވަސް ކުރުމަށް މަސައްކަތް ނުކުރާނަން،" ގާޒީ ސޮފްއަތު ވިދާޅުވި އެވެ.

އެ ޝަރީއަތް ހާއްސަކޮށްގެން އަވަސްކުރުމަށް މަސައްކަތް ނުކުރެވޭނެ ކަމަށް ގާޒީ ވިދާޅުވެފައި މިވަނީ އެ މައްސަލައިގެ ތަހުގީގާއި ޝަރީއަތް މޮނިޓަ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޔަނު ކުރެއްވި މަންދޫބު އައްބާސް ފާއިޒް މި ކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައި ވަނިކޮށެވެ.

ޝަރީއަތްތައް ކުރިއަށް ދާލެއް ލަސްކަމުން އެކަމުގެ ކަންބޮޑުވުން އުއްތަމަ ފަނޑިޔާރަށާއި ޖުޑީޝަލް ސާވިސް ކޮމިޝަނަށާއި ރައްޔިތުންގެ މަޖިިލީހުގެ ޖުޑިޝަރީ ކޮމިޓީއާ ވެސް ހިއްސާކުރައްވާފައިވާނެ ކަމަށް ރައީސް އޮފީހުގައި މިދިޔަ އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އައްބާސް ވިދާޅުވެފައިވެ އެވެ.

ނޮވެމްބަރު މަހު ތިން އަޑުއެހުމެއް ބާއްވަނީ

މިއަދު ބޭއްވި އަޑުއެހުމުގައި ދެ ހެކިވެރިއެއްގެ ހެކިބަސް ނެގި އެވެ. އެއް ހެކިވެރިޔަކީ އެ ހަމަލާގެ މަންޒަރު ދުށް، އަދި ހަމަލާއިން ޒަހަމްވި މީހެކެވެ. އަނެއް ހެކިވެރިޔަކީ ހަމަލާއާ ގުޅިގެން ފުލުހުންގެ ސެކިއުރިޓީ އެ ރޭ ވަރުގަދަ ކުރުމުގެ ގޮތުން އޭޑީކޭ ސަރަހައްދުގައި ސެކިއުރިޓީ ބެލެހެއްޓި ފުލުހެކެވެ.

ހެކިިވެރިންގެ ހެކިބަސް ނެގުމަށް ފަހު ގާޒީ ވަނީ ދެން އަޑުއެހުންތައް ތާވަލުކުރާނީ އަންނަ މަހުގެ 23، 27، އަދި 29 ގައި ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް, ރަސްމީ ދުވަސްތަކުގައި އަޑުއެހުންތައް ގެންދިއުމަށް ދަތިތަކެއް ކުރިމަތިވާ ކަން ގާޒީ ފާހަގަ ކުރެއްވި އެވެ. އެއީ ގިނަ ބަޔަކަށް ދައުވާ ކުރާ މައްސަލައަކަށް ވެފައި، ގިނަ ދިފާއީ ވަކީލުން ހިމެނޭ މައްސަލައަކަށް ވާތީވެ އެ ވަކީލުންގެ ޝެޑިއުލްއަށް ފުށު އަރާ ފަހަރު ކުރިމަތިވާތީ އެވެ.

ގާޒީ ލަފާ ދެއްވީ ތިން ދުވަހުން ކުރެ ދުވަހެއްގައި އަޑުއެހުން ނުބޭއްވޭ ގޮތެއް ދިމާވެއްޖެނަމަ، އޭގެ ބަދަލުގައި ހޮނިހިރު ދުވަހެއްގައި އަޑުއެހުން ބޭއްވުމަށެވެ. ދައުލަތާއި ދިފާއީ ވަކީލުން ވެސް އެ ކަމަށް އިއުތިރާޒެއް ނުކުރައްވަ އެވެ. ނަމަވެސް އެ ގޮތަށް ބަދަލުކުރިޔަސް ކުރިއާލާ އެންގެވުމަށް ވަކީލުން އެދިވަޑައިގަތެވެ.

މައްސަލައިގެ ފަސްފަހަތް

ފަހުމީއަށް ތުހުމަތު ކުރެވެނީ ގޮއްވާލި ސައިކަލުގައި ބޮން ހަރުކުރި ވަގުތު ފާރައަށް ހުރި ކަމަށެވެ. ނާޒިމަށް ތުހުމަތު ކުރެވެނީ ބޮން ގޮއްވި އަދުހަމް އަހުމަދަށް ބޮން ގޮއްވަން ބޭނުން ކުރި ރިމޯޓު ދިން ކަމަށެވެ. އަދި އިސްހާގަށް ތުހުމަތު ކުރެވެނީ އެކި ފަހަރުމަތިން ނަޝީދަށް ފާރަލި ކަމަށެވެ.

މުޖާޒްގެ މައްޗަށް ދައުވާ ކުރަނީ އައިއީޑީ ގޮއްވާލުމަށްފަހު އަދުހަމް ފިލުވަން މަސައްކަތް ކުރިކަމަށް ތުހުމަތުކޮށެވެ. އަދި ތަހުމީނުގެ މައްޗަށް ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިން ކަމެވެ.

އަތަމާ ޕެލަސް އިމާރާތުގެ އެތެރޭގަ ހުރެ ރިމޯޓެއް ބޭނުންކޮށްގެން ބޮން ގޮއްވާލި މައްސަލާގައި ނުވަ މީހަކަށް ދައުވާ އުފުލާފައި ވާއިރު މިހާތަނަށް ހުކުމަކާ ހަމައަށް ވާސިލްވެފައި ވަނީ އަދުހަމަށް ކުރި ދައުވާތަކުގަ އެވެ. އޭނާގެ މައްސަލަ އަވަސް ނިޔާއެއްގެ ގޮތުގައި ގެންގޮސް, ހުކުމް އަވަހަށް އިއްވީ ކުށަށް އިއުތިރާފުވުމުންނެވެ.

މިދިޔަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ހިންގި ޓެރަރިޒަމް އަމަލާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ތެރެއިން މުހައްމަދު ތަސްލީމާއި، އަލި މަނިކުގެ މައްޗަށް އުފުލީ ޓެރަރިޒަމް ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާ އެވެ. ހަމަލާއާ ގުޅޭ އެއްވެސް ދައުވާއެއް އަދި އުފުލާފައި ނެތް އިރު، ދައުލަތުން ބުނަނީ ހެކި ލިބުނު މިންވަރަކުން އެ މީހުންގެ މައްޗަށް ވެސް އަދި ދައުވާ ކުރެވެން ފުރުސަތު އެބަ އޮތް ކަމަށެވެ.

އަލިމަނިކުގެ މައްޗަށް ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް އިއްވި ނަމަވެސް ތަސްލީމުގެ މައްޗަށް ކުށް ސާބިތެއް ނުވެ އެވެ. ތަސްލީމަށް ކުށް ސާބިތުނުވި ހުކުމް އިސްތިއުނާފު ކުރުމާ މެދު އަދި ގޮތެއް ނުނިންމަ އެވެ.

ހަމަލާގެ މައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ދައުވާ ނުކުރަން ނިންމީ އަހުމަދު ފާތިހުގެ މައްޗަށެވެ. އެއީ އޭނާގެ މައްޗަށް ކުށް ސާބިތުކުރެވޭ ވަރަށް ހެކި ނެތުމުން ކަމަށް އެ އޮފީހުން ބުނެ އެވެ.

މިއީ ރާއްޖޭގައި މިހާތަނަށް ގޮއްވާލި އެންމެ ބާރުގަދަ އައިއީޑީ ކަމަށް ރަސްމީ އިދާރާތަކުން ބުނާއިރު، މި ބޮން ހަދާފައި ވަނީ ބާޒާރުން އާންމުކޮށް ލިބެން ހުރި ބާވަތްތައް ބޭނުންކޮށްގެންނެވެ. އޭގެއިން ދޭ ގެއްލުން ބޮޑުކުރަން އަޅާފައި ހުރީ ރޭޒާ ފުއްތަކެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox