މެންޗެސްޓާ (29 އޮކްޓޯބަރު) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ސިޓީއާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓަޑް ނުކުންނައިރު، ޔުނައިޓަޑް މި ވަގުތު އޮތީ ރަނގަޅު މިސްރާބެއްގައި ކަމަށް އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ.
މި ސީޒަންގެ ޕްރިމިއާ ލީގުގައި ޔުނައިޓަޑް މިހާތަނަށް ކުޅުނު ނުވަ މެޗުގެ ތެރެއިން ހަތަރު މެޗުން ވަނީ ބަލިވެފަ އެވެ. ޔުނައިޓަޑްގެ އަމިއްލަ ދަނޑުގައި މިރޭ އަވައްޓެރި ސިޓީއާ ދެކޮޅަށް ނުކުންނައިރު، ޔުނައިޓަޑް އޮތީ ސިޓީ އޮތީ ޔުނައިޓަޑަށްވުރެ ހަ ޕޮއިންޓް ކުރީގަ އެވެ.
މެޗުގެ ކުރިން މީޑިއާއާ ވާހަކަދައްކަމުން ޓެން ހާގް ބުނީ ޔުނައިޓަޑްގެ ފަރާތުން ގޯސްތަކެއް ފެނުނަސް، އެ ޓީމު އޮތީ ރަނގަޅު މިސްރާބުގައި ކަމަށެވެ. އެކަމަކު، ޔުނައިޓަޑުން އަދި ވަރަށް ގިނަ މަސައްކަތްތައް ކުރަންޖެހޭ ކަމަށް އޭނާ ބުންޏެވެ.
"ނެގަޓިވް ކަންތައްތަކާއެކު، އަހަންނަށް ވަރަށް ގިނަ ޕޮޒިޓިވް ކަންތައްތައްވެސް ވަނީ ފެނިފައި. އެކަމަކު އަދި ކުރަންޖެހޭ މަސައްކަތްތައް ގިނަ. ދުވަސްތަކެއް ނަގާނެ،" ޓެން ހާގް ބުންޏެވެ.
ޓެން ހާގްގެ އިރުޝާދުގެ ދަށުން މިދިޔަ ސީޒަނުގައި ޔުނައިޓަޑް އިން ލީގު ކަޕް ކާމިޔާބުކޮށް، ލީގު ތިން ވަނައިގައި ނިންމައި، ޗެމްޕިއަންސް ލީގުގެ ޖާގަ ހޯދި އެވެ.
އެކަމަކު މި ސީޒަނުގައި މިހާތަނަށް އެ ޓީމުން ނެރެފައިވާ ނަތީޖާތަކާއެކު، އެ ޓީމަށް ވަނީ ގިނަ ފާޑުކިއުންތައް އަމާޒުވެފަ އެވެ. ޔުނައިޓަޑް އިން މި ސީޒަންގެ ލީގުގައި 11 ލަނޑު ޖަހާފައިވާއިރު، އެ ޓީމު ކޮޅަށް ވަނީ 13 ލަނޑު ވަދެފަ އެވެ.
ޓެން ހާގް ބުނީ ޔުނައިޓަޑްގެ ޕްރެސިން ރަނގަޅުވިޔަސް، އެ ޓީމު "ޓްރާންސިޝަންގައި ލިބޭ ފުރުސަތަކުގެ" ބޭނުން ހިފުން ރަނގަޅު ކުރަންޖެހޭ ކަމަށެވެ.
"އަހަރަމެންގެ ޕްރެސިން ރަނގަޅު. އިދިކޮޅު ޓީމަށް ޕްރެސްކޮށްގެން ބޯޅަ ހޯދައި، އެކަމަކު އެ ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފުމުގައި މައްސަލަތަކެއް އުޅޭ. އެކަން ރަނގަޅު ކުރެވުނީމަ، އަހަރަމެންނަށް ފަސޭހަތަކެއް ލިބޭނެ،" ޓެން ހާގް ބުންޏެވެ،
ޔުނައިޓަޑާއި ސިޓީ ބައްދަލުކުރާ މެޗު ފަށާނި މިރޭ 20:30 ގަ އެވެ. -- އޭއެފްޕީ












