ރާއްޖޭގައި މި އޮންނަ ތިން މަރުހަލާގެ ޝަރުއީ ނިޒާމަކީ ކޮންމެ ގައުމަކުން ވެސް އަމަލުކުރަމުން އަންނަ ވައްޓަފާޅި އެވެ. އެ ހައްގު ދިނުމުގެ ވިސްނުމަކަށް ދާން ޖެހުނީ، ހިންގި ޝަރީއަތެއްގައި ގޯހެއް އޮތް ކަން މުރާޖައާ ކުރެވޭނެ އޮނިގަނޑެއް ޝަރުއީ ނިޒާމުގެ ތެރޭގައި ބޭއްވުމުގެ ވިސްނުމުގަ އެވެ. އޭރަށް މައްސަލައެއްގައި އަނިޔާއެއް ލިބުނު ފަރާތަކަށް، ފުރިހަމަ ނިޔާއެއް ލިބުނުކަމުގެ އިހުސާސް ލިބޭނެ އެވެ.
މީގެ ވިސްނުމަކީ ފުރަތަމަ މަރުހަލާއަކީ ޝަރީއަތް ހިންގުމުގެ މަރުހަލާ ގޮތުގައި އޮތުމެވެ. ބައެއް ގައުމުތަކުގައި ކިޔަނީ ވެސް "ޓްރަޔަލް ކޯޓު" މަރުހަލާ އެވެ. ޝަރީއަތް ހިންގުމާއި، ހެކިތައް ބެލުމާއި، ހެކިބަސް ނެގުމާއި، މި ހުރިހާ ކަމެއް ހިނގާނީ އެ މަރުހަލާގަ އެވެ. ދެން އޮންނާނީ އިސްތިއުނާފު ނުވަތަ މުރަޖާއާގެ ދެ މަރުހަލާ އެކެވެ. ތިން ވަނަ މަރުހަލާއެއްގެ ބޭނުމަކީ، "ޓްރަޔަލް" މަރުހަލާގެ ނިންމުން ރިވިއު ކުރި މަރުހަލާގައި އެއްވެސް ގޯހެއް އޮތްކަން ނުވަތަ ނެތްކަން ބަލައި، އިންސާފު ޔަގީން ކުރުމެވެ.
އެހެންކަމުން މުރަޖާއާ ކުރަން އޮންނަ ދެ މަރުހަލާގައި ޝަރީއަތް އަލުން ހިންގުމެއް ނޯންނާނެ އެވެ. ބަލާނީ ޓްރަޔަލް މަރުހަލާގެ ނިންމުން ރަނގަޅުކަން ނުވަތަ ނޫން ކަމެވެ. އަދި، އޭގައި ގޯހެއް އޮތް ކަން ނުވަތަ ނެތް ކަމެވެ. ގާނޫނީ އިޖުރާއަތްތައް ފުރިހަމައަށް ގެންދިޔަކަން ބެލުމެވެ. ގާނޫނުގެ އިޖުރާއަތެއް ގެންދެވުމުގައި ގޯހެއް ފެންނަންޏާ، ޓްރަޔަލް މަރުހަލާ އަލުން ގެންދިޔުމަށް ވެސް އަންގާނެ އެވެ.
ރާއްޖޭގެ ނިޒާމުގެ ތެރޭގައި ވެސް އެ ކަން އޮވެ އެވެ. ރާއްޖޭގައި، އޭގެ ޝަރުއީ ލަފުޒަކީ "ތަހުވީލު" ކުރުމެވެ. ޓްރަޔަލް މަރުހަލާގައި ކުރިން ހެދިފައިވާ ގޯހެއް ފާހަގަކޮށް، އެ ކަން ރަނގަޅުކޮށްގެން ގެންދިޔުމަށް އަމުރުކޮށް، އަލުން އެ މަރުހަލާގެ ކޯޓަށް މުޅި މައްސަލަ އަލުން ފެށުމަށް ކަނޑައަޅާފައި އެބަ ހުއްޓެވެ.
"އެޕީލް ކޯޓުތަކުގައި ޓްރަޔަލްއެއް ނުހިންގާނެ، ޓްރަޔަލް ކޯޓުގެ މުޅި ރިޕޯޓަށް ބަލާފައި، ދެ ފަރާތުން ޓްރަޔަލްގައި ހިނގި ކަންކަމަށް ބުނާ ވާހަކަތަކަށް ބަލާފައި، ބައެއް ހާލަތްތަކުގައި ޓްރަޔަލް ކޯޓުުގެ ނިންމުން އެކަނި ބާތިލުކޮށްލުމުން ވެސް ވަކި އިންސާފު ނުއެއް އާދޭ،" ތަހުވީލުގެ މަގުސަދު ތަފްސީލްކޮށްދެއްވަމުން، ކުރީގެ ފަނޑިޔާރު މުހުތާޒު މުހުސިން ވިދާޅުވި އެވެ.
ނަމަވެސް ތަހުވީލުކުރުން އިތުރުވުމާއި، އެފަދަ މައްސަލަތައް ލަސް ދިގުދެމިގެން ދިޔުމުގެ ޝަކުވާ ވެސް ވަކި ކުޑައެއް ނޫނެވެ. އިންސާފު ލަސްވުމަކީ ބޭއިންސާފެއް ނޫން ހެއްޔެވެ؟ އިންސާފު ލިބުން ލަސްވާ ގޮތަކަށް، އިސްތިއުނާފުގެ މަރުހަލާތައް ބައްޓަން ކުރުމުގެ ބޭނުމެއް އެބަ އޮތް ހެއްޔެވެ؟
ދުވެލި ލަސް ރާއްޖޭގައި، އިންސާފަށް އިތުރު ލަސްކަން
ރާއްޖޭގެ ކޯޓުތަކުގެ ވަސީލަތްތައް މަދެވެ. ފަނޑިޔާރަކަށް ޖެހޭ މައްސަލަތައް ގިނަ އެވެ. ހާއްސަކޮށް ޓްރަޔަލް ކޯޓުތަކުގެ ތެރެއިން، މަދަނީ މައްސަލަތައް ބަލަން އޮންނަ ސިވިލް ކޯޓާއި، ޖިނާއީ މައްސަލަތައް ބަލަން އޮންނަ ކްރިމިނަލް ކޯޓުގެ ބެކްލޮގު ވަރަށް ބޮޑެވެ.
މައްސަލައެއް ތަހުވީލު ކުރުމަކީ އިތުރު ވަގުތު އެ މައްސަލައެއްގެ ޝަރީއަތް ނިމުމަށް ނަގާނެ ކަމެކެވެ. މައްސަލައެއްގައި ތިން މަރުހަލާ ނިމުމަށް، ރާއްޖޭގައި އާންމުގޮތެއްގައި ފަސް އަހަރު ހިނގަ އެވެ. ބައެއް މައްސަލަތަކުގައި 10 އަހަރު ވެސް ހިނގާފައި އެބަ ހުއްޓެވެ. އޭގެ ތެރެއަށް ތަހުވީލު ކުރުން އައިސްފިނަމަ، 15-30 އަހަރާ ދެމެދުގެ މުއްދަތެއް އެ މައްސަލައެއް ދިގުދެމިގެން ދިޔުމުގެ ބިރު އެބަ އޮތެވެ.
"އަނެއްކާ ވެސް ސިވިލް ކޯޓަށް ވަކި މައްސަލައެއް ލައިފިނަމަ، އަނެއްކާ ވެސް ދިފާއީ ވަކީލުން ޑްރެގް ކުރާނެ މައްސަލަ ސުޕްރީމް ކޯޓާ ހަމައަށް. އޭރަށް އަނެއްކާ ވެސް އަނެއް އަށް އަހަރު ދޯ އެއީ، އޭރަށް 20-30 އަހަރަށް މައްސަލަ ގޮސްދާނެ،" މަދަނީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާ ތަޖުރިބާކާރު ވަކީލު މަރިޔަމް ޝުނާނާ އޭނާގެ ތަޖުރިބާ ހިއްސާކުރައްވަމުން ވިދާޅުވި އެވެ.
މިފަދަ މައްސަލައެއްގެ އެއް މިސާލަކީ މުޅި ދައުލަތުގެ މަސްލަހަތު ވެސް އޭގައި އޮތް "ދީބާޖާ" މައްސަލަ އެވެ.
ދީބާޖާއެކު ދިވެހި ސަރުކާރުން ހަދާފައިވާ ދަތުރުފަތުރުގެ ހިދުމަތް ދިނުމުގެ އެއްބަސްވުމެއް ބާތިލުކުރީ 2013 ގަ އެވެ. އެއްބަސްވުމާ ހިލާފަށް އެއްބަސްވުން ބާތިލުކުރި ކަމަށް ބުނެ، ދަތުރުފަތުރުގެ ނިޒާމަށާއި ދީބީޖާއަށް ސަރުކާރުން ދިން ރަށްތަކަށް ކުރި އިންވެސްޓްމަންޓަށް ލިބުނު ކަމަށް ބުނާ ގެއްލުމުގެ ބަދަލު ހޯދަން ދީބާޖާއިން ހުށަހެޅި މައްސަލަ ހިނގާތާ 10 އަހަރުވީ އެވެ.
ދީބާޖާއަށް 348 މިލިއަން ރުފިޔާގެ ބޮޑު ބަދަލެއް ދޭން ސުޕްރީމް ކޯޓުން ހުކުމްކުރި ނަމަވެސް އެ ހުކުމް ފަހުން ބާތިލްކުރި އެވެ. އެއީ ކުރީގެ ނިންމުމަކީ މައްސަލައިގެ މައުލޫއާ ގުޅޭ ގޮތުން އެއްވެސް ޝަރީއަތެއް ހިންގެވުމަކާ ނުލައި ކުރި ހުކުމަކަށް ވުމުންނެވެ. ކުރީގެ ބެންޗެއްގެ ނިންމުން އާ ބެންޗަކުން ބާތިލްކުރީ، ދީބީޖާއަށް ފުރުސަތެއް ދިނުމަކީ އިންސާފު ކަމަށް ދެކިގެންނެވެ.
ތިންވަނަ ފަހަރު ސުޕްރީމް ކޯޓުން މައްސަލަ ބެލުމަށް ފަހު ވެސް މައްސަލައަށް މައުލޫއީ ނިންމުމެއް ނާދެ އެވެ. ދީބާޖާއަށް ބަދަލު ހައްގު ކަމުގެ ވަކާލާތާއި އެ ބަދަލަކީ ދީބާޖާއިން އެދޭ ގޮތަށް ދައުލަތުން އަދާކުރަން ޖެހޭ ބޮޑު ބަދަލެއް ކަމާ މެދު އޮތް ބަހުސަށް ފަހު، ދީބާޖާއަށް ބަދަލު ހައްގު ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި ނަމަވެސް އެ ބަދަލު ކަނޑައެޅުމަށް، ސިވިލް ކޯޓަށް މައްސަލަ ތަހުވީލު ކުރީ އެވެ.
ތަހުވީލު ކުރުމުގެ ގާނޫނީ އަސާސް ބަޔާންކޮށްފައި ވަނީ ކޯޓުތަކުގެ ގާނޫނުގަ އެވެ. އޭގައި އޮންނަ ގޮތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައި އޮންނަ މައްސަލައެއް ތަހުވީލު ކުރެވޭނީ ހައި ކޯޓަށެވެ. ހައި ކޯޓުން ޓްރަޔަލް ކޯޓަށެވެ. އެއީ ސުޕްރީމް ކޯޓުން މައިގަނޑު ގޮތެއްގައި ބަލަން އޮންނަނީ ވެސް ހައި ކޯޓުގައި މައްސަލަ ދިޔަ ގޮތެވެ. ހަމަ އެ އުސޫލުން، ހައި ކޯޓުން ޓްރަޔަލް ކޯޓުގައި ހިނގި ގޮތް ބެލުމެވެ.
ދީބާޖާ މައްސަލާގައި ސުޕްރީމް ކޯޓުން ކުރި ކަމަކީ ހައި ކޯޓަށް ތަހުވީލު ކުރަން ކަނޑައަޅައި، އަދި ހައި ކޯޓަށް މައްސަލަ ދިޔުމުން އަލުން ސިވިލް ކޯޓަށް ތަހުވީލު ކުރުމަށް އަމުރު ކުރީ އެވެ. އެ މައްސަލައިގައި އެ ގޮތަށް އަމަލު ކުރުމުން ގާނޫނީ ބައެއް ބޭފުޅުންގެ ކަންބޮޑުވުން ވެސް އެބަ އޮތެވެ.
"އަޅުގަނޑުގެ އޮޕީނިއަންއަކީ ގާނޫނާ ހިލާފޭ ސީދާ ނުބުނެވުނަސް ގާނޫނު އެ ގޮތަށް ކަނޑައަޅާފައި އޮތުމުގެ ރޫހާ ހިލާފު އެ ނިންމުން،،" ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހްމަދު އުޝާމް ވިދާޅުވި އެވެ.
ތަހުވީލު ކުރުން ގިނަވެގެން ދިޔަ އެހެން މައްސަލައަކީ ކްރައުން ކޮމްޕެނީގެ ރިސޯޓަކުން ރެޑަންޑެންސީގެ އުސޫލުން، ވަޒީފާއިން ކަނޑާލި 21 މީހަކު ޝަރީއަތަށް ހުށަހެޅި މައްސަލަ އެވެ.
ވަޒީފާގެ ގާނޫނުގައި ބަޔާން ކުރާ ނޯޓިސް ދިނުމެއް ނެތި، އޭގެ ބަދަލުގައި ކުޑަ އަގެއް ދީފައި ވަޒީފާއިން ވަކިކުރި މައްސަލާގައި ޓްރައިބިއުނަލް އިން ނިންމީ ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން މައްސަލަ ނިމުނު ދުވަހާ ހަމައަށް ދޭން ޖެހޭ މުސާރަ ދިނުމަށެވެ. ހައި ކޯޓުން އެ މައްސަލަ ޓްރައިބިއުނަލަށް ތަހުވީލުކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، ސުޕްރީމް ކޯޓުން މައްސަލަ އަނެއްކާ ހައި ކޯޓަށް ތަހުވީލުކުރި އެވެ. ދެން ހައި ކޯޓުން، މުސާރަ ދިނުމަށް ކުރި ހުކުމް ސުޕްރީމް ކޯޓަށް ވެއްދި އެވެ.
ދެ ހާސް އެގާރަ ވަނަ އަހަރު ހުށަހެޅިގެން ފެށި އެ މައްސަލަ ސުޕްރީމް ކޯޓުން ނިންމީ 10 އަހަރު ފަހުން 2021 ގަ، އެވެ. ވަޒީފާއިން ކަނޑާލީ ގާނޫނާ ހިލާފަށް ކަމަށާއި މައުލޫއީ އަދުލުވެރިކަން ގާއިމުކޮށްފައި ނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމި ނަމަވެސް ވަޒީފާއިން ވަކިކުރި އިރު ދިން ފައިސާއަކީ އަދުލުވެރި ބަދަލެއް ކަމަށެވެ. އިތުރު ގެއްލުމެއް ލިބިފައިވާ ކަމަށް ދެކޭނަމަ އިތުރު މައްސަލައެއް ސިވިލް ކޯޓަށް ހުށަހެޅުމަށެވެ.
"ސުޕްރީމް ކޯޓާ ހަމައަށް ވެސް މި ދެވެނީ، މީހަކު ވަރަށް ކެތްތެރިވެގެން، އަދި އަނެއްކާ ދަށު ކޯޓުން އަލުން ބަލުން ފަށަން ޖެހުނީމަ، ނަފުސާނީ ގޮތުން ވެސް ނުހުންނާނެ ދޯ ކެޕެބިލިޓީއެއް، ގަބޫލެއް ވެސް ނުކުރޭ މިހާރު އިންސާފު ލިބިދާނެ ކަމަކަށް، ބޭނުމެއް ވެސް ނުވޭ މައްސަލަ އަނެއްކާ ލާކަށް،" އެ މައްސަލާގައި ވަކަލާތު ކުރެއްވި ވަކީލު ޝުނާނާ ކުރެއްވި ތަޖުރިބާތައް ހިއްސާކުރެއްވި އެވެ.
މިހާރު އެ މައްސަލަ ވަނީ ސުޕްރީމް ކޯޓަށް އަލުން ރިވިއުކޮށްފަ އެވެ. ރާއްޖޭގެ ޝަރުއީ ނިޒާމުގައި އެ މައްސަލަ މިހާރު އޮންނަތާ 14 އަހަރުވީ އެވެ.
"އަޅުގަނޑުމެން އަނެއްކާ ސުޕްރީމް ކޯޓަށް ރިވިއުއަށް ވެސް ލިން. އެހާ ދުވަސް ފަހުން އަނެއްކާ ވެސް ސިވިލް ކޯޓަށް ވަކި މައްސަލައެއް ލައިފިނަމަ، އަނެއްކާ ވެސް ދިފާއީ ވަކީލުން ޑްރެގް ކުރާނެ މައްސަލަ ސުޕްރީމް ކޯޓާ ހަމައަށް،" ޝުނާނާ ވިދާޅުވި އެވެ.
ހިނގަހިނގާ އޮންނަ ނިޒާމެއް ނެތުމުގެ ގެއްލުން
ތަހުވީލު ކުރުމަށް ފަނޑިޔާރަކު ކަނޑައަޅާފައި ހުރީ އާންމުކޮށް ގާނޫނީ ނުކުތާތަކެއްގެ މައްޗަށެވެ. މައްސަލާގައި ހުށަހެޅިފައިވާ ވާގިއާ (ފެކްޓްސް)ތަކާއި އޭގެ ވަށައިގެން ބާރު ލިބޭ ހެކިތަކުގެ މައްޗަށެވެ. ރިޕޯޓަށް ވާހަކަ ދެއްކެވި ގާނޫނީ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވަނީ އެ ގޮތަށެވެ.
ގާނޫނީ ނުކުތާތަކާ މެދު ހިޔާލު ތަފާތުވުމެއް އޮތް ނަމަވެސް، ތަހުވީލު ކުރުމުން އަންނަ ލަސްކަމުގެ ޝަކުވާ ފިލުވުމަށް ތަހުލީލު ކުރުމުގެ އިޖުރާއަތްތަކަށް ބަދަލު ގެނައުމަކީ، މި ރިޕޯޓަށް ވާހަކަ ދެއްކެވި ތަޖުރިބާކާރުންގެ ނަރަޒުގައި، މާ ބުއްދިވެރި ވިސްނުމެއް ނޫނެވެ.
"މިސާލަކަށް ސުޕްރީމް ކޯޓުން ގެއްލުމުގެ ބަދަލު ކަނޑައެޅީ، އޭރަށް ދެން އަނެއްކާ މި ގެއްލެނީ އެ ކަން އިސްތިއުނާފު ކުރުމުގެ ހައްގު، އެ ފުރުސަތު،" ދަށު ކޯޓަށް ގެއްލުމުގެ ބަދަލު ކަނޑައަޅަން މައްސަލަ ތަހުވީލުކުރާ ޝަރުއީ އަސާސް އިތުރަށް ތަފުސީލްކޮށްދެއްވަމުން އުޝާމް ވިދާޅުވި އެވެ.
މި މައްސަލަ ގޮސް ނިމެނީ، ޖުޑިޝަރީއަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތައް ވެސް ގުޅިލައިމެހިގެން ގޮސް ހުއްޓޭ ބޮޑު މައްސަލައަށެވެ. އެއީ ޝަރުއީ ކޯޓުތަކުގެ އިދާރީ ދުވެލި ލަސްވުމުގަ އެވެ. ކޯޓުތަކުގެ އިންސާނީ ވަސީލަތާއި، ޓެކްނިކަލް ވަސީލަތްތައް ވެސް މަދުވުމުގެ މައްސަލައަށެވެ.
އަދި ކޯޓުތަކުގެ އޮނިގަނޑު ބައްޓަންކޮށްފައި އޮންނަ ގޮތުން ސިވިލް ކޯޓާއި ކްރިމިނަލް ކޯޓުގެ ބެކްލޮގް ބޮޑުވެ ފުނި ޖެހެމުން ދިޔުމެވެ. އުޝާމް ދެކެވަޑައިގަންނަވާ ގޮތުގައި އިސްލާހު ކުރަންވެފައި އޮތް ކަމަކީ އެއީ އެވެ.
"ރާއްޖޭގައި އިންސާފު ހޯދުމުގައި ދަތިތަކެއް އެބަ ހުރި، ވަޒީފާއިން ވަކިކުރާ މައްސަލަތަކަކީ އަދި އަމުދުން އަވަހަށް ނިންމަން ޖެހޭ މައްސަލަތަކެއް، އެ ކަން ރަނގަޅު ކުރަންވީ، އެ ކަން ރަނގަޅު ކުރަން ސަރުކާރުން އަދި ކޯޓުތަކުން ވެސް ކުރަން ޖެހޭ ކަންކަން އެބަ އުޅޭ،" އުޝާމް ވިދާޅުވި އެވެ.
ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް އަދި މިހާރު ޖިނާއީ މައްސަލަތަކުގައި ދިފާއީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާ މުހުތާޒު ވިދާޅުވި ގޮތުގައި ރާއްޖޭގެ ޝަރުއީ ނިޒާމުގެ އެންމެ ބޮޑު މައްސަލައަކީ އެ ނިޒާމު ހިނގާހިނގާ އޮންނަ ނިޒާމެއް ގޮތަށް ބައްޓަން ވެފައި ނެތުމެވެ.
"ކައިރީކައިރީ ގިނަ އަޑުއެހުންތަކެއް ނުބޭއްވޭ، ކައިރިކައިރީ ގިނަ އަޑުއެހުންތަކެއް ބޭއްވޭ ނަމަވެސް، ޝަރީއަތް ހިނގަމުންދާ ކަމުގެ އިހުސާސް، އާންމުންނަށް އޮންނާނެ، މިހާރު މިވާ ގޮތަކީ އަޑުއެހުންތަކެއް ވެސް ނުބޭއްވި މަސްތަކެއް ގޮސްދާނެ، ނިޒާމު މި އޮންނަނީ ހިނގަހިނގައެއް ނޫނޭ،" މުހުތާޒު ވިދާޅުވި އެވެ.
ނުހައްގުން ވަޒީފާ ގެއްލިގެން، ވިޔަފާރީގެ މުއާމަލާތެއްގައި މަކަރު ހަދައިގެން ލިބޭ ގެއްލުމެއް ހޯދަން، ނޫނީ ވަޒީފާގެ މުސާރަ ނުދީ ހިފެހެއްޓުން ފަދަ މައްސަލަތައް ގިނަ އެވެ. ޖިނާއީ އަނިޔާއަށް އިންސާފު ހޯދަން، ޖިނާއީ މައްސަލައާއި ބަދަލު ހޯދަން އޮންނަ މަދަނީ މައްސަލަތައް ފުނިޖެހިފަ އެވެ.
އެ އަނިޔާއަށް ނިޔާއެއް ހޯދުމަށް މި ޖެހެނީ ތިން މަރުހަލާގެ ކޯޓުތަކުގެ ވަށާ އެނބުރޭށެވެ. އަނިޔާގެ ޝިކާރަވި މީހާއަށް އިންސާފު ލިބުމުގެ އުންމީދެއް ނެތެވެ. ތަހުވީލު ކުރަން ޖެހޭ ހާލަތުގައި، ނަފުސާނީ ގޮތުން މުޅިން ބަލިކަށިވެފަ އެވެ. މައްސަލަ ހުށަހަޅައިގެން، އިންސާފަށް ވަކާލާތު ކުރުމުގެ އިތުރު ހިތްވަރެއް ނެތީ އެވެ.
ހިނގަހިނގާ އޮންނަ ނިޒާމެއް ނެތުމުން، މުޅި މުޖުތަމައަށް ކުރިމަތިވެފައިވާ ބޮޑު ގެއްލުމެކެވެ.












