ނަޝީދުގެ މައްސަލަ ނުނިމި އޮތަސް މުއިއްޒު އަށް ހުވާކުރެއްވެން ޖެހޭނެ: ކުރީގެ އުއްތަމަ ފަނޑިޔާރު

Oct 27, 2023, 10:41 AM
ޑރ. އަހުމަދު އަބްދުﷲ ދީދީ (ކ) ޖޭއެސްސީގެ ޖަލްސާއެއްގައި ރައީސް ނަޝީދުގެ އަރިހުގައި. --ފޮޓޯ: އަވަސް އޮންލައިން

ޑރ. އަހުމަދު އަބްދުﷲ ދީދީ (ކ) ޖޭއެސްސީގެ ޖަލްސާއެއްގައި ރައީސް ނަޝީދުގެ އަރިހުގައި. --ފޮޓޯ: އަވަސް އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ ގަރާރާ މެދު ގޮތެއް ނުނިންމައި، މަޖިލީހަށް ހުށަހަޅާފައިވާ އެހެން އެއްވެސް ކަމެއް ކުރިއަށް ނުގެންދެވޭނެ ކަމަށާއި ނަމަވެސް، ކޮންމެ ސަބަބަކާ ހުރެ ވިޔަސް އެ މައްސަލަ ނުނިމި އޮތުމަކީ ރައީސުލްޖުމްހޫރިއްޔާ ހުވާކުރަން ބާއްވާ މަޖިލިސް ޖަލްސާ ކުރިއަށް ގެންދަން އޮތް ހުރަހެއް ނޫން ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަދި މަޖިލީހުގެ ކުރީގެ ކައުންސުލް ޖެނެރަލް ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް މެޖޯރިޓީ ޕާޓީ އެމްޑީޕީން ވަނީ ހުށަހަޅައިފަ އެވެ. އެ މައްސަލަ އާދީއްތަ ދުވަހަށް ވަނީ އެޖެންޑާކޮށްފަ އެވެ. ނަމަވެސް އެމްޑީޕީން ވަނީ މި މައްސަލަ ނަޝީދު ކުރިއަށް ނުގެންދަވާފާނެ ކަމުގެ ބިރު އޮތް ކަމަށް ބުނެފަ އެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ރައީސް މުހައްމަދު އަސްލަމް މިދިޔަ ހަފުތާގައި ވިދާޅުވީ ނަޝީދުގެ މައްސަލަ ނުނިންމައި، ކުރާ އެއްވެސް ކަމަކަށް އެއްބާރުލުން ނުދޭނެ ކަމަށާއި، ނަޝީދުގެ ރިޔާސަތުގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރައްވައިފި ނަމަ، އެ ހުވަޔާ މެދު ވެސް ގާނޫނީ ގޮތުން ސުވާލު އުފައްދާނެ ކަމަށެވެ.

މި ކަމުގައި މުއިއްޒު ނިސްބަތްވެވަޑައިގަންނަވާ ޕީޕީއެމް/ ޕީއެންސީގެ މެމްބަރުން ބުނަނީ އެމްޑީޕީ އާއި ނަޝީދާ ދެމެދު އޮތް މައްސަލައެއްގެ ތެރެއަށް މުއިއްޒު ވެއްދެވުމުގެ ފުރުސަތު ނުދޭނެ ކަމަށާއި، އިތުބާރު ނެތްކަމުގެ މައްސަލަ ކޮންމެ ގޮތަކަށް ކުރިއަށް ދިޔަޔަސް އާ ރައީސަށް ހުވާކުރެއްވެން ޖެހޭނެ ކަމަށެވެ.

މަޖިލީހަށް ގާނޫނީ ކަންކަމުގައި ލަފާދެއްވާ މުޝީރުގެ މަގާމު ކުރިން ފުރުއްވި އަހުމަދު އަބްދުﷲ ދީދީ، މިކަމުގައި ކުރެއްވި ދިގު ޓްވީޓެއްގައި ވިދާޅުވީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރު މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުމަށް ފަހު، އެއާ މެދު ގޮތެއް ނިންމުމުގެ ކުރިން، މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާމެދު ގޮތެއް ނިންމުމަކީ އެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ތަންދޭ ކަމެއް ނޫން ކަމަށެވެ.

"(އެހެންކަމުން) ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ނ) އާއި (ރ) ގެ ދަށުން ހުށަހެޅޭ ކަންތައްތަކާ ގުޅިގެން ވެސް މަޖިލީހަށް ގޮތެއް ނިންމޭނީ ހުށަހެޅިފައިވާ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލައާ މެދު ގޮތެއް ނިންމުމަށް ފަހުގަ އެވެ،" އެމަނިކުފާނު ލިޔުއްވި އެވެ.

"އެހެންކަމުން، މިހާރު މަޖިލީހަށް ހުށަހެޅިފައިވާ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލައާ މެދު ވީހާވެސް އަވަހަށް ގޮތެއް ނިމިގެންދިއުމަކީ ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމު އަމާންކަމާއި އޮމާންކަމާއެކު ހިންގުމަށް ކޮންމެހެން ޒަރޫރަތްތެރި ކަމެއްކަމުގައި ދެކެމެވެ."

އަހުމަދު އަބްދުﷲ ދީދީ ލިޔުއްވި ގޮތުގައި، ހަމައެއާ އެކު ގާނޫނުއަސާސީގެ 114 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާގެ މަގާމު ހުވާކުރުމަށް ބާއްވާ މަޖިލީހުގެ ޖަލްސާޔަކީ އެ މަޖިލީހުގެ ހިންގުމުގެ ގަވާއިދާ އެއްގޮތަށް ސައްހަ އިޖުރާއާތުގެ ދަށުން ބާއްވާ ޖަލްސާޔަކަށް ވެސް ވާނެ ކަމަށެވެ. އަދި، އެ ޖަލްސާޔަށާއި، ޖަލްސާގެ އިޖުރާއާތަށް ހުރަސްއެޅުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިގެންނުވާ ކަމަށް ވެސް އެމަނިކުފާނު ލިޔުއްވި އެވެ.

ހަމައެއާ އެކު މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ފާސްކުރުމަކީ މަޖިލީހުގެ މެންބަރުންނަށް ލިބިގެންވާ ދުސްތޫރީ ބާރެއްކަމުގައި ވާއިރު، އެކަމަށް ހުރަސްއެޅުމުގެ ގާނޫނީ ހައިސިއްޔަތެއް އެއްވެސް ފަރާތަކަށް ލިބިގެން ނުވާ ކަމަށް ވެސް އެމަނިކުފާނު ދެކެވަޑައިގަންނަވަ އެވެ.

ނަމަވެސް، އަހުމަދު އަބްދުﷲ ދީދީ ލިޔުއްވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި މިހާރު ތާވަލުކުރެވިފައިވާ، އެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލަ ކޮންމެ ސަބަބަކާހުރެ ނަމަވެސް، ނުނިމި އޮތުމަކީ ނޮވެމްބަރު 17 ގައި، ރާއްޖޭގެ ޖުމްހޫރިއްޔާގެ ރައީސްކަމަށް އިންތިހާބުކުރެވިފައިވާ ރައީސް މަގާމުގެ ހުވާކުރުމަށް ބާއްވާ މަޖލީހުގެ ޖަލްސާ، ގާނޫނުއަސާސީ އާއި ގާނޫނީ ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިން ބޭއްވުމަށް އޮތް ހުރަހެއް ނޫނެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާ މެދު ގޮތެއް ނިންމަން އާދީއްތަ ދުވަހު ބާއްވާ ޖަލްސާގައި އެމަނިކުފާނަށް ރިޔާސަތު ނުބެލެހެއްޓެވޭނެ އެވެ. ނައިބް ރައީސް އީވާ އަބްދުﷲ ބަލިވެ އުޅުއްވާތީ އޭނާ އަށް ވެސް އެ ޒިންމާ އަދާކުރެއްވޭނެ ކަމެއް ކަށަވަރެއް ނޫނެވެ. އާއްމު ހާލަތުގައި ނަމަ ރައީސާއި ނައިބް ރައީސް ނެތިއްޖެ ނަމަ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ އެންމެ ސީނިއާ މެމްބަރެވެ. ނަމަވެސް މި ހާލަތުގައި އެ މެމްބަރަކަށް ރިޔާސަތު ބެލެހެއްޓިދާނެ ކަމާ މެދު އެއް ބަޔަކު ގާނޫނީ ސުވާލު އުފައްދަ އެވެ.

މީގެ ކުރިން ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމުން އެ މައްސަލަ ކުރިއަށް ނުގެންދިޔައީ އޭރު އީވާގެ މައްސަލަ ވެސް ހުށަހަޅާފައި އޮތުމުން، އެ ދެ ބޭފުޅުން ވެސް ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެވަޑައިގަތުމުންނެވެ.

ފަހުން އެމްޑީޕީން ވަނީ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ނަޝީދުގެ ތާއީދު ހޯއްދެވުމަށްޓަކައި އެ މައްސަލަ އަނބުރާ ގެންގޮސްފަ އެވެ. މައްސަލަ އަލުން ލީ އިންތިހާބަށް ފަހު އެވެ.

އެމްޑީޕީގެ ޓިކެޓުގައި ރާއްޖޭގެ ރައީސްކަން ކުރެއްވި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ނަޝީދު އެމްޑީޕީން ވަކިވެވަޑައިގަތީ ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވެވަޑައިގަތުމުން އުފެދުނު ހިތްހަމަޖެހުމުގެ ތެރޭގައި އާ ޕާޓީއެއް އުފެއްދެވުމަށް ފަހު އެވެ. އެއާ އެކު އެމްޑީޕީގެ މެމްބަރުން ވަނީ ފާޅުގައި ނަޝީދާ ދެކޮޅަށް ނުކުމެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދ. މީދޫއިން ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

ދ. މީދޫގައި ރާއްޖެ ޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ޝޫޓްކުރަމުން ދަނިކޮށް، ޕީއެންސީގެ ބަޔަކާއި ރައީސްގެ އަނބިކަނބަލުންގެ އާއިލާގެ ބޭފުޅަކު ނޫސްވެރިންނަށް ހުރަސްއަޅައި ހަޅޭއްލަވައި މާރާމާރީ ހިންގައިފިއެވެ. މާރާމާރީ ހިނގާފައިވަނީ ނޫސްވެރިންނާއެކު ތިބި އެ ރަށުގެ ބައެއް ރައްޔިތުންނާ އެވެ.

ސޯސަން މަގު އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

މާލޭ ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 26 އަހަރުގެ އަންހެން މީހާ ވަނީ ނިޔާވެފައެވެ. މި ހާދިސާއާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ރަސްމާލެ ޑީލަކީ ބޭރުމީހުންނަށް ބިން ވިއްކުމުގެ ފެށުން: ޒަރިޔަންދު

އޭނާ ތުހުމަތުކުރެއްވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ޒަޔޮނިސްޓުންނަށް ރާއްޖޭގައި އާބާދުވެ، 99 އަހަރަށް ދިގު މުއްދަތަކަށް ދިރިއުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އާސަންދަ ލިމިޓުކުރަން ހަފުތާއެއް، އެއްވެސް ތަފުސީލެއް ނުދިން

މަހަކު 60،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ލިމިޓުކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފަށަން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އެ ސިޔާސަތު ތަންފީޒުކުރަން ފަށާ ތާރިހު ހިމެނޭހެން އެއްވެސް ތަފުސީލެއް އާސަންދައިން ނުދޭ.

އީގަލް ހިލްސްގެ ފްލެޓުތައް ވެސް ހިލޭ ނޫން

އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓަކީ ދައުލަތުގެ ބަޖެޓުން ފައިސާ ދައްކަން ނުޖެހޭ އަދި ސޮވެރިން ގެރެންޓީއެއް ދޭން ނުޖެހޭ މަޝްރޫއެއް. ނަމަވެސް، މިއީ ހިލޭ ލިބޭ ފްލެޓުތަކެއް ނޫން ކަމަށާއި، މީގެ އަގު އަދާކުރާނީ ރަސްމާލެ މަޝްރޫއުން ސަރުކާރަށް ލިބޭ އާމްދަނީގެ 10 އިންސައްތައިން ކަމަށް މުއްތަލިބު ވަނީ ހާމަކުރައްވާފަ.

ރަސްމާލެ ޑީލު ދެން އަންނަ ސަރުކާރުން ބާތިލުކުރާނެ: ޔާމީން

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ދިވެހިންގެ މުސްތަގުބަލުން ކުރާ ވައްކަމެއް ކަމަށާއި، އެއީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެެ. އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމަށް ދެން އަންނަ ސަރުކާރަކުން އިހުތިރާމް ކުރަން ނުޖެހޭނެ ކަމަށް.

ހުލާސާކޮށް އިއްޔެ: އީގަލް ހިލްސްއަށް ބިން ދެނީ ހިލޭ

ރަސްމާލޭ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ހިލޭ ބިން ދޫކުރަން ނިންމާފައިވާއިރު، އިންޑިއާގެ 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ވަނީ އެކްޓިވްވެފައެވެ. މީގެ އިތުރުން ތިލަފުށީ ބަނދަރު ތަރައްގީކުރުމަށް އައު ކުންފުންޏެއް އުފައްދާފައިވާއިރު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ކުރާ ތުހުމަތުތައް އެމަނިކުފާނުގެ އާއިލާއިން ވަނީ ދޮގުކޮށްފައެވެ. ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ކަމެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

Newsletter

Get the latest news delivered straight to your inbox