ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިފަހަރު ހުށަހެޅުމާއި އެކު ވާދަވެރި ދަ ޑިމޮކްރެޓްސްގެ މެމްބަރުން ފުރަތަމަ ވެސް ކުރެއްވީ މި ތުހުމަތެވެ. އެމްޑީޕީގެ ބޭނުމަކީ ރައްޔިތުން އިންތިހާބުކުރި އާ ރައީސުލްޖުމްހޫރިއްޔާ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ހިޔަނި އަޅުވައިލުން ކަމަށް ދަ ޑިމޮކްރެޓްސްގެ ބައެއް މެމްބަރުން ވިދާޅުވި އެވެ.
ނަޝީދު ވަކިކުރުމުގެ މައްސަަލަ އެހައިތަނަށް ނުނިންމިއްޖެ ނަމަ ހަގީގަތުގައި ވެސް އެ ރަސްމިއްޔާތަށް ހިޔަނި އެޅެ އެވެ. އެއީ މަޖިލީހުގެ ގަވާއިދު އޮތް ގޮތުން، މަޖިލީހުގެ ރައީސް ވަކިކުރުމުގެ ގަރާރެއް ހުށަހަޅައި، މެމްބަރުންނަށް ދޭ ނޯޓިސްގެ މުއްދަތު ހަމަވުމަށް ފަހު އެ ގަރާރުގެ މަސައްކަތް ނުނިންމައި އެހެން ކަމަކަށް ނޭނބުރެވޭނެތީ އެވެ.
މަޖިލީހުގެ 205 ވަނަ މާއްދާގެ (ރ) ގައި މިހެން އޮތް އިރު، ރައީސުލްޖުމްހޫރިއްުޔާ ހުވާކުރެއްވުމުގެ ރަސްމިއްޔާތަކީ ވެސް މަޖިިލީހުގެ ޖަލްސާ އެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބުރައީސް މޫސާމަނިކު.ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
"ހުވާކުރާ ޖަލްސާގެ ސައްހަކަމާ މެދު ސުވާލުއުފައްދާނެ ޖާގަ ބާއްވައިގެން ނުވާނެ"
އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަން ކުރެއްވި، ހުޅުހެންވޭރު ދާއިރާގެ އޭރުގެ މެމްބަރު ރީކޯ މޫސާ މަނިކު ގަބޫލުކުރައްވާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާއަކު ހުވާ ކުރައްވާ ޖަލްސާ ވާން ޖެހޭނީ އެ ޖަލްސާގެ ސައްހަކަމާ މެދު އެއްވެސް މީހަކަށް ފަހުން ވެސް ސުވާލު ނޫފެއްދޭނެ ޖަލްސާއަކަށެވެ.

މިހާރު ހުންނެވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު 2018 ވަނަ އަހަރު އިންތިހާބުވެވަޑައިގެންނެވި އިރު ވެސް މަޖިލީހުގެ ހާލަތު އޮތީ ވަރަށް ގޯސްކޮށެވެ. އެއީ 12 މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުގެ އަމުރެއްގެ ސަބަބުން ސުވާލު އުފެދިފައި އޮތުމާއި މަޖިލީހުގެ އޭރުގެ ރައީސް އަބްދުﷲ މަސީހު ވަކިކުރަން ހުށަހަޅާފައި އޮތް މައްސަލައެއް އޮތުމުގެ ސަބަބުންނެވެ.
"އެހެން އެކަން އޮތީމާ، [އޭރުގެ] އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަަޅުގަނޑަށް ގުޅުއްވާފައި ވިދާޅުވީ އެ މައްސަލަތައް ނުނިންމާ އޮއްވައި ހުވާކުރަން ދާން ތިމަންނައަށް އުނދަގުލޭ. އެހެންވީމާ އެ މައްސަަލަ ހައްލުކޮށްދޭށޭ،" މޫސަ ވިދާޅުވި އެވެ.
މޫސަ ވިދާޅުވި ގޮތުގައި އެ މައްސަލަ ހައްލުކުރެވޭތޯ، ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓަށް ސިޓީއެއް ވެސް އޭރު ފޮނުވި އެވެ. އެއީ ގޮނޑި ގެއްލުނު ކަމަށް ސުވާލު އުފެދޭ މެމްބަރުންނާ މެދު އަވަހަށް ގޮތެއް ނިންމައިދޭން އެދި އެވެ.
މޫސަ ވިދާޅުވި ގޮތުގައި މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ނޮވެމްބަރު 01، 2018 ގައި ބާއްވަން އޭނާ އެޖެންޑާ ކުރެއްވީ ސުވާލު އުފެދިފައިވާ 12 މެމްބަރުން ވެސް އެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ ގޮތަށެވެ. އެއީ ގޮނޑި ގެއްލިފައިވާ މެމްބަރުން ކަމަށް އެހައިތަނަށް ބަލަމުން އައިސްފައި އޮތުުމުން، ސިފައިން މެދުވެރިކޮށް އެ މެމްބަރުން ތަޅުމުން ނެރުމަކީ އެހައިތަނަށް އާއްމު ކަމެކެވެ.
އެކަމަކު މަސީހު ވަކިކުރާ ޖަލްސާގައި އެގޮތަށް ކަންތައް ނުހިނގާނެ ކަމުގެ ކަށަވަރުކަން މޫސަ ވިދާޅުވި ގޮތުގައި އޭނާ އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމާ ވާހަކަ ދައްކަވައިގެން ހޯއްދެވި އެވެ.
"ޝިޔާމް ވިދާޅުވީ ތިމަންނަ މެން [ސިފައިން] ނުހުއްޓުވާނަމޭ، ތިމަންނަ މެން އަބަދު ވެސް މަޖިލީހުގައި ކަންތައް ކުރަނީ މަޖިލީހުގެ ރިޔާސަތުން އަންގާ ގޮތަށޭ،" މޫސަ ވިދާޅުވި އެވެ.
މަސީހު ވަކިކުރަން އެޖެންޑާކުރި ޖަލްސާގެ ނޯޓިސް، ގޮނޑި ގެއްލުނު ކަމަށް ސުވާލު އުފެދިފައި އޮތް 12 މެމްބަރުންނަށް ފޮނުވީ މޫސަ ވިދާޅުވި ގޮތުގައި ސިފައިންގެ ފަރާތުން އެ ޔަގީންކަން ހޯއްދެވުމަށް ފަހުގަ އެވެ. އޭނާ ވިދާޅުވީ އެ މެމްބަރުން ޖަލްސާއަށް ވައްދަވާނެކަން ސުޕްރީމްކޯޓަށް ވެސް އެއާ އެކު އެންގެވި ކަމަށެވެ.
އެހެން ނަމަވެސް ރިޔާސީ އިންތިހާބުގެ ނަތީޖާއާ އެކު އޮއިވަރު ބަދަލުވެ، 12 މެމްބަރުންގެ ވެސް ގޮނޑި ނުގެއްލޭ ކަމަށް އެ ޖަލްސާގެ ކުރިން ސުޕްރީމް ކޯޓުން ނިންމި އެވެ.
މަޖިލީހުގެ ރައީސް ކަމުން މަސީހު އިސްތިއުފާ ދެއްވީ އެކަމަކު އެ ޖަލްސާ ބޭއްވުމުގެ ކުރިންނެވެ. އެހެންވެ ހަމަ އެ ދުވަހު (ނޮވެމްބަރު 01، 2018 ދުވަހުގެ ރޭ) މަޖިލީހުގެ ޖަލްސާއެއް ބާއްވައި މަޖިލީހުގެ ރައީސް ކަމަށް ގާސިމް އިންތިހާބު ކުރި އެވެ.
މޫސަ ވިދާޅުވީ މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރަން ހުށަހަޅާފައި އޮތް މައްސަލަ އާ މެދުގައި ވެސް އާ ރައީސް ހުވާކުރައްވާ ތާރީހުގެ ކުރިން ގޮތެއް ނިންމަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
"އަަޅުގަނޑު ދެކޭ ގޮތުގައި ރައީސް ނަޝީދު މިވަގުތު ކުރައްވަން އެންމެ ރަނގަޅު ކަމަކީ އެ މައްސަލަ އަވަހަށް ކްލިއާ ކޮށްލެއްވުން. އަޅުގަނޑު ނުދަންނަވަން އިތުބާރު އޮތެކެވޭ ނެތެކޭ،" މޫސަ ވިދާޅުވި އެވެ.
ރައްޔިތުން އިންތިހާބުކުރި ގާނޫނީ ރައީސަކު ހުވާކުރެއްވުމުގެ ރަސްމިއްޔާތާ މެދު މީހަކު ސުވާލު އުފައްދާނެ ޖާގަ ނުބޭއްވުމަކީ އޭނާ ވިދާޅުވި ގޮތުގައި ވަރަށް މުހިއްމު ކަމެކެވެ.
ނަޝީދު ވަކިކުރަން އެމްޑީޕީން ދެވަނަ ފަހަރަށް ހުށަހެޅި މައްސަލަ ކުރިއަށް ގެންދާ ޖަލްސާ އަންނަ އާދީއްތަ ދުވަަހަށް ތާވަލުކޮށް، މިހާރު ވަނީ މެމްބަރުންނަށް އެޖެންޑާ ވެސް ފޮނުވައިފަ އެވެ.













