ސިނާއީ ހަބެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ތިލަފުށިން ވިޔަފާރިތަކަށް ބިން ވިއްކާލަން ހުޅުވާލި ފުރުސަތުގެ ދަށުން 31 ބިމެއް ވިއްކާލާފައިވާ ކަމަށް އާބަންކޯއިން މިއަދު ބުނެފި އެވެ.
ސިނާއީ ބޭނުންތަކަށް ތިލަފުށިން ބިން ވިއްކަން އާބަންކޯއިން ހުޅުވާލީ މިދިޔަ ފެބްރުއަރީގަ އެވެ. އެއީ ދިވެހި ވިޔަފާރިތަކަށް ބިން މިލްކުވާ ގޮތަށް އަދި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ބޭރުގެ ވިޔަފާރިތަކަށް 99 އަހަރަށް ކުއްޔަށް ދޫކުރާ ގޮތަށެވެ.
އެގޮތުން މިހާތަނަށް ވިކުނީ ކިތައް ބިންތޯ 'އަދަދު' ނޫހުން ސުވާލުކުރުމުން އާބަންކޯއިން ބުނީ ބިން ގަންނަން ޝައުގުވެރިކަން ފާޅުުކުރި 72 ވިޔަފާރިއަކަށް ކޮންޑިޝަނަލީ ބިން އެވޯޑު ކުރެވިފައިވާ ކަމަށެވެ. އޭގެ ތެރެއިން މިހާތަނަށް ފައިސާ ދެއްކީ 31 ވިޔަފާރިއާ އެކީ ބިން ވިއްކުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ. އަދި ބައެއް ބިން ވިއްކުމުގެ މުއާމަލާތްތަކުގެ ކޯޓު މަރުހަލާ ވެސް ނިމިއްޖެ އެވެ.
ތިލަފުށިން ބިން ވިއްކަން ހުޅުވާޅި އެންމެ ދަށް އަގަކީ އަކަ ފޫޓަކަށް 1700ރ. އެވެ. މިހާތަނަށް ވިއްކި ހުރިހާ ބިމެއް ވެސް ގަތީ ދިވެހި ވިޔަފާރިތަކުންނެވެ. އަދި ތިލަފުށިން ވިއްކާލަން ހުޅުވާލި އެއްވެސް ބިމަކަށް ބިދޭސީ ވިޔަފާރިއެއްގެ ހުށަހެޅުމެއް ލިބިފައި ނުވާ ކަމަށް އާބަންކޯއިން ބުންނެވެ.
ތިލަފުށީގެ މާސްޓާ ޕްލޭނުގައިވާ ގޮތުން އެ ރަށުން އިތުރު 151 ހެކްޓަރު ހިއްކާނެ އެވެ. މި ބިންތައް ހާއްސަކުރަނީ މައިގަނޑު ހަ ކަމަކަށެވެ. އެއީ ޕަވާ ޕްލާންޓަކާއި ތެޔޮ ރައްކާކުރާ ސްޓޯރޭޖުތަކާއި އޮފީސް ހިންގުމަށް ދޫކުރާ ބިންތަކުގެ އިތުރުން ތަނަވަސް ވިޔަފާރި ބަނދަރަކާއި ރެކްރިއޭޝަން އަށް ހާއްސަ ބިންތަކުގެ އިތުރުން ސިނާއީ މަސައްކަތްތައް ކުރުމަށް ދޫކުރާ ބިންތަކެވެ.
އާބަންކޯ އިން ވަނީ މިދިޔަ މަހު އެ މަޝްރޫއުގެ ދަށުން އެހާތަނަށް ހިއްކަން ނުފަށައި އޮތް ހަަތަރު ސަރަހައްދުގެ އަމަލީ މަސައްކަތް ފަށާފަ އެވެ. އެއީ އެރިއާ "އޭ" އިން 71.5 ހެކްޓަރުގެ ބިމާއި އޭރިއާ "ބީ" އިން 39.6 ހެކްޓަރުގެ ބިމާއި އޭރިއާ "އީ" އިން 5.9 ހެކްޓަރުގެ ބިމުގެ އިތުރުން އޭރިއާ "އެފް" އިން 0.73 ހެކްޓަރު ބިމެވެ.
ތިލަފުށި ހިއްކުމުގެ މަސައްކަތް ކުރަމުން ދަނީ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑް އާ އެވެ.









