ލިވަޕޫލް (އޮކްޓޫބަރު 25) - ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހު އެ ކުލަބު ދޫކޮށްލައިފި ނަމަ، އޭނާގެ ބަދަލުގައި ޖަރުމަންގެ ބަޔާން މިޔުނިކަށް ކުޅެމުން އަންނަ ލެރޯއި ސާނޭ ގަންނަން އެ ކުލަބުން ވިސްނަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ލިވަޕޫލްގެ އެންމެ މުހިންމު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ސަލާހު އަކީ ސައުދީ ޕްރޯ ލީގުގެ އަލް އިއްތިހާދުން ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކުޅުންތެރިއެކެވެ. އޭނާ ހޯދުމަށް މިދިޔަ ޓްރާންސްފާގައި ވެސް އަލް އިއްތިހާދުން މަސައްކަތްކުރި އެވެ. އެ ގޮތުން، 150 މިލިއަން ޕައުންޑުގެ ބިޑަށް ސަލާހު ނޫނެކޭ ބުނީ އިތުރު އެއް ސީޒަން ޔޫރަޕްގައި ކުޅުމަށެވެ.
ސަލާހު އަކީ މުސްލިމް ކުޅުންތެރިއަކަށްވެފައި ސައުދީ ލީގުގައި ބޮޑު މުސާރައެއްގައި ކުޅެލަން ލިބޭ ފުރުސަތު އޭނާ ދެ ވަނަ ފަހަރަށް ގެއްލުވާ ނުލާނެކަމަށް ތަޖުރިބާކާރުން ގަބޫލުކުރެ އެވެ. އަނެއްކޮޅުން އަލް އިއްތިހާދުން ތިބީ މި ސީޒަނަށްފަހު ސަލާހު އަށް ކުރިން ހުށަހެޅި އަގަށްވުރެ ބޮޑު އަގެއްގައި އޭނާ ގެންނަ ތައްޔާރަށެވެ.
ލިވަޕޫލަށް މި ސީޒަނުގައި ވެސް އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ ސަލާހު، އެ ކުލަބް ދޫކޮށްލައިފި ހާލަތެއްގައި އެކުލަބުން ގަންނަން ތައްޔާރުވާނީ ބަޔާންގެ ސާނޭ ކަމަށް ބެލެވެ އެވެ. އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރާ ގޮތުން އެކުލަބުގެ ރެކޯޑު ފީއަކަށް ސާނޭ އަނބުރާ އިނގިރޭސި ޕްރިމިއާ ލީގަށް ގެންނަން ލިވަޕޫލުން ތައްޔާރެވެ.
ސާނޭ ވަނީ މީގެ ކުރިން ޕްރިމިއާ ލީގުގެ ސިޓީގައި މޮޅު ކުޅުމެއް ދައްކައި އެ ކުލަބަށް ޕްރިމިއާ ލީގު ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ. ނަމަވެސް ފުރަތަމަ އެގާރައިން ފުރުސަތު ނުލިބޭތީ 2020 ވަނަ އަހަރު އޭނާ ވަނީ ބަޔާން އަށް ބަދަލުވެފަ އެވެ.
ބަޔާންއާ އެކު ސާނޭ ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2025ގަ އެވެ. އެހެންކަމުން، ލިވަޕޫލުން ފޯވާޑް ޑާވިން ނުނޭޒް ގަތުމަށް ހޭދަކުރި 80 މިލިއަން ޕައުންޑަށް ވުރެ ބޮޑު އަދަދެއް ސާނޭ ގަތުމަށް ހޭދަކުރަން ޖެހޭނެ އެވެ.
ސާނޭ، 27، ގެ އިތުރުން އެކުލަބަށް ކުޅޭ ޖަމާލް މުސިއާލާ އަކީ ވެސް ލިވަޕޫލުން ޝައުގުވެރިވާ ކުޅުންތެރިއެކެވެ.












