އިސްރާއީލުގެ ހައްދުފަހަނައެޅި އަނިޔާވެރިކަން ދިގުލައިގެން ދިއުމާއި ފަލަސްތީނުގެ ކުށެއް ނެތް އާންމުންނަށް އަމާޒުކޮށް ޔަހޫދީން ދެމުންދާ ލާއިންސާނީ އަނިޔާ އިތުރަށް ވަރުގަދަ ކޮށްފައި ވާތީ އެކަން ހުއްޓުވައިދިނުމަށް އ.ދ ގެ 10 ވަނަ ކުއްލި ހާއްސަ ޖަލްސާގެ ސެޝަންއެއް ބޭއްވުމަށް ދިވެހިރާއްޖޭން މިއަދު ގޮވާލައިފި އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓަރު، އަބްދުﷲ ޝާހިދު އެކްސްގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހިން ތިބީ ފަލަސްތީނުގެ ރައްޔިތުންނާ އެކުގައި އެމީހުންނަށް ލިބެންޖެހޭ ހައްގުތައް ހޯދުމަށް ކުރާ މަސައްކަތުގައި އެއްބާރުލުން ދޭން ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ، އިބްރާހިމް މުހައްމަދު ސޯލިހުގެ ލަފާފުޅާއި އިރުޝާދުފުޅުގެ ދަށުން އެހެން ބައެއް ގައުުތަކާ ވެސް ގުޅިގެން އ.ދ ގެ 10 ވަނަ ކުއްލި ހާއްސަ ޖަލްސާގެ ސެޝަނެއް ކުރިއަށް ގެންގޮސްދިނުމަށް އެދި އ.ދ ގެ އާންމު މަޖިލީހުގެ ރައީސްއަށް ދަންނަވާފައިވާ ކަމަށް އޭނާ ލިޔުއްވި އެވެ.
އ.ދ ގެ ކުއްލި ހާއްސަ ޖަލްސާއަކީ 1950 ވަަނަ އަހަރު އެކުލަވާލެވުނު "ޔުނައިޓިން ފޯ ޕީސް" ގެ ދަށުން ކުރިން ތާވަލު ކުރުމަކާ ނުލައި ބޭއްވޭ ހާއްސަ ޖަލްސާއެކެވެ. އދ 10 ވަނަ ކުއްލި ހާއްސަ ޖަލްސާގެ ސެޝަނެއް އެންމެ ފުރަތަމަ ބޭއްވުނީ ގަތަރުގެ އިސްނެގުމާއެކު 1997 ގަ އެވެ. އޭރު ކުއްލި ހާއްސަ ބައްދަލުވުމަކަށް ގޮވައިލީ އިރުމަތީ ގުދުސްގައި 6500 އަށްވުރެ ގިނަ ހައުސިން ޔުނިޓް އެޅުމަށް، ގަދަކަމުން އެ ބިމަށް ވެރިވެފައިވާ ޔަހޫދީ ދައުލަތުން ނިންމުމާ ގުޅިގެންނެވެ. އެ ހާލަތު އުފަން ކުރުވީ އޭރު އޮތް އ.ދ ގެ ސެކިއުރިޓީ ކައުންސިލަށް ދެ ފަހަރު މަތިން ބޭއްވި ބައްދަލުވުންތަކުގައި ވެސް ހައްލެއް ހޯދައި ނުދެވުމުގެ ސަބަބުންނެވެ.
ކުއްލި ހާއްސަ ބައްދަލުވުންތަކަކީ ކުދި ގައުމުތަކަށް ވެސް ބާރު ލިބޭ ޖަލްސާއެކެވެ. ކުއްލި ހާއްސަ ޖަލްސާއެއް އެންމެ ފަހުން ބާއްވާފައި ވަނީ 2018 ވަނަ އަހަރު އެވެ. 10 ވަނަ ކުއްލި ހާއްސަ ޖަލްސާ މެނުވީ އެއްވެސް ކުއްލި ހާއްސަ ޖަލްސާއެއް އެއް ފަހަރަށް ވުރެ ގިނަ ފަހަރު ބާއްވަން ޖެހިފައެއް ނުވެ އެވެ.
1997 އަށް ފަހު މިއަދާ ހަމައަށް އެކި ފަހަރު މަތިން އ.ދ ގެ 10 ވަނަ ކުއްލި ހާއްސަ ބައްދަލުވުމުގެ ސެޝަންތައް ކުރިއަށް ގެންގޮސްފައިވެ އެވެ. އެފަދަ ސެޝަނެއްގައި އަގުލަބިއްޔަތުން ނިންމާ ނިންމުމަކަށް އިސްރާއީލުން އަމަލު ކުރަންޖެހޭނެ އެވެ. އެހެންވުމާއެކު ރާއްޖޭން ގޮވައިލި ގޮތަށް އެ ޖަލްސާގެ ސެޝަންއެއް ބާއްވައި އެ ސެޝަންގައި ބައިވެރިވާ ގައުމުތަކުގެ އަގުލަބިއްޔަތުން ފަލަސްތީނަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތައް ހުއްޓައިލަން ގޮވައިލައިފި ނަމަ ހަނގުރާމަ ހުއްޓައިލުމަށް އިސްރާއީލަށް މަޖުބޫރު ވާނެ އެވެ.

މިމަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ހުޅަނގު އައްސޭރިއަށާއި ގާޒާއަށް ހުއްޓުމެއް ނެތި ދެމުންގެންދާ ހަމަލާތައް ހުއްޓުވުމަށް އ.ދ ގެ ސެކިއުރިޓީ ކައުންސިލަށް ހުށަހަޅައިގެން ވެސް އެކަން ވަނީ ކުރެވޭ ގޮތް ނުވެފަ އެވެ.
އިސްރާއީލުން ހިންގަމުން ގެންދާ ލާއިންސާނީ ޖަރީމާއާ ދެކޮޅަށް ލުބުނާނުގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތުންނާއި ގާޒާގައި ވެރިކަން ކުރާ ހަމާސް ޖަމާއަތުގެ އިތުރުން ޔަމަނުން ވެސް ދަނީ ހަމަލާ ދެމުންނެވެ. އިސްރާއީލުން ދެމުންގެންދާ ހަމަލާތައް އިތުރަށް ވަރުގަދަ ކޮށްފައިވާއިރު ފާއިތުވި 24 ގަޑިއިރު ތެރޭގައި އެކަނި ވެސް ވަނީ ފަލަސްތީނުގެ 436 މީހުން ޝަހީދުކޮށްލާފައިވެ އެވެ. އެއާއެކު ފަލަސްތީނުން ޝަހީދުވި މީހުންގެ އަދަދު 5087 އަށްވުރެ މައްޗަށް ގޮސްފަ އެވެ.












