ރިޕޯޓުނުފޫޒާއި މަސްލަހަތު ނެތް ޖޭއެސްސީއެއް ހޯދާނީ ކިހިނެއް؟

ނުފޫޒާއި މަސްލަހަތު ނެތް ޖޭއެސްސީއެއް ހޯދާނީ ކިހިނެއް؟

"އޭރުގައި ބޭނުން ނުވީ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ނަންތަކެއްގެ ތެރެއިން އައްޔަން ކުރެވޭ ގޮތަށް ބާއްވަން، އަޅުގަނޑުމެންނަށް ދެން ވިސްނުނީ ދައުލަތުގެ ތިން ބާރު ތަމްސީލުވާ ގޮތެއްގައި އެކުލެވުން ބާއްވަން، އެ ވިސްނުމުގައި ދިރާސާކުރަމުން ނަމޫނާއަކަށް ފެނުނީ ދެކުނު އެފްރިކާ."

ޖޭއެސްސީގައި ތިބޭ ފަނޑިޔާރުންނާއި ސިޔާސީ ބޭފުޅުން މެދުވެރިވެގެން ފަނޑިޔާރުގެއަށް ނުފޫޒު ވަންނަ ކަން ދޭހަވާ ކުރެހުމެއް - ގްރެފިކްސް: ރައްޔާން މުހައްމަދު / އަދަދު
ޖޭއެސްސީގައި ތިބޭ ފަނޑިޔާރުންނާއި ސިޔާސީ ބޭފުޅުން މެދުވެރިވެގެން ފަނޑިޔާރުގެއަށް ނުފޫޒު ވަންނަ ކަން ދޭހަވާ ކުރެހުމެއް - ގްރެފިކްސް: ރައްޔާން މުހައްމަދު / އަދަދު

"އެމްޑީޕީން ހުށަހަޅަނީ ފަނޑިޔާރުންނަށް ފާރަވެރިވެ، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު ބެލެހެއްޓުމަށް އޮތް ޖުޑިޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތަށާއި، އެކުލަވައިލާ ގޮތަށް ބަދަލު ގެނައުމަށެވެ. ފަނޑިޔާރުންގެ ޒާތީ މަސްލަހަތާއި ތައައްސުބުން އެއްކިބާވެފައިވާ ޖުޑިޝަލް ސާވިސް ކޮމިޝަނެއް ގާއިމު ކުރުމަށެވެ."

އެއީ "ޖަޒީރާ ރާއްޖެ" މެނިފެސްޓޯގެ 105 ވަނަ ސަފުހާގައިވާ ލިޔުންކޮޅެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅަކީ އެއީ އެވެ. ސިޔާސީ ބޭފުޅުންނާއި ފަނޑިޔާރުން ވެސް ނުހިމެނޭ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކެވެ. ސިޔާސީ ނުފޫޒާއި ޒާތީ މަސްލަހަތުން ވެސް އެއްކިބާވެގެން އެ މުއައްސަސާ ހިންގޭނީ އޭރުން ކަމެވެ.

އެމަނިކުފާނު 2018 ގެ ރިޔާސީ އިންތިހާބަށް އެ ވައުދާއެކު ނުކުންނެވީ، އޭރު ޖަލުގައި ތިބި އިދިކޮޅު ސިޔާސީ ލީޑަރުންނަށް އެ ހާލަތު ކުރިމަތިވުމުގެ ސަބަބަކީ ޖޭއެސްސީ ކަމަށް ވިދާޅުވެ އެވެ. ޖުޑިޝަރީ އިސްލާހު ކުރުމުގެ ވާހަކައިގައި ފުރަތަމަ ފަށަން ޖެހޭ ތަނަކީ ވެސް އެއީ ކަމަށް ވިދާޅުވެ އެވެ.

"ކޯޓުތައް އިސްލާހު ކުރާ ވާހަކަ ދައްކާ އިރުގައި އެންމެ ފުރަތަމަ އަޅުގަނޑުމެން ފަށަން ޖެހޭނީ ޖުޑިޝަލް ސާވިސް ކޮމިޝަނުން، ކޯޓަކަށް ފަނޑިޔާރަކު ލިޔަސް، ޕްރޮމޯޝަނެއް ދިނަސް، ވަކިކުރިޔަސް، މި ކަންތައްތައް ކުރަމުން ދަނީ ސިޔާސީ ފައިދާއަށް،" އޭރުގެ ހާލަތު ބަޔާންކޮށްދެއްވަމުން ރައީސް ވިދާޅުވެފައިވެ އެވެ.

ޖޭއެސްސީގެ އެކުލެވުން؛

  • ރައްޔިތުންގެ މަޖިލީހުގެ ރައީސް
  • ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް
  • މަޖިލީހުން ކަނޑައަޅާ އާންމު މީހެއް
  • ސިވިލް ސާވިސް ކޮމިޝަންގެ ރައީސް
  • ބަންޑާރަ ނައިބު
  • ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ވަކީލެއް
  • ވަކީލުން އިންތިހާބުކުރާ ވަކީލެއް
  • ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް
  • ހައި ކޯޓުގެ ފަނޑިޔާރެއް
  • ދަށު ކޯޓުތަކުން ފަނޑިޔާރެއް

ރައީސް ސޯލިހުގެ ރިޔާސީ ދައުރުގެ ފަހު އަހަރު ރައްޔިތުންގެ މަޖިލީހަށް ކޮމިޝަނުގެ އެކުލެވުން ބަދަލު ކުރަން ހުށަހަޅާފައިވާ ބިލުގައި ވަނީ ޖޭއެސްސީގައި ހިމެނޭ މެންބަރުންގެ ތެރެއިން މަޖިލީހުގެ ރައީސް އާއި ރައީސުލްޖުމްހޫރިއްޔާގެ މެންބަރާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އުނި ކުރުމަށެވެ.

އެއީ މީގެ ފަސް އަހަރު ކުރިން އެމަނިކުފާނުގެ ރިޔާސީ މެނިފެސްޓޯގައި އެ އެކުލެވުން ގެންނާނެ ކަމަށް ހިމަނާފައިވާ ގޮތެއް ނޫނެވެ. އޭގައި ހިމެނެނީ މަގާމުގެ ހައިސިއްޔަތުން އެއްވެސް ބޭފުޅަކު ނުހިމެނުމަށެވެ. އެއީ ކުރިން އޮތް އެކުލެވުމުން ތިން މެންބަރެއް އުނިކޮށްލުމުގެ ބަދަލުގައި މުޅި އެކުލެވުން ބަދަލުކޮށްލުމެވެ.

ފަސް އަހަރު ފަހުން، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ބޭނުންފުޅުވަނީ އެފަދަ ގޮތަކަށް ކޮމިޝަން ބަދަލު ކުރުމަށެވެ. މަގާމުތައް ހުންނެވި ބޭފުޅުން އޭގައި ނުހިމެނުމެވެ. ފަނޑިޔާރުކަމުން ރިޓަޔާވެގެން އާދެވޭ ފަދަ މުއައްސަސާއަކަށް ހެދުމެވެ. މާ ބޮޑު ތަފްސީލެއް އަދި ނުދެއްވަ އެވެ.

"އެއްވެސް މަގާމެއްގެ ސަބަބުން ލިބޭ ޕޮޒިޝަނަކަށް ޖޭއެސްސީގެ މެންބަރުކަން ވެގެން ނުވާނެ، ތިއްބަވަން ޖެހޭނީ ޖުޑިޝަލް ދާއިރާގެ ބޭފުޅުން، ރިޓަޔަޑް ޖަޖުން މިސާލަކަށް، މިހާރު އޮތް ބިލަށް ބަދަލެއް ގެނެސްގެން ދެވެން އޮވެއްޖެއްޔާ އެއީ އަޅުގަނޑު ވެސް އެދޭ ގޮތް،" ރާއްޖޭގެ ޓީވީއަކަށް ދެއްވި އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވެފައިވެ އެވެ.

މި އެކުލެވުމުގެ ވިސްނުން ގެނައި ގޮތް

ޖޭއެސްސީ ފިޔަވައި އެހެން މުއައްސަސާތަކަށް މެންބަރުން ހަމަޖައްސާ ގޮތަކީ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ނަންތަކެއްގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ރުހުންދޭ ބަޔަކު އައްޔަން ކުރުމެވެ. ނަމަވެސް އެ ގޮތަށް ޖޭއެސްސީ އޮވެއްޖެ ނަމަ، ރައީސްގެ ނުފޫޒު އޮތުމުގެ ބިރު ވެސް އެބަ އޮވެ އެވެ.

ފެހި ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ މެންބަރުންނަށް ވިސްނުނީ އޭގެ ބަދަލުގައި މުޅި ދައުލަތް އެ ޒިންމާގައި ޝާމިލު ކުރުމަށެވެ. ފަނޑިޔާރުންނާއި ގާނޫނު ހަދާ މަޖިލީހާއި ސަރުކާރު ހިމެނޭހެން ދައުލަތުގެ ތިން ބާރުގެ މަންދޫބުން އެ ތަނުގައި ތިބުމަށެވެ. އޭގެ އިތުރަށް ވަކީލަކާއި އާންމު މީހަކު ހިމެނުމަށެވެ.

"ވެރިކަން ހިންގާ ފަރާތް، ދައުލަތުގެ ބަންޑާރަ ނައިބު، މަޖިލިސް، ފަނޑިޔާރުގެ، އާންމުންގެ ތެރެއިން މީހަކު، މި އެންމެން ތިބޭ ތަނަކުން ފަނޑިޔާރުގެއަށް ފާރަވެރިވާ ގޮތަށް، ރައްޔިތުންގެ މަޖިލީހާއި ރައީސުލްޖުމްހޫރިއްޔާ އެއީ ދެން ރައްޔިތުން ހޮވާ ބަޔަކު، ޖޭއެސްސީ އެކުލަވާލާ ގޮތް އެނގި ތިބެ،" ހާއްސަ މަޖިލީހުގައި އޭރު އިންނެވި އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއީލް (އިބްރާ) ވިދާޅުވެފައިވެ އެވެ.

މިފަދަ އެކުލެވުމެއް ހަމަޖެއްސުމަށް ޓަކައި އޭރު ނަމޫނާއަކަށް ބަލާފައިވަނީ ދެކުނު އެފްރިކާ އެވެ. ދުނިޔޭގެ ގައުމުތަކުގެ ތެރެއިން، ރާއްޖޭގައި މިި ފެންނަ ފަދަ އޮނިގަނޑެއް އޮންނަނީ ވެސް ދެކުނު އެފްރިކާގެ އިތުރުން އެފްރިކާ ބައްރުގެ ބައެއް ގައުމުތަކުގަ އެވެ. ބޮޓްސްވާނާ އާއި ޔުގެންޑާ ވެސް ހިމެނެ އެވެ. ޔޫރަޕްގައި މިފަދަ އޮނިގަނޑެއް އޮންނަނީ ބޮޓްސްވާނާގަ އެވެ.

"އޭރުގައި ބޭނުން ނުވީ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ނަންތަކެއްގެ ތެރެއިން އައްޔަން ކުރެވޭ ގޮތަށް ބާއްވަން، އަޅުގަނޑުމެންނަށް ދެން ވިސްނުނީ ދައުލަތުގެ ތިން ބާރު ތަމްސީލުވާ ގޮތެއްގައި އެކުލެވުން ބާއްވަން، އެ ވިސްނުމުގައި ދިރާސާކުރަމުން ނަމޫނާއަކަށް ފެނުނީ ދެކުނު އެފްރިކާ،" ރައްޔިތުންގެ ހާއްސަ މަޖިލީހުގައި މަސައްކަތް ކުރެއްވި، މިހާރު ވެސް މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އިންނެވި ހަސަން އަފީފު ވިދާޅުވި އެވެ.

ލިބުނު ތަޖުރިބާއަށްފަހު ގެންނަންވީ ކޮން ބަދަލެއް؟

ދެކުނު އެފްރިކާގެ އޮނިގަނޑު ނަކަލު ކުރި ނަމަވެސް ތަފާތަކީ އެ އޮނިގަނޑުގައި ސިޔާސީ ފިކުރުތަކަށް ހަމަހަމަ ޖާގައެއް ދީފައިވުމެވެ. އޭގައި ހިމެނެނީ މަޖިލީހުގެ މެޖޯރިޓީ ޕާޓީން ތިން މެންބަރުން، އަދި މައިނޯރިޓީ ޕާޓީން ތިން މެންބަރުންނެވެ.

ރައްޔިތުންގެ މަޖިލީހަކީ މަޖިލީހުގެ މެންބަރުންނެވެ. މަޖިލީހުގެ ބާރު ޖޭއެސްސީގައި ޝާމިލު ކުރެވޭނީ، މެންބަރުންގެ މެޖޯރިޓީ އަދި މައިނޯރިޓީ ވެސް ތަމްސީލުކުރެވޭނެ ހަމައަކުންނެވެ. މުޅި ދައުލަތް ޝާމިލުވެގެން ފަނޑިޔާރުގެއަށް ފާރަވެރިވުމަށް، ދެކުނު އެފްރިކާގައި ގާއިމު ކުރި ނިޒާމުގެ ވިސްނުމަކީ އެއީ އެވެ.

އެއާ ހިލާފަށް ރާއްޖޭގެ އެކުލެވުމުގައި، މައިނޯރިޓީ ޕާޓީގެ ތަމްސީލްވުމެއް ނެތެވެ. ވެރިކަންކުރާ ޕާޓީ އާއި މަޖިލީހުގެ މެޖޯރިޓީ ޕާޓީއަކީ އެއް ޕާޓީއަކަށްވާ ހާލަތެއްގައި ޖޭއެސްސީގެ މުޅި ކޮންޓްރޯލް އެ ބަޔަކަށް ލިބެ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައާއި މި ވެރިކަމުގައި ފެނިގެން ދިޔައީ މި ހާލަތެވެ.

ރައްޔިތުންގެ ތެރެއިން ބަޔަކު މިދިޔަ 10 އަހަރު ވެސް ޖުޑިޝަރީއާ މެދު ސުވާލުތަކެއް އުފެއްދީ އެ ސަބަބާ ހުރެ އެވެ. ޔާމީނުގެ ވެރިކަމުގައި އިދިކޮޅު ބައެއް ލީޑަރުންގެ މައްޗަށް ހިންގި ޝަރީއަތްތަކާއި މި ވެރިކަމުގައި ޔާމީނުގެ މައްޗަށް ހިންގި ޝަރީއަތްތަކަށް ސިޔާސީ ނުފޫޒު އައި ކަމުގެ ތުހުމަތުތައް އަމާޒުވި ސަބަބެވެ.

ބައެއް ތަޖުރިބާކާރުންގެ ނަޒަރުގައި ސިޔާސީ ބޭފުޅުން ޖޭއެސްސީގައި ތިއްބަވާ އަދަދު މަދުކޮށްލުމުން ވެސް މި މައްސަލަ ހައްލުވާނެ އެވެ. ނުވަތަ ދެކުނު އެފްރިކާގެ އޮނިގަނޑުގައިވާ ވިސްނުން ރާއްޖޭގައި ވެސް ހިމަނައި، މައިނޯރިޓީ ޕާޓީގެ މެންބަރަކު ހިމެނުމުން ވެސް ހެޔޮ ބަދަލުތަކެއް ފެންނާނެ އެވެ.

"މިހާރު އޮތް އިސްލާހު ވެސް ރަނގަޅު، ކުރިން ހުރި ޑުޕްލިކޭޓްސް އުނިކޮށްފައި އޮތް އޮނިގަނޑެއް، ސިޔާސީ ނުފޫޒަށް ޖާގަ މި ލިބެނީ، އެ ވަރަށް މީހުން ތިބީމަ، އެހެންވެ ނުފޫޒު ވެއްދޭ ވަރަށް މުއައްސަސާގެ ކޮންޓްރޯލް މި ނެގެނީ،" ހާއްސަ މަޖިލީހުގެ މެންބަރުކަން ކުރެއްވި އަހުމަދު މުއިއްޒު ވިދާޅުވި އެވެ.

އެކުލެވުން މިހާރު އޮންނަ ގޮތުން، މަޖިލީހުގެ މެޖޯރިޓީ ލިބޭ ޕާޓީގެ ބާރު ކޮމިޝަނުގައި މާ ގަދަ އެވެ. މަޖިލީހުގެ ރައީސާއި، މަޖިލީހުގެ މެޖޯރިޓީން ކަނޑައަޅާ މަޖިލީހުގެ މެންބަރަކާއި އާންމު މީހެއްގެ އިތުރުން މަޖިލީހުގެ މެޖޯރިޓީން ރުހުން ދީގެން އައްޔަންކުރާ ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ހިމެނެ އެވެ.

މަޖިލީހުގެ ރައީސް، ސީއެސްސީގެ ރައީސް، އަދި ރައީސުލްޖުމްހޫރިއްޔާގެ މެންބަރު އުނިކުރުމުން "ޑުޕްލިކޭޓްސް ރެޕްރެޒެންޓޭޝަން" ނުވަތަ ތަކުރާރުކުރެވޭ ތަމްސީލްގެ މެންބަރުން މަދުވެގެން ދެ އެވެ.

ފަނޑިޔާރުގޭގެ ކަންކަން ބެލުމަށް އޮންނަ މުއައްސަސާއަކީ، ޑިމޮކްރެޓިކް ގިނަ ގައުމުތަކުގައި "ސެލްފް ރެގިއުލޭޝަންގެ ބޮޑީ" އެވެ. އެ ގުނަވަނުގައި ހިމަނާފައި އޮންނަނީ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރުން އިންތިހާބުކުރާ ފަނޑިޔާރުންގެ ތެރެއިން ބަޔެކެވެ.

ޕްރޮސެކިއުޓާ ޖެނެރަލްކަން ވެސް ކުރައްވާފައިވާ މުއިއްޒު ތާއީދުކުރައްވަނީ އެ ވިސްނެވުމުގައި ޖޭއެސްސީ އެކުލެވުން ބޭއްވުމަށެވެ.

"ފަނޑިޔާރުން ތިބެން ވާނެ، ގިނަ ގައުމުތަކުގައި އެ މުއައްސަސާގެ ޗެއާއަކީ ވެސް އުއްތަމަ ފަނޑިޔާރު، ރާއްޖޭގެ މިހާރު އޮތް އެކުލެވުމުގައި ގޯހަކީ މަޖިލީހުގެ ބާރު ގަދަވުން، މިހާރު އަނެއްކާ ޗެއާކަން ވެސް ދިނީ މަޖިލީހުން އެ ތަނަށް ހަމަޖެއްސި އެ މަޖިލީހުގެ މެންބަރު، އެއީ ގޯހެއް،" މުއިއްޒު ވިދާޅުވެފައިވެ އެވެ.

ނަމަވެސް ފަނޑިޔާރުންގެ ތެރެއިން ބަޔަކު ތިބެގެން އެހެން ފަނޑިޔާރުންގެ މައްސަލަ ބެލުމަކީ މަސްލަހަތު ފުށު އަރާނެ ކަމެއް ކަމަށް ބައެއް މީހުން ދެކެ އެވެ. ރާއްޖެއަކީ ކުޑަ މުޖުތަމައެކެވެ. ފަނޑިޔާރުންނަށް އެހެން ފަނޑިޔާރުން އެނގެ އެވެ. ގާތް ގުޅުން ވެސް އޮންނަ ކަމަށް، ގާނޫނީ ދާއިރާގެ ބައެއް ބޭފުޅުން ގަބޫލުކުރައްވަ އެވެ.

ގާނޫނީ ވަކީލު ކަމުގެ ހުއްދަ ވެސް އޮންނަ، މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވެސް ގަބޫލު ކުރައްވަނީ ފަނޑިޔާރު ކަމުން ރިޓަޔާ ކުރައްވާ ބޭފުޅުންނާއި ގާނޫނީ ވަކީލުންނާއި ލެކްޗަރާއެއް ގޮތުގައި ހަޔާތް ހޭދަކުރެއްވި ބޭފުޅުން އެ މުއައްސަސާގައި ހިމެނުމެވެ.

"ރާއްޖެއަކީ ކުޑަ މުޖުތަމައެއް، އެހެން ވިޔަސް ތިބޭނެ، ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވާފައިވާ ފަނޑިޔާރުން، އެފަދަ ބޭފުޅުން، ދެ ޖިންސު ތަމްސީލްވާނެ ގޮތަށް، ދެން ގާނޫނީ ވަކީލުންގެ ތެރެއިން ވެސް އެ ގޮތަށް، އޭރަށް ފަސް ވަރަކަށް މެންބަރުންގެ ކޮމިޝަނެއް އެކުލަވާލެވޭނެ،" އަލީ ހުސައިން ވިދާޅުވި އެވެ.

ޖޭއެސްސީގެ މައްސަލާގައި ގިނަ ދިރާސާތަކެއް ހައްދަވާފައިވާ އަލީ ހުސައިންގެ ހިޔާލަކީ، ކުޑަ މުޖުތަމައެއް އޮތް ގައުމަކަށް ވާތީ ފަސް އަހަރުގެ ދެ ދައުރެއް މަދުވެގެން ފުރޭ ގޮތަށް ކޮމިޝަންގެ މެންބަރުންގެ ދައުރު ކަނޑައެޅުމެވެ.

ޔާމީނުގެ ދައުރުގެ ތަޖުރިބާއަށް ފަހު، ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު އޭނާގެ ބްލޮގްގައި ވެސް ލިޔުއްވި ކަމަކީ، ދުނިޔޭގެ އާންމު އުސޫލަކީ ޖުޑިޝަރީ ވެސް އަމިއްލަ ރެގިއުލޭޝަން އޮތުމެވެ. ފަނޑިޔާރުންނާއި ވަކީލުންގެ ތެރެއިން އިންތިހާބުވާ ބަޔަކު މެދުވެެރިކޮށް އެ ކަން ކުރުމެވެ.

ނަމަވެސް ރާއްޖޭގެ ހާލަތަކަށް އެ ކަން ނުފެތޭ ކަމަށް ވެސް އޭނާ ލިޔުއްވާފައިވެ އެވެ.

"ޖޭއެސްސީއަށް، ފަނޑިޔާރަކު އަނެއް ފަނޑިޔާރަކު ހޮވުމަށް ބޭއްވޭ އިންތިހާބުތަކަކީ ވެސް ފަނޑިޔާރުންގެ މެދުގައި މަސްލަހަތު ގެއްލި ދާއިމީ ހަމަނުޖެހުން އުފެދޭ ކަމެކެވެ. އަދި ސިޔާސީ މީހުންނާއެކު، ޖޭއެސްސީގައި ފަނޑިޔާރުން ގުޅުން ބަދަހިކޮށް، ކަންކަމުގައި އެހީތެރިވެދީފައި އެބަ ހުރި،" ސުއޫދު ލިޔުއްވާފައިވެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް މިހާރު ހުންނެވި ސުއޫދު ހުށަހަޅުއްވާފައިވާ ހިޔާލަކީ, ދައުލަތުގެ އިސް މަގާމުތައް ފުރުއްވާފައިވާ ދޮށީ އުމުރުގެ ތަޖުރިބާކާރުން އެ ތަނުގައި ތިބުމަށެވެ. އެ ތަނަކީ ރިޓަޔަމަންޓަށް ފަހު، ދެން ދައުލަތަށް ހިދުމަތް ކުރަން އޮންނަ މުއައްސަސާއެއް ގޮތަށް ބޭއްވުމެވެ.

އެހެންވެގެން ޖޭއެސްސީގެ މެންބަރަކަށް ވުމުގެ އެއް ޝަރުތެއްގެ ގޮތުގައި، ސުއޫދު ލިޔުއްވާފައިވަނީ އުމުރުން 60 އަހަރު ވުމެވެ. ދެން ދައުލަތުގެ ބައެއް އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅަކަށްވުމަކީ ޝަރުތެއްގެ ގޮތުގައި ލިޔުއްވާފައިވެ އެވެ.

ޖޭއެސްސީގެ މެންބަރަކަށް ވެވޭނީ، އުއްތަމަ ފަނޑިޔާރުކަން ނުވަތަ މަޖިލީހުގެ ރައީސްކަން، ނުވަތަ ސިވިލް ސާވިސް ކޮމިޝަންގެ ރައީސްކަން، ނުވަތަ ޔުނިވާސިޓީއެއްގެ ޗާންސެލަރުކަން، ނުވަތަ ވައިސް ޗާންސެލަރުކަން ކުރައްވާފައިވާ ބޭފުޅަކަށެވެ. މެދުކެނޑުމެއް ނެތި 20 އަހަރު ޔުނިވާސިޓީއެއްގެ ލެކްޗަރާއަކަށް އުޅުއްވާފައިވާ ބޭފުޅަކަށް ވެސް އެ ކޮމިޝަނުގައި ބައިވެރިވެވޭނެ ކަމަށް ލިޔުއްވާފައިވެ އެވެ.

ދުނިޔޭގެ ގައުމުތަކުން މި ކަން ތަޖުރިބާކޮށްފި އެވެ. ހާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކޮމިޝަނުގައި ތިބުމަކީ ޖުޑިޝަރީއަށް ސިޔާސީ ނުފޫޒުގެ ޖާގަ ލިބޭ ކަމެއް ގޮތަށް ޑިމޮކްރެޓިކް ގައުމުތަކުގައި ވެސް ތަޖުރިބާކޮށްފައިވެ އެވެ. އަދި ފަނޑިޔާރުން ތިބެގެން އެހެން ފަނޑިޔާރުންގެ މައްސަލަތައް ބަލަން އޮތުމުން ދިމާވާ އެކި ގޮންޖެހުންތަކާއި މައްސަލަތައް ވެސް ވަނީ ތަޖުރިބާކޮށްފަ އެވެ.

މި ތަޖުރިބާތަކުގެ އަލީގައި، ސިޔާސީ ބޭފުޅުންގެ ނުފޫޒާއި ފަނޑިޔާރުންގެ ޒާތީ މަސްލަހަތުން ވެސް އެއްކިބާވެފައިވާ ޖުޑިޝަލް ސާވިސް ކޮމިޝަނެއް އެކުލެވޭނެ ހިޔާލުތައް ވެސް ދިވެހިންގެ ތަޖުރިބާކާރު ބޭފުޅުންގެ ތެރޭގައި އެބަވެ އެވެ.

މީގެ ފަސް އަހަރު ކުރިން، ރިޔާސީ އިންތިހާބަށް އޭރުގެ ވާދަވެރިން ނުކުތީ އެ ވާހަކަ ހިފައިގެންނެވެ. އެކަމަކު ބާރު ލިބުނު ދުވަހު އެ ކަން ނުކޮށް ދޫކޮށްލީ އެވެ.

އިންތިގާލީ މަރުހަލާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ބިލުގެ މަސައްކަތް ނިންމައި، ދެން އޮންނަ މަޖިލީހުގެ އިންތިހާބުގެ ކުރިއަށް މި ކަން ނިންމުން މުހިންމު ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. ބާރު ލިބުމަށްފަހު އެ ކަން ނުކުރަން ހިފުމުގެ ތަޖުރިބާ ކުރާކަށް ދިވެހީން ނޭދޭނެ ކަން ޔަގީނެވެ.

މުހައްމަދު އުޝާމް

ޖާނަލިސްޓް

މުހައްމަދު އުޝާމް އަކީ ސިޔާސީ އަދި ޝަރުއީ ދާއިރާ ފުޅާ ދާއިރާއެއްގައި ކަވަރުކުރާ ނޫސްވެރިއެކެވެ. މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ އެވޯޑުގައި ސިޔާސީ ދާއިރާގެ އިނާމަށް ދެ ފަހަރު ނޯމިނޭޓުވެފައިވެ އެވެ. ވީ މީޑިއާގެ އިންޓާންޝިޕަކުން ނޫސްވެރިކަމުގެ ކެރިއާ ފެށި އުޝާމް މީގެ ކުރިން ވަނީ "އަވަސް" އަދި "ވަގުތު" ނޫހުގައި ވެސް މަސައްކަތް ކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox