ރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކުވައިދޭ އަދި ރީސައިކަލް ކޮށްފައިވާ މެޓީރިއަލްގައި ޕްރިންޓްކޮށްފައިވާ އައު ކާޑު ރޭންޖެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ތައާރަފު ކޮށްފި އެވެ.
އަލަށް ތައާރަފު ކުރި ކާޑުތަކުގައި ބޭނުންކޮށްފައިވަނީ ރާއްޖޭގެ ފޮޓޯގްރާފަރުން ނަގާފައިވާ ފޮޓޯތަކެވެ. މި ފޮޓޯތަކުން ރާއްޖޭގެ ރަށްތަކުން ފާހަގަކުރެވޭ ރެދަން އަދި މުރަކައިގެ ތަފާތު ރީތި މަންޒަރުތައް ދައްކުވައިދެ އެވެ.
ބީއެމްއެލުން ބުނީ މި އައު ޑިޒައިންތަކަކީ ބޭންކުގެ ވިސާ އަދި މާސްޓާކާޑުގެ ޑެބިޓް އަދި ކްރެޑިޓް ކާޑަށް ތައާރަފްކުރި ޑިޒައިންތަކެއް ކަމަށެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ ރާއްޖޭގެ ގުދުރަތީ ރީތިކަން މި ކާޑުތަކުގެ ޒަރިއްޔާއިން ދައްކުވައިދިނުމަކީ ރާއްޖޭގެ ރީތި، ނަމަވެސް ނާޒުކު ވެށި ހިމާޔަތް ކުރުމަށް ކަސްޓަމަރުން މެދުގައި ޒިންމާދާރުކަމުގެ އިހުސާސް އުފެއްދުމަށް އެހީތެރިވުމަށް ބޭންކަށް ލިބޭ ފުރުސަތެއް ކަމުގަ އެވެ.
ކާލް އިތުރަށް ވިދާޅުވީ މި ކާޑުތަކަކީ ދެމެހެއްޓެނިވި އަދި ތިމާވެއްޓާއި ރައްކާތެރިކޮށް މަސައްކަތް ކުރުމަށް ބީއެމްއެލުން ކުރާ މަސައްކަތް ކަމަށެވެ.
"އަލަށް ތައާރަފްކުރި ކާޑުތައް އުފައްދާފައިވަނީ ރީސައިކަލް ޕްލާސްޓިކްގައި. މިއީ ވިޔަފާރީގައި ދެމެހެއްޓެނެވި ގޮތެއްގައި ކަންކަން ކުރުމަށް އަޅުގަނޑުމެން ކުރާ މަސައްކަތް. އަޅުގަނޑުމެންގެ ކާޑުތަކަކީ ހަމައެކަނި ބަލާލަން ރީތިކާޑުތަކެއް ނޫން، މިއީ ދުނިޔޭގެ ތިމާވެއްޓަށް ރައްކާތެރި ކާޑުތަކެއްވެސްމެ،" ކާލް ފާހަގަކުރެއްވި އެވެ.
ބީއެމްއެލް ވިސާ ކްރެޑިޓް ގޯލްޑް ކާޑާއެކު އަލަށް ތައާރަފު ކުރި ކާޑުތައް މިއަދުން ފެށިގެން ދޫކުރާނެ އެވެ.










