މަޝްވަރާ ކުރީ ތިން ޕާޓީ ބައިވެރިވާ ޕްރައިމަރީއަކުން ކޯލިޝަންގެ ޓިކެޓުތައް ދޭން

ޕީއެންސީގެ ރައީސް މުއިއްޒު އަދި އެމްއެންޕީގެ ރައީސް ނާޒިމް؛ އެމްއެންޕީ، ޕީޕީއެމް، ޕީއެންސީ ގުުޅިގެން ޕްރައިމަރީ ބާއްވަން މަޝްވަރާކުރި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ޕީއެންސީގެ ރައީސް މުއިއްޒު އަދި އެމްއެންޕީގެ ރައީސް ނާޒިމް؛ އެމްއެންޕީ، ޕީޕީއެމް، ޕީއެންސީ ގުުޅިގެން ޕްރައިމަރީ ބާއްވަން މަޝްވަރާކުރި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީއާއި އެމްއެންޕީ ގުޅިގެން ވާދަކުރުމާ ގުޅޭ ގޮތުން ވާހަކަ ދެކެވިފައިވަނީ ތިން ޕާޓީގެ މެންބަރުން ބައިވެރިވާ ޕްރައިމަރީއަކުން ތިން ޕާޓީ ހިމެނޭ ކޯލިޝަންގެ ޓިކެޓު ކަށަވަރު ކުރެވޭ ގޮތަށް ގެންދަން ކަން އެނގިއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒާއެކު ކޯލިޝަން އެއްބަސްވުމެއްގައި އެމްއެންޕީން ސޮއިކުރި އެވެ.

އެއްބަސްވި ކަންކަމުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ގުޅިގެން ވާދަކުރުން ހިމެނޭ ކަން ހާމަކުރެއްވީ މި މަހު 10، ގައި ބޭއްވި އެމްއެންޕީގެ ކައުންސިލް ބައްދަލުވުމެއްގައި އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމެވެ.

Advertisement

ނަމަވެސް ގުޅިގެން ވާދަކުރުމުގެ ހަމަތަކާއި އޭގެ ތަފުސީލުތަކެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ. އެ ދުވަހު ނާޒިމް ވިދާޅުވެފައިވަނީ ޕްރައިމަރީއަކަށް ދާން ޖެހޭނަމަ ޕްރައިމަރީއެއް ބާއްވައިގެން މޮޅުވާ މީހަކާ އެކު ނުކުތުމަށް ވެސް ވާހަކަ ދެކެވިފައިވާ ކަމަށެވެ.

ޕީއެންސީގެ އިސް ބޭފުޅަކު "އަދަދު" ނޫހަށް ވިދާޅުވީ އެއިރު ވާހަކަ ދެކެވިފައިވަނީ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އިތުރުން އެމްއެންޕީގެ މެންބަރުންނަށް ވެސް ވޯޓު ދެވޭ ޕްރައިމަރީއެއް ކޮންމެ ދާއިރާއަކަށް ވެސް ބޭއްވުމަށެވެ. އަދި އެ ޕްރައިމަރީގައި ތިން ޕާޓީގެ ކޮންމެ މީހަަކަށް ވެސް ކުރިމަތިލެވޭ ގޮތަށެވެ.

"އޭގައި ވޯޓު ދެވޭނެ، އެމްއެންޕީ މެންބަރުންނަށް ވެސް، ޕީޕީއެމް މެންބަރުންނަށް ވެސް، ޕީއެންސީ މެންބަރުންނަށް ވެސް، ކުރިމަތި ވެސް ލެވޭނެ ތިން ޕާޓީގެ މެންބަރުންނަށް، ދެން ޕްރައިމަރީ މޮޅުވާ މީހަކަށް އެ ދާއިރާއެއްގެ ޓިކެޓު ދޭ ގޮތަށް،" ޕީއެންސީގެ ލީޑާޝިޕްގައި އިސްކޮށް އުޅުއްވާ މެންބަރު ވިދާޅުވި އެވެ.

މި ކަން އެމްއެންޕީގެ ނައިބު ރައީސް އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވެސް ކަށަވަރުކޮށްދެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ ވަކި ދާއިރާތަކެއް އެމްއެންޕީއަށް ދޫކޮށްލަން ޕީޕީއެމް/ޕީއެންސީން އެއްބަސްވެފައެއް ނެތެވެ. އެގޮތަށް ދޫކުރަން އެމްއެންޕީން އެދިފައި ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ ގޮތަށް އަޅުގަނޑުމެން ވާހަކަ ދައްކާފައި އޮންނާނީ، ޕީޕީއެމް/ޕީއެންސީ/އެމްއެންޕީ ކޯލިޝަންގެ ޕްރައިމަރީއެއް ގޮތަށް ހުޅުވާލައިގެން ޓިކެޓު ލިބޭ މީހަކާ އެކު ތިން ޕާޓީ ވެސް ކުރިއަށް ދާން،" އުޝާމް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ދަފްތަރުގައި ޕީޕީއެމްގެ 38,704 މެންބަރުން، ޕީއެންސީގެ 3،159 މެންބަރުންނާއެކު ޕީޕީއެމް/ޕީއެންސީގެ 41،863 މެންބަރުން ތިބެ އެވެ. އެމްއެންޕީގައި 10،141 މެންބަރުން ތިބި ނަމަވެސް ރިޔާސީ އިންތިހާބުގައި އެ ޕާޓީއަށް ލިބުނީ 1،907 ވޯޓެވެ.

މިކަމާ ގުޅޭ ގޮތުން ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުން ވަކި އެއްޗެއް ނުބުނެ އެވެ. ޕީއެންސީގެ ޗެއާޕާސަން އަދި ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަންސް އަބްދުލްރަހީމް އަބްދުﷲ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ސުވާލު އަމާޒު ކުރުމުން ޖަވާބެއް ނުދެއްވި އެވެ. އެ ދުވަހު ޖަވާބު ނުދެއްވީ، އެ ކޮންފެރެންސް ބޭއްވެވީ އިންތިގާލީ މަރުހަލާގެ ކޮމިޓީގެ ވެރިޔާގެ ހައިސިއްޔަތުން ކަމަށް ވިދާޅުވެ އެވެ.

އެމްއެންޕީއަށް ބައެއް ދާއިރާތައް ދޫކޮށްލައިގެން އެކުގައި މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމާ ގުޅޭ ގޮތުން ޕީޕީއެމް/ޕީއެންސީގެ ބައެއް މެންބަރުން ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށްފައިވެސް ވެ އެވެ. ރިޔާސީ އިންތިހާބުގައި މަދު ވޯޓުތަކެއް ލިބުނު ޕާޓީއަކަށް ޓަކައި ޕީޕީއެމް/ޕީއެންސީން ވާދަނުކޮށް ދޫކޮށްލައިގެން ނުވާނެ ކަމަށް ބުނެ އެ މެންބަރުން ހިޔާލު ފާޅުކޮށްފައިވެ އެވެ.

ޕީޕީއެމް/ޕީއެންސީއަކީ ދެ ޕާޓީއެއް ނަމަވެސް ޖޮއިންޓް ކައުންސިލެއް އޮވެގެން އެއް ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ ކޯލިޝަނެކެވެ. ޕީއެންސީ އުފެއްދީ ވެސް ޕީޕީއެމްގެ މިލްކުވެރިކަމުގެ މައްސަލައެއް ޝަރީއަތަށް ގޮސް، އޭރު އެ ޕާޓީގެ ރައީސަކަށް ހުންނެވި އަބްދުﷲ ޔާމީންގެ އަތުން ޕާޓީ ބީވެދާނެ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން ބެކްއަޕް ޕާޓީއެއް ގޮތަށެވެ.

އޭގެ ފަހުން މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީން ވާދަކުރާނެ ކެންޑިޑޭޓެއްގެ ގޮތުގައި ފުރަތަމަ ނިންމެވީ ވެސް ޔާމީނެވެ. ނަމަވެސް އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމެއް އޮތުމުން ވާދަނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި އެވެ. ޕީއެންސީގެ ކެންޑިޑޭޓު މުއިއްޒަކީ އެއިރު ޔާމީނަށް ވާދަނުކުރެވޭނެ ހާލަތަކަށް ތައްޔާރުވި ބެކްއަޕް ކެންޑިޑޭޓެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox