މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބޭއްވޭ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 އަންނަ ޖެނުއަރީ މަހު ބާއްވަން ނިންމައި، އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ގޯލްޑެން ފުޓްސަލް ޗެލެންޖް 2024 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ ދިހަ ވަނަ ދުވަހާ ހަމައަށެވެ.
ރާއްޖޭގަ ރަށްތަކުން ވާދަކުރާ ގޯލްޑަން ފުޓްސަލް ޗެލެންޖް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2015ގަ އެވެ. އޭގެ މިދިޔަ އަހަރުގެ މުބާރާތާ ހަމައަށް ހަތް މުބާރާތެއް ވަނީ ބާއްވައިފަ އެވެ. މުބާރާތް ނުބޭއްވުނީ ކޮވިޑް-19ގެ ސަބަބުން 2020 އަދި 2021 ގަ އެވެ.
އެންމެ ފަހުން ބޭއްވި މުބާރާތުގައި ޖުމްލަ 102 ޓީމު ވާދަކުރި އެވެ. އެ ގޮތުން، 240 އަށް ވުރެ ގިނަ މެޗު ކުޅުނު މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ލ.ގަމެވެ.
ރާއްޖޭގެ ރަށްތަކުން ވާދަކުރާ މުބާރާތުގައި ފުރަތަމަ ކުރިއަށްދަނީ އަތޮޅު ބުރެވެ. އަތޮޅު ބުރު އަދި ޒޯން ބުރު ކުޅޭނެ އުސޫލު ނިންމާނީ ބައިވެރިވާ ޓީމުތަކުގެ އަދަދުންނެވެ. އަތޮޅު ބުރުން ގަދަ ދެ ޓިމް ޒޯން ބުރަށް ކޮލިފައިވާއިރު، ޒޯން ބުރުންވެސް ދެ ޓީމް ނޮކްއައުޓް ބުރަށް ކޮލިފައިވާނެ އެވެ.
ގޯލްޑަން ފުޓްސަލް މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ތިން ފަހަރު ތަށި ހޯދާފައިވާ ތ. ތިމަރަފުއްޓެވެ. ތިމަރަފުއްޓާއި، ލ. ގަމުގެ އިތުރުން މާލޭގެ މާފަންނާއި، ހެންވޭރުގެ އިތުރުން ބ. ހިތާދޫ އިން ވެސް ވަނީ މި މުބާރާތުގެ ތަށި ހޯދައިފަ އެވެ.












