ކެންސަރާ މެދު އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އަދި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެން ބޭއްވި "ޕިންކް ރިބަން ރަން ވޯކް" ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.
ބީއެމްއެލްއިން ބުނީ އިއްޔެ ހަވީރު ހުޅުމާލެ އަދި ރާއްޖޭގެ 22 ރަށެއްގައި މި ހަރަކާތް ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން ޖުމުލަ 2،600 އަށް ވުރެ ގިނަ މީހުން ވަނީ "ޕިންކް ރިބަން ރަން ވޯކް" ގައި ބައިވެރިވެފަ އެވެ.
ބީއެމްއެލްގެ މާލީ އޭހީތެރިކަމާ އެކު، ކެންސަރަށް ހޭލުންތެރިކަން އިތުރުކުރުމަށާއި ކެންސަރު ބަލީގައި ފަރުވާ ހޯދަމުންދާ ފަރާތްތަކާއި އެ ފަރާތްތަކުގެ އާއިލާތަކަށް ފޯރުކޮށްދެމުންދާ ސައިކޯސޯޝަލް ސަޕޯޓުގެ ހިދުމަތްތަކަށް އެހީވުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ސީއެސްއެމް އިން އަންނަނީ ކުރަމުންނެވެ.
މީގެ އިތުރުން އެ ޖަމިއްޔާއިން އަތޮޅުތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސްކްރީނިން ޕްރޮގްރާމަށްވެސް ބީއެމްއެލްއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ބީއެމްއެލް އިން އަންނަނީ 2016 ވަނަ އަހަރުން ފެށިގެން "ޕިންކް ރިބަން ރަން ވޯކް" ބޭއްވުމަށާއި ސީއެސްއެމްއިން ހިންގާ އެހެނިހެން ހަރަކާތްތަކަށް އެހީތެރިވަމުންނެވެ.










