ކެންސަރާ މެދު އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އިން ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހު ބާއްވާ "ޕިންކް ރިބަން ރަން ވޯކް" އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމައިފި އެވެ.
ސީއެސްއެމް އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެން ބާއްވާ ދުވުމުގެ މި ހަރަކާތް ފަށާނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 4:00 ޖަހާއިރެވެ. މާލެ ސަރަހައްދުން މި ހަރަކާތް އޮންނާނީ ހުޅުމާލޭގަ އެވެ. އަދި ރާއްޖޭގެ އެކި ރަށްރަށުގައި އެއް ވަގުތެއްގައި މި ހަރަކާތް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ހަރަކާތުގައި ބޭނުންކުރާ ބިބް ގަންނަން ލިބެން ހުންނާނީ މަޖީދީމަގު ސޮނީ ސްޕޯޓްސް ލައިފް ސްޓައިލް، ހުޅުމާލެ ސޮނީ ސްޕޯޓްސް އައުޓްލެޓް ސްޓޯ އަދި ބޮޑުތަކުރުފާނު މަގު ހަމީދިއްޔާ އިންނެވެ. އަދި މި ހަރަކާތް އޮންނަ އެހެން ރަށްރަށުން ވެސް ބިބް ލިބެން ހުންނާނެ ކަމަށް ބީއެމްއެލްއިން މައުލޫމާތުދެ އެވެ.
ބީއެމްއެލް އިން އަންނަނީ 2016 ވަނަ އަހަރުން ފެށިގެން "ޕިންކް ރިބަން ރަން ވޯކް" ބޭއްވުމަށާއި ސީއެސްއެމްއިން ހިންގާ އެހެނިހެން ހަރަކާތްތަކަށް އެހީތެރިވަމުންނެވެ.










