ރިޕޯޓުވެރިކަމުގެ އިންތިގާލީ މަރުހަލާ އާއި އޭގެ ތާރީހު

ވެރިކަމުގެ އިންތިގާލީ މަރުހަލާ އާއި އޭގެ ތާރީހު

މި އަހަރު އިންތިގާލީ މަރުހަލާގެ މަސައްކަތް އޮމާންކޮށް ދިޔަސް، 2018 ވަނަ އަހަރުގެ އިންތިގާލީ މަރުހަލާގެ ތެރޭގައި ޕީޕީއެމްއިން އިންތިހާބުގެ ނަތީޖާ ގަބޫލުނުކޮށް އުފެއްދި ހައިޖާނުގެ ނަތީޖާއަކީ، ބައެއް އޮފީސްތަކުން އިންތިގާލީ މަރުހަލާގައި ފުރިހަމައަށް އެއްބާރުލުން ނުދިނެމެވެ.

ވެރިކަމުގެ އިންތިގާލީ މަރުހަލާ އާއި އޭގެ ތާރީހު

މީގެ 15 އަހަރު ކުރިން، އޯގަސްޓު 7، 2008 ގައި ތަސްދީގުކުރި ފެހި ގާނޫނު އަސާސީގައި ރިޔާސީ ނިޒާމުގެ ތެރެއިން ވެރިކަން ހިންގަމުން ގެންދާނެ ގޮތާއި ވެރިކަން ބަދަލުވާނޭ ގޮތް ބަޔާންކޮށްފައިވެ އެވެ. އެއް ވެރިކަން ނިމި އަނެއް ވެރިކަން ފެށުމުގެ ކުރިން، އިންތިހާބީ ސަރުކާރުން ވެރިކަން ހިންގުމާ ހަވާލުވުމުގެ މަރުހަލާގައި ކަން ކުރަންވީ ގޮތް ތަފުސީލުކޮށް ބަޔާންކޮށްފައި ވަނީ އޭޕްރިލް 20، 2010 ވީ އަންގާރަ ދުވަހު ތަސްދީގު ކުރި، "ވެރިކަން ބަދަލުވުމުގެ މަރުހަލާއާ ބެހޭ ގާނޫނު" ގަ އެވެ.

އެ ގާނޫނުގައި އިންތިހާބީ ސަރުކާރަށް އެއިރެއްގައި އޮންނަ ސަރުކާރަކުން ފޯރުކޮށްދޭންޖެހޭ އެހީތެރިކަމާއި އެ ގާނޫނުގެ ދަށުން އައްޔަންކުރާ މުވައްޒަފުންނަށް ދޭންޖެހޭ މުސާރަ އާއި އިނާޔަތުގެ އިތުރުން އެ މުއްދަތުގައި ހަރަދު ކުރާނެ ޖުމުލަ އަދަދާއި އެ މަސައްކަތް ވިލަރެސްކުރާނެ ފަރާތް ބަޔާންކޮށްފައިވެ އެވެ.

ނޮވެމްބަރު 17، 2023 އިން ފެށިގެން ދިވެހިރާއްޖޭގެ ވެރިކަމުގައި ހުންނަން ފެންނަ ބޭފުޅެއްގެ ގޮތުގައި ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުއަށް، ހުސްވި ސެޕްޓެމްބަރު 30 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ރައްޔިތުން ބޮޑު އަގުލަބިއްޔަތަކުން ތާއީދުކޮށްފައި ވާއިރު، މިހާރު ވަނީ އިސްވެ ބަޔާން ކުރެވުނު ގާނޫނުގެ ދަށުން އިންތިގާލީ މަރުހަލާގެ މަސައްކަތްތައް ފަށައިފަ އެވެ.

މި މުއްދަތުގައި ކަންކަން ހިނގަމުންދާނެ ގޮތާއި ވިލަރެސް ކުރެވެމުން ދާނެ ގޮތް އެއީ އާންމު ރައްޔިތުންނަށް ވެސް ފުރިހަމައަށް އެނގިފައި އޮތުން މުހިންމު ކަމެއް ކަމުގައި ވާތީ މި ލިޔުމުގައި މި ހިމަނާލަނީ އިންތިގާލީ މަރުހަލާގައި އަމަލު ކުރަންޖެހޭ ގޮތާއި އެކަމުގެ ތާރީހަށެވެ.

އިންތިގާލީ މަރުހަލާގައި އަމަލު ކުރަންޖެހޭ ގޮތް

ދިވެހިރާއްޖޭގެ ވެރިޔަކު ހޮވުމަށް ރިޔާސީ އިންތިހާބު ބާއްވާ އަހަރުގެ ބަޖެޓުގައި ވެރިކަން ބަދަލު ކުރުމުގެ މަރުހަލާގައި ހަރަދު ކުރާނޭ އަދަދު ހިމަނައިފައި އޮންނަން ޖެހޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައި އޮވެ އެވެ. އެ ގާނޫނުގެ ދަށުން އިންތިގާލީ މަރުހަލާގައި އެންމެ ގިނަވެގެން ހަރަދު ކުރެވޭނީ އެއް މިލިއަން ރުފިޔާ އެވެ.

އެ ހަރަދުގެ ތެރޭގައި އިންތިހާބީ ރައީސް އާއި އިންތިހާބީ ނައިބު ރައީސް އެދިވަޑައިގެންފި ހާލަތެއްގައި އެ ބޭފުޅުންނަށް އެކަށީގެންވާ އޮފީހަކާއި އެ އޮފީހަށް ބޭނުންވާ އެންމެހައި ތަކެތީގެ އިތުރުން އޮފީހަށް ބޭނުންވާ މުވައްޒަފުންނާއި މުސާރަ އާއި އިނާޔަތް ހިމެނެ އެވެ.

އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބޭނުންވެއްޖެ ހާލަތެއްގައި އެކިއެކި ފަންނީ މާހިރުންނާއި ޖަމާއަތްތަކުގެ ފުރިހަމަ އެހީތެރިކަމާއި އެފަދަ ފަރާތްތަކަށް ދޭންޖެހޭ މުސާރަ އާއި އިނާޔަތް ދައުލަތުން ފޯރުކޮށްދޭން ޖެހެ އެވެ.

އިންތިހާބުގެ ނަތީޖާ އިއުލާނު ކުރުމާއެކު، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ގައުމީ ސަލާމަތީ ބާރުތަކުން ދޭ ސަލާމަތާއި ރައްކާތެރިކަން، ހަމަ އެ ފެންވަރަށް އިންތިހާބީ ރައީސްއަށް އެ ގާނޫނުގެ ދަށުން ފޯރުކޮށްދޭން ޖެހޭނެ އެވެ.

އޭގެ އިތުރުން އިންތިހާބީ ރައީސްއާއި އިންތިހާބީ ނައިބު ރައީސްގެ ކެއުން ބުއިމާއި ދިރިއުޅުމަށް ބޭނުންވާ އެކަށީގެންވާ ތަނެއް ނުވަތަ އެކަމަށް ހިނގާ ހަރަދާއި ދަތުރުފަތުރަށް ބޭނުންވާނެ އެންމެހައި ހަރަދުތައް ހަމަޖައްސައިދޭން ޖެހޭނެ އެވެ.

އިންތިހާބީ ރައީސްގެ ފަރާތުން މި ހުރިހާ ކަންތައްތަކެއް އިންތިޒާމުކޮށް ބަލަހައްޓާނީ ޑައިރެކްޓާ ޖެނެރަލް އޮފް ޓުރާންސިޝަން އެވެ. އެ މަގާމަށް މީހަކު އައްޔަން ކުރާނީ އިންތިހާބީ ރައީސް އެދޭ ގޮތަށް ސިވިލް ސާވިސް ކޮމިޝަނުންނެވެ.

އިންތިގާލީ މަރުހަލާގެ ތާރީހު

ވެރިކަން ބަދަލުވުމުގެ މަރުހަލާއާ ބެހޭ ގާނޫނު ތަސްދީގު ކުރެވުނީ 2010 ވަނަ އަހަރުގައި ކަމަށްވާތީ އޭގެ ކުރިން 2008 ގައި ބޭއްވުނު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓު، ރައީސް މުހައްމަދު ނަޝީދު، ސަރުކާރާ ހަވާލުވެވަޑައިގަތުމުގެ މަރުހަލާ ކުރިއަށް ގެންގޮސްފައި ވަނީ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ގަރާރަކުން އުފެއްދެވި ހާއްސަ ކޮމެޓީއަކުންނެވެ.

އޮކްޓޯބަރު 28، 2008 ގައި ބޭއްވުނު ރިޔާސީ އިންތިހާބުން ވެރިކަމުގެ 30 ވަނަ އަހަރު ގުނުއްވަމުން ގެންދެވި އޭރުގެ ރައީސް މައުމޫންގެ މައްޗަށް، އެމްޑީޕީ އާއި ގުޅިފައިވާ ކޯލިޝަނުން ކުރި ހޯދުމާއެކު އެ ނަތީޖާއަށް އިހުތިރާމް ކުރައްވައި އޭގެ ދެ ދުވަސް ފަހުން އޮކްޓުބަރު 31 ގައި އިންތިހާބީ ރައީސްއާ ވެރިކަން ހަވާލު ކުރުމުގެ މަސައްކަތުގައި އެހީތެރިވެދިނުމުގެ ގޮތުން އުފެއްދެވި ކޮމެޓީގައި ސަރުކާރުގެ ފަރާތުން ފަސް ބޭފުޅުންނާއި ނަޝީދުގެ ފަރާތުން ފަސް ބޭފުޅުން ބައިވެރިކުރެއްވި އެވެ.

ސަރުކާރުގެ ފަރާތުން ކޮމެޓީގައި ހިމެނިވަޑައިގެންނެވި ބޭފުޅުން

  • މިނިސްޓަ އޮފް އޮޓޯލްސް ޑިވެލޮޕްމަންޓު، އަހުމަދު ތަސްމީން އަލީ
  • މިނިސްޓަ އޮފް ޑިފެންސް އެންޑު ނޭޝަނަލް ސެކިއުރިޓީ އިސްމާއިލް ޝަފީއު
  • މިނިސްޓަ އޮފް ފޮރިން އެފެއާޒް، އަބްދުﷲ ޝާހިދު
  • އެޓާނީ ޖެނެރަލް އާއިޝަތު އާޒިމާ ޝުކޫރު
  • މިނިސްޓަ އޮފް ފިނޭންސް އެންޑު ޓުރެޒަރީ އަބްދުﷲ ޖިހާދު

ނަޝީދުގެ ފަރާތުން ކޮމެޓީގައި ހިމެނިވަޑައިގެންނެވި ފަސް ބޭފުޅުން

  • ޑރ. މުސްތަފާ ލުތުފީ
  • ޑރ. އަހުމަދު ޝަހީދު
  • އަހުމަދު ނާޝިދު
  • ހަސަން އަފީފު
  • އަލީ ހާޝިމް

އޭގެ ފަހުން 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ވެގެން ދިޔައީ ހައިޖާނު ބޮޑު އިންތިހާބަކަށެވެ. އެ އަަހަރުގެ ސެޕްޓެމްބަރު 7، ގައި ބޭއްވުނު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ އިއުލާނު ކުރި ފަހުން އުފެއްދި މައްސަލަތަކާ ގުޅިގެން ނަތީޖާ ބާތިލުކޮށް އަލުން އިންތިހާބު ބޭއްވުމަށް ސުޕްރީމް ކޯޓުން އަމަރު ކުރި އެވެ.

އެ އަމުރާ ގުޅިގެން އަލުން އިންތިހާބެއް އެހައި އަވަހަށް ނުބޭއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ. އެ ނިންމުމާއެކު ސިޔާސީ މަޝްރަހު ވެސް އޭރު ވަރަށް ބޮޑަށް ހަލަބޮލިވެގެންދިޔަ އެވެ.

ކޮންމެއަކަސް ސުޕްރީމު ކޯޓުގެ އަމުރާ އެއްގޮތަށް ދެވަނަ ފަހަރަށް އިންތިހާބު ބޭއްވީ އެ އަހަރުގެ ނޮވެމްބަރު 9 ގަ އެވެ. އެ ބުރުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން އެއްވެސް ބޭފުޅަކަށް 50 ޕަސެންޓަށްވުރެ ގިނަ ވޯޓު ހޯދިފައި ނުވާތީ ދެވަނަ ބުރަކަށް ދާން ޖެހުނެވެ. ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށް ގެންދިޔައީ ނޮވެމްބަރު 16 ގަ އެވެ.

ކަންކަން ހިނގައިދިޔަ ގޮތުން އޭރުވެސް ޖުމްހޫރީ ދުވަސް ފާއިތުވެފައި އޮތުމުން، ދެވަނަ ބުރުގެ ނަތީޖާ އިއުލާނު ކުރުމާއެކު ޖެހިގެން އައި ނޮވެމްބަރު 17 ގައި އިންތިހާބީ ރައީސް، ޔާމީން އަބްދުލްގައްޔޫމް ވެރިކަމުގެ ހުވާ ކުރެއްވި އެވެ. އެހެންކަމުން އެފަހަރު ވެރިކަން ބަދަލުވުމުގެ މަރުހަލާގެ އެއްވެސް މަސައްކަތެއް ގާނޫނުގައިވާ ގޮތަށް ކުރުމުގެ ފުރުސަތެއް އިންތިހާބު ކާމިޔާބު ކުރެއްވި، ޔާމީންއަކަށް ލިބިވަޑައެއްނުގަތެވެ. ނަމަވެސް، އޭރު ހިންގަމުން ދިޔަ އޭރުގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮތީ، ނުވަތަ ގިނަ މަގާމުތަކުގައި ތިއްބެވީ ޕީޕީއެމްގެ މެމްބަރުންނެވެ.

އެއަށްފަހު ވެރިކަން ބަދަލުވުމުގެ މަރުހަލާއާ ބެހޭ ގާނޫނުގެ ދަށުން ލިބިދޭ މުއްދަތުގެ ބޭނުން ކޮށްފައި ވަނީ 2018 ގެ އިންތިހާބަށް ފަހު އެވެ. އެ އަހަރުގެ ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިހާބު އެއްބުރުން މިހާރުގެ ރައީސުލްޖުމްހޫރިއްޔާ، އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބު ކުރެއްވުމާއެކު އޭރުގެ ރައީސް އަބްދުﷲ ޔާމީން ބަލި ގަބޫލު ކުރެއްވި އެވެ.

އެއަށްފަހު ވެރިކަމުގެ ބާރުތައް ބަދަލުކުރުމުގެ މަސައްކަތުގައި، އިންތިހާބީ ރައީސް ސޯލިހުގެ ފަރާތުން ޑިރެކްޓަ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމަށް އައްޔަން ކުރެއްވީ ހ. ސީވީޑް، އަހުމަދު ލަތީފެވެ. ނަމަވެސް އެ ފަހަރުގެ އިންތިގާލީ މަސައްކަތްތައް ކުރިއަށް ގެންދިޔައީ ވަރަށް ބޮޑު ހަލަބޮލިކަމެއްގެ ތެރޭގަ އެވެ.

އިންތިހާބުގެ ނަތީޖާ ގަބޫލު ކުރެއްވުމަށް ފަހު ކުޑަދުވަސްކޮޅެއް ފަހުން އަނެއްކާ ނަތީޖާ ސައްހަ ނޫން ކަމަށް ބުނެ ތުހުމަތުގެ އިނގިލި އިލެކްޝަންސް ކޮމިޝަނަށް ދިއްކޮށް ޕީޕީއެމުން މަގު މައްޗަށް ނުކުތެވެ. އެ މައްސަލަ ސުޕްރީމް ކޯޓަށް ވެސް ހުށަހެޅި އެވެ. ނަމަވެސް ސުޕްރީމް ކޯޓުން ނިންމީ އިންތިހާބުގެ ނަތީޖާ ސައްހަ ކަމަށެވެ. އޭރު އުފެދުނު އެ ކަންތައްގަނޑުގައި އިންތިގާލީ މަރުހަލާގެ މަސައްކަތަށް ބައެއް އޮފީސްތަކުން ފުރިހަމައަށް އެއްބާރުލުން ނުދިނެވެ.

މި އަހަރުގެ އިންތިހާބު ޑރ. މުއިއްޒު ކާމިޔާބު ކުރައްވާފައިވާކަން އިލެކްޝަންސް ކޮމިޝަނުން އިއުލާނު ކުރުމާއެކު މިމަހުގެ ދެވަނަ ދުވަހު އިންތިހާބީ ރައީސް ޑރ. މުއިއްޒު ހުށަހެޅުއްވި ގޮތަށް ސިވިލް ސާވިސް ކޮމިޝަނުން ވަނީ ޑިރެކްޓަ އޮފް ޓްރާންސިޝަންގެ މަގާމަށް ޕީއެންސީގެ ޗެއާޕާސަން، އަބްދުއްރަހީމް އަބްދުﷲ އައްޔަންކޮށްފަ އެވެ.

އަބްދުއްރަހީމްގެ ބެއްލެވުމުގެ ދަށުން އިންތިހާބީ ރައީސްގެ އޮފީހެއް މިހާރު ގާއިމުކޮށްފައި ވާއިރު، އެ އޮފީހުން ދަނީ ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކަށް ޓީމުތައް ފޮނުއްވައި މައުލޫމާތު އެއްކޮށް ސަރުކާރާ ހަވާލުވުމަށް މަސައްކަތް ކުރަމުންނެވެ.

ވެރިކަން ބަދަލުވުމުގެ މަރުހަލާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އެންމެ އަމާންކޮށް ކަންކަން ހިނގަމުންދާތަން ފެނިގެން މިދަނީ މިފަހަރު އެވެ. މިހާތަނަށް އެ މަސައްކަތްތައް ދަނީ ވަރަށް ސުލްހަވެރިކޮށެވެ. ރައީސް ސޯލިހު ވެސް ވަނީ ވެރިކަމާ ހަވާލުވުމުގެ ހުރިހާ މަސައްކަތަކަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މިހާރު ހަމަޖެހިފައިވާ ގޮތުން އިންތިގާލީ މަރުހަލާ ފުރިހަމަ ކުރުމަށް ފަހު ޑރ. މުއިއްޒު ވެރިކަމުގެ ޒިންމާއާ ހަވާލުވެވަޑައިގަންނަވާނީ ނޮވެމްބަރު 17 ގައި ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު އެވެ. އެދުވަހުގެ ކުރިން އިންތިގާލީ މަރުހަލާގެ ހުރިހާ މަސައްކަތެއް ނިންމައި، ރިޕޯޓެއް ތައްޔާރު ކުރުމަށްފަހު އިންތިހާބީ ރައީސްއަށް ޑިރެކްޓާ އޮފް ޓްރާންސިޝަންގެ މަގާމުގައި ހުންނަވާ ބޭފުޅަކު އަރުވާނެ އެވެ.

މުހައްމަދު ޝަހްޒާން

ޖާނަލިސްޓު

މުހައްމަދު ޝަހުޒާން އަކީ ނޫސްވެރިކަމުގެ ހުރިހާ ދާއިރާއެއްގެ ހަބަރުތައް ވެސް ލިޔާ ނޫސްވެރިއެކެވެ. އޭނާ އަކީ ކުރިއަރަމުން އަންނަ ހުނަރުވެރި ފީޗާ ލިޔުންތެރިއެއް ވެސް މެ އެވެ. މަލްޓިމީޑިއާގެ މަސައްކަތަކަށް ވެސް ފަރިތަ އެވެ. އޭނާ ކުރިން މަސައްކަތްކުރީ 'އަދިވެސް' ގައި ލިޔުންތެރިއަކަށެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox