އިންޑިއާގެ ދަ ހިންދޫ ނޫހަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ތާއީދކުރައްވާނެކަން ދޭހަވާ ފަދައިން ވާހަކަދެއްކެވީ މުއިއްޒުއާ މަޝްވަރާކުރުމެއްނެތި ކަމަށް އެމަނިކުފާނުގެ އިންތިގާލީ ތަރުޖުމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެ އެވެ.
އިންތިގާލީ ތަރުޖަމާނު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ފަށްޓަވަމުން ވިދާޅުވީ، ނަޝީދުގެ އެ އިންޓަވިއުގައި އިންތިހާބީ ރައީސާ ހަވާލާ ދެއްވާ އިންޑިއާ ސިފައިންގެ 75 މީހަކު ރާއްޖޭގައި ތިބުމަށް ޑރ. މުއިއްޒު ރުހިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައިވާތީ އެކަމަށް ޖަވާބެއް ދޭން ބޭނުންވާ ކަމަށެވެ.
"އެ ވާހަކަފުޅަކީ އެއްވެސް ހާލެއްގަ އިންތިހާބީ ރައީސާ މަޝްވަރާ ކުރެވިގެން ދެކެވިފައިވާ ވާހަކަތަކެއް ނޫން، އިންތިހާބީ ރައީސްގެ އިންޑިއާ އަދި ކީއްކުރަން އެއްވެސް ގައުމެއްގެ ސިފައިން އެންމެ ބޫޓު ޖޯޑެއްވެސް ދިވެހި ފަސްގަނޑުގައި ހުރުމަށް ދުވަހަކުވެސް ނުރުހެވޭނެއޭ" ފިރުޒުލް ވިދާޅުވި އެވެ.
އަދި، އެއީ ދިވެހިންގެ ނިންމުން ކަމަށާއި އެ ނިންމުމާ ފުށު އަރާގޮތަށް ނަޝީދު ދައްކަވާފައިވާ ވާހަކަތަކާމެދު ހިތާމަކުރާ ކަމަށްވެސް ވިދާޅުވި އެވެ.
ދަހިންދޫ ނޫހަށް ދެއްވި އިންޓަވިއުގައި ނަޝީދު ވިދާޅުވެފައިވަނީ، އިންޑިއާ އެކު ހެދިފައިވާ އެއްބަސްވުންތައް މުއިއްޒު ބަދަލުކުރައްވަން ޖެހޭ ސަބަބެއް ނެތް ކަމަށާއި ރައްޔިތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު ހިތްހަމަ ނުޖެހުނީ އެ އެއްބަސްވުންތައް ސިއްރުކުރުމުން ކަމަށެވެ.

ނަޝީދު ވަނީ އިންތިހާބީ ރައީސް ހުވާކުރައްވާ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށް ދައުވަތު ދޭނެ ކަމަށްވެސް އެ އިންޓަވިއުގައި ނަޝީދު ވިދާޅުވި އެވެ. އެއާއެކު މުއިއްޒުގެ ޓީމުން ވަނީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އަވަށްޓެރި ހުރިހާ ގައުމެއްގެ ވެރިންނަށްވެސް ދައުވަތުދޭނެ ކަމަށް ބުނެފަ އެވެ.
ރިޔާސީ ކެމްޕޭނުގައިވެސް އިދިކޮޅު ލީޑަޝިޕުން އަދި އިންތިހާބީ ރައީސް ވެސް އެންމެ އަޑުހަރުކޮށް ދެއްކެވި ވާހަކައަކީ ރާއްޖެއިން އިންޑިއާ ސިފައިން ބާލާނެ ވާހަކަ އެވެ. އިންތިހާބަށްފަހު، ފުރަތަމަ ބޭއްވި ރަސްމިއްޔާތުގައިވެސް މުއިއްޒު ވިދާޅުވީ އިންތިހާބުގެ ނަތީޖާއިން ދިވެހި ރައްޔިތުން ބައިނަލްއަގުވާމީ މުޖުތަމައަށް ދިން މެސެޖަކީ ގައުމުގެ އަމިއްލަވަންތަކަން ހިފެހެއްޓުމަށް ބޭރުގެ ސިފައިން ރާއްޖޭގައި ތިބެން ދިވެހިން ބޭނުންނުވާކަން ކަމަށެވެ.
"އަޅުގަނޑުމެންގެ އިހުސާސްތަކާ ދެކޮޅަށް، އަޅުގަނޑުމެންގެ ވިލްއާ ދެކޮޅަށް ބޭރުގެ ސިފައިންނަކަށް ނުތިބެވޭނެ، ރައްޔިތުން މި ވަނީ ތިބެން ބޭނުން ނުވާ ކަން ބުނެފައި،" މި ވަގުތު މާލޭގެ މޭޔަރަކަށް ވެސް ހުންނެވި މުއިއްޒު ވިދާޅުވި އެވެ.












