އިހުގެ ކުޅިވަރު: ސިއްރު ވަޅަށް އޮށްލުން

އިހުގެ ކުޅިވަރު: ސިއްރު ވަޅަށް އޮށްލުން

ސިއްރުވަޅަށް އޮށްލުން މިކުޅިވަރަކީ މިހާރު އުވި ގޮސްފައިވާ ކުޑަކުދިންގެ ކުޅިވަރެކެވެ. އަޅުގަނޑު މި ލިޔުން މި ހާއްސަ ކޮށްލަނީ ޓީޗަރުންގެ ދުވަހުގެ ހަދިޔާއެއްގެ ގޮތުން މިހާރު ވެސް ދަސްކޮށްގެން ކުޅެލަން ރަނގަޅު ކުޅިވަރެއް ކަމުގައި ފެންނާތީ އެވެ. މި ކުޅިވަރުގެ ތެރެއިން ދަރިވަރުންނަށް ގިނަ ކަންތައްތަކެއް ދަސްވެގެން ދާތީ އެވެ. ހާއްސަކޮށް އެއް ކުއްޖަކު އަނެއް ކުއްޖަކަށް އިހުތިރާމުކޮށް ގަވާއިދަށް ބޯލެނބުމާއި ރުޅި ކޮންޓުރޯލު ކުރުމާއި ލީޑަރަށް ބޯލަނބާ ކިޔަމަންވުމާއި ހިފައިއޮޅުލުމުގެ ހުނަރު ދަސްވުމެވެ.

އަޅުގަނޑުމެން ކުޑައިރު އީދުގައި އަތިރިމަތީގެ ދޮންވެލިގަނޑުގެ މަތީގައި ކުޅެމުން އައި އެއް ކުޅިވަރަކީ "ސިއްރުވަޅަށް އޮށްލުމެވެ." މިއީ ވަރަށް ފޯރިގަދަ، މެންދުރު ކުރީގެ ކުޅިވަރެކެވެ. މި ކުޅިވަރު ހާއްސަ ކުރެވިފައި އޮންނަނީ އޮޅުލާމަންޑި ނުކުޅެވޭވަރުގެ ކުދިންނަށެވެ. މި ކުޅިވަރުގެ ސަބަބުން އޮޅުލާމަންޑީގެ، އޮޅުލުމުގެ ހުނަރު ލިބިގެން ދެއެވެ.

ސިއްރުވަޅަށް އޮށްލުން ކުޅުމަށްޓަކައި، ކުޅޭ ކުދިން ދެ ގުރޫޕަކަށް ބަހާލަ އެވެ. މި ގޮތަށް ބަހާލުމުގައި ވަރަށް ބޮޑަށް ދެބައި އެއްވަރު ވާނޭ ގޮތް ބަލަންޖެހެ އެވެ. މި ކަމަށްޓަކައި ކުޅިވަރުގެ އިސް ލީޑަރަކު ހުރިހާ ކުދިންވެސް "ވަރުންގެޅުން" (ވަރުން ގެޅުން؛ މިބަސްވަނީ ބޭނުން ކުރުން ހުއްޓި އުވި ގޮސްފަ އެވެ.) ގޮވާލާނެ އެވެ.

ދެން ކޮންމެ ކުއްޖަކުވެސް އެކުއްޖަކާ އެންމެ އެއްވަރު ކުއްޖަކު ބައިވެރިއެއްގެ ގޮތުގައި ނަގާނެ އެވެ. އެއަށްފަހު ކޮންމެ ކުއްޖަކުވެސް އެ ކުއްޖެއްގެ ބައިވެރިޔާ އާއި ކުރިމަތިވާ ގޮތަށް ސަފަކަށް އެތުރިލާނެ އެވެ. މި ގޮތަށް އެތުރޭއިރު ދެ ކުދިންގެ ދޭތެރޭގައި ފޫޓެއްހާ ދުރުމިން ހުންނަންވާނެ އެވެ. ދެން އިސްލީޑަރު ދެބަޔަށް ބަލައިލުމަށް ފަހު ރަނގަޅު ކުރަންޖެހޭނަމަ ކުދިން ބަދަލުކޮށް ދެބައި އެއްވަރު ކޮށްލާނެ އެވެ. އެހާ ހިސާބުން ބައިވެރިޔާ އާއި ވަކިވެ ދެބައި ދެކޮޅަށް ދާން އަންގާނެ އެވެ. ލީޑަރަކަށް ހުރި ކުއްޖާ ވެސް އެކުއްޖެއްގެ ބަޔާ ގުޅޭނެ އެވެ.

މި ކުޅިވަރު ކުޅޭ ސަރަހައްދުގެ ދިގުމިނަކީ ތިރީހަކަށް ސާޅީހަކަށް ފޫޓެވެ. ވަކި ފުޅާމިނެއް ކަނޑައެޅިފައެއް ނޯވެ އެވެ. ކޮންމެ ކޮޅަކުވެސް ނިމޭ ހިސާބުގައި ވަށަމިނުގައި ފޫޓެއް ހުންނަވަރުގެ ހައެއްކަ އިންޗި އަޑިއަށް ވަޅެއް ހަދާ އޮމާންކޮށްފައި ހުންނާނެ އެވެ. ސިއްރުވަޅޭ ކިޔަނީ މިވަޅަށް ނިސްބަތް ކޮށެވެ.

ދެން ދެ ބައިގެ ދެ ލީޑަރުންގެ މެދުގައި ގުރުލައި އެންމެ ފުރަތަމަ ސިއްރުވަޅަށް "އޮށް" ލާންޖެހޭ ބައެއް ބަލާނެ އެވެ. އޮށަކަށް ގެން ގުޅޭނީ ރަނގަޅަށް ހިކިފައި އޮންނަ ގޮބޮޅިއެކެވެ. ހިކި ގޮބޮޅީގައި ހުންނާނީ ކަޅުކުލަ އެވެ. އެހެން ކަމުން ދޮންވެލިގަނޑުގެ ތެރެއިން ފަސޭހައިން ފެންނާނެތީ އެވެ. އަދި ކުޅެން ފެށުމުގެ ކުރިން މި އޮށް ދެބައިގެ ބައިވެރިންނަށް ދައްކާ އެއާ ރުހޭތޯ ވެސް ބަލަން ޖެހޭނެ އެވެ.

ދެން ކޮންމެ ބަޔަކުވެސް އެމީހުންގެ ވަޅު ކައިރިއަށް ގޮސް ވަށް ބުރެއް ހަދާ ޓީމު ރާވާނެ އެވެ. ޓީމު ރޭވުމުގައި އެންމެ ބޮޑަށް ވާހަކަ ދައްކާނީ "އޮށް" ހަވާލު ކުރާނެ ކުއްޖަކާ މެދުގަ އެވެ. އާންމުކޮށް މި އޮށް ދީ އުޅޭނީ އެންމެ ބާރުގަދަ ކުއްޖާ އަށެވެ. ނަމަވެސް އެންމެ ބާރުދެރަ ކުއްޖާ އަތަށްވެސް ދޭނެ އެވެ. މިހެން ހަދަނީ އިދިކޮޅު ބައިގެ މީހުންނަށް އޮޅުވާލުމުގެ ބޭނުމުގަ އެވެ. ސިއްރުން ވަޅަށް ލާން ފަސޭހަ އަކަށެވެ. އިދިކޮޅު މީހުން ވެސް ބޮޑަށް ވިސްނައިގެން ތިބޭނީ އޮށް އޮންނާނީ އެންމެ ބާރުގަދަ މީހާ އަތުގައި ކަމުގަ އެވެ.

ބައި ރަނގަޅަށް ރާވާލާ އޮށް ދޭންވާ ކުއްޖާއަށް ދިނުމަށް ފަހު ބުރުގައި ތިބެފައި ހުރިހާ ކުދިން ވެސް މުށްކަވާފައި ހަށަން ބަނދެލާނެ އެވެ. މުށްކެވި އަތް އޮންނާނީ ކިހިލިފަތް ދޮށަށް ލައިފަ އެވެ. ދެން ހުރިހާ ކުދިން ވެސް ކުޑަކޮށް ކުރިއަށް ޖެހިލައި އަނެއް ބައިގެ ކުރިމަތީގައި ހުރަހަށް ސަފަކަށް އެތުރިލާނެ އެވެ. މި ގޮތަށް އެތުރިލައިގެން ތިބޭނީ ވަރަށް އެއްވަރަކަށެވެ. ވަކި ކުއްޖަކު ކުރިއަކަށް ނުޖެހޭނެ އެވެ. އެއްކުއްޖަކު ވެސް ވާހަކައެއް ނުދައްކާނެ އެވެ.

ދެން އަނެއް ކޮޅުގައި ތިބި މީހުން ތައްޔާރުވެ، ބާރުގަދަ އެކަކު ވަޅު ކައިރީގައި ހުރެފައި އެހެން ކުދިން އެ ކުއްޖެއްގެ ބައިވެރިޔާއާ ދިމާއަށް ހިނގައި ގަންނާނެ އެވެ. އެ ހިސާބުން އަނެއް ބައިގެ ކުދިންވެސް އެތިބި ގޮތަށް ތިބެ މަޑުމަޑުން ކުރިއަށް ޖެހޭނެ އެވެ. ކުރިއަށް ޖެހެމުން އައިސް ދެބައި ބައްދަލު ވާނީ މައިދާނުގެ މެދުންނެވެ. ދެން އެ ކުއްޖެއްގެ ބައިވެރިޔާ އަތުގައި އޮށް އޮތްތޯ ޗެކުކުރަންވީ އެވެ. އޭރުވެސް އޮށް އޮތް ގުރޫޕުގެ ކުދިން ތިބޭނީ ހަށަން ބަނދެގެންނެވެ. އެކަމަކު ނުދައްކަން މަސައްކަތް ކުރާނެ އެވެ. އަދި ވަޅާއި ދިމާއަށް ދާން މަސައްކަތް ކުރާނެ އެވެ. އެ ހިސާބުން ހިފައިގަނެ ބައްދާ ވައްޓާލައި، މުށުތެރޭގައި އޮށް އޮތްތޯ ބަލަން ޖެހޭނެވެ. އޮށް ނެތްނަމަ ޖެހޭނީ އެ ކުއްޖާ އެހެން ތަނަކަށް ދިޔަނުދީ ހިފަހައްޓާށެވެ. އޮށް އޮތްނަމަ އެހެން ކުދިންނަށް ގޮވާ އޮށް އޮތް ވާހަކަ ބުނަން ޖެހޭނެ އެވެ.

މިހާ ހިސާބުން އޮށް އޮތްތޯ ބަލަން އޮޅުލަން ތިބި ކުދިން އެ ކުދިން ދޫކޮށް އޮށް އޮތް ކުއްޖާގެ ގާތަށް ދާން މަސައްކަތް ފަށާނެއެވެ. އެހިސާބުން އަނެއް ކުއްޖާ އެ ތަނަށް ދިޔަނުދީ ހިފަހައްޓާނެ އެވެ. ދިޔަޔަސް އެ ކުއްޖަކު އޮށް އޮތް ކުއްޖާގެ ގާތުން ދުރު ކުރުމަކީ ބައިވެރިޔާގެ ކަމެކެވެ. އަދި ހަމަ އޮށް އޮތް ކުއްޖާގެ ގާތުން ކުދިން ދުރުކޮށް ވަޅު ކައިރިއަށް އޭނާއަށް ދެވޭނެ ގޮތް ވެސް ހަދަން ޖެހޭނެ އެވެ. ކޮންމެ ގޮތަކުން ވެސް ގެންގޮސް ވަޅަށް އޮށް ލެވިއްޖެނަމަ އެ ގުރޫޕް މޮޅުވެ ޕޮއިންޓެއް ލިބުނީ އެވެ. ކުޅުމުގެ (އޮށް ފޮރުވުމުގެ ފުރުސަތު) ލިބޭނީ ސިއްރު ވަޅަށް އޮށްލާ ގުރޫޕަކަށެވެ.

އަނެއް ގުރޫޕުން އޮށް އަތުލެވިއްޖެނަމަ އެމީހުން ވެސް ބަލާނީ އިދިކޮޅު ބައިގެ ވަޅަށް އޮށްލެވޭތޯ އެވެ. އޮށް ހިފަހައްޓަމުން ގޮސް ކެތްނުވާވަރުވުމުން ނުވަތަ އޮޅުވާލުމުގެގޮތުން ވެސް ދޭތެރެ ދޭތެރެއިން ބައި ކުއްޖަކަށް އޮށް ބަދަލުކުރެ އެވެ. ނަމަވެސް އޮށް ބަދަލު ކުރުމަކީ އުނދަގޫ ކަމެކެވެ. އެއީ ކުދިންތައް ބޮނޑިވެފައި އޮންނައިރު އަތްތައް ގިނަކަމުން ނުބައި ކުއްޖާއަށް ވެސް އޮށް ދެވޭތީ އެވެ.

މި ކުޅިވަރަކީ ޅައިރުގެ ކުޅިވަރުތަކުގެ ތެރެއިން އެންމެ ހަނދާންވާ އެއް ކުޅިވަރެވެ. ރަށުގެ ހިތްގައިމު ދޮންވެލި އަތިރިމަތީގައި ހުސްގަޔާ ފޫގަޅައިގެން ކުޅެނީ ތަންތަން މަށައިގެންގޮސް ދިލަނުނަގާތީއެއް ނޫނެވެ. އަޅުގަނޑުމެން މި ކުޅިވަރު ކުޅެން ތިބޭއިރު އެއް ތަރުތީބަކުން ހައްދާފައި ހުރި ރުއްފަލުގައި މަންމަމެން ފަންކުޅެން ފޯރި ނަގާފައި ދުވާނެ އެވެ. އޮޅުލާމަންޑިއަށް މަރުދޭ ފިރިހެން ވެރިން ބަނޑު މުސާރައަށް ބެއްދުމުގެ ހުނަރުވެރިކަން ދައްކަމުން ދާއިރު، ކުޅިވަރު ނުކުޅެވޭވަރުގެ ދުވަސްވީ މީހުން ހޮޅުއަށީގެ ފިނި ހިޔަލުގައި ކުޅިވަރު ކުޅޭތަން ބަލަން ތިބޭނެ އެވެ. މިހާރުވެސް އީދު އާދެ އެވެ. ނަމަވެސް އެ އަތިރިމައްޗެއް އެ ދޮންވެލިގަނޑެއް އެ ހޮޅުއަށިތަކެއް އެރުއްފަލެއް ނެތެވެ. އީދެއް އައިސް ނިމިގެންދާއިރު އެ އުފާވެރިކަމެއް އެ އެކުވެރިކަމެއް އަތިރިމަތިން ވެސް ރަށުތެރެއިން ވެސް ނުފެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"އެވެޓާ"ގެ އާ ސީރީޒް އިއުލާންކޮށްފި

މަގުބޫލު "އެވެޓާ" ފްރެންޗައިޒްގެ އާ އެނިމޭޓެޑް ސީރީޒް "އެވެޓާ ކުރުކް: ވޭވް އޮފް ކޭއޯސް" ނިއުޔޯކް ކޮމިކް ކޮންގައި ވަނީ އިއުލާންކޮށްފަ އެވެ. ޕެރަމައުންޓް ޕްލަސް އިން ދެއްކުމަށް ހަމަޖެހިފައިވާ މި ސީރީޒްގައި ފެންނާނީ ގުދުރަތީ ބާރުތައް ކޮންޓްރޯލްކުރާ ނުކިޔަމަންތެރި ފުރާވަރުގެ އެވެޓާއެއްގެ ވާހަކައެވެ.

ވައިލެޓްގެ ލޯބީގެ ވާހަކަ ގެނެސްދޭން "ބްރިޖަޓަން"ގެ ސީރީޒެއް

މަޝްހޫރު "ބްރިޖަޓަން" ސީރީޒްގެ ވައިލެޓް ބްރިޖަޓަންގެ ޒުވާން ދުވަސްވަރާއި އޭނާގެ ލޯބީގެ ވާހަކައަށް ބިނާކޮށް އާ ސްޕިން-އޮފް ސީރީޒްއެއް އުފެއްދުމުގެ މަސައްކަތް ނެޓްފްލިކްސް އިން ވަނީ ފަށާފައެވެ. ޝޮންޑާ ރައިމްސް ޕްރޮޑިއުސްކުރާ މި ލިމިޓެޑް ސީރީޒްގައި ފެނިގެންދާނީ ވައިލެޓް އާއި އެޑްމަންޑް ބްރިޖަޓަންގެ ގުޅުމުގެ ވާހަކަތަކެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކަކޮޅުން ފެންނަނީ އިވާން އާއި މައިރާ ބެލްކަނީގައި ތިބެގެން ލީން އާއި ނަދާލްގެ ވާހަކަ ދައްކާ މަންޒަރެވެ. އިވާންގެ މަޑުމައިތިރިކަމާއި ގާތްކަމުގެ ސަބަބުން މައިރާއަށް އުފާވެރި އިހުސާސްތަކެއް ކުރެވުނުއިރު، އެމީހުންގެ މެދުގައި ބަދަލުކުރެވުނީ ރަހުމަތްތެރިކަމުގެ އާދައިގެ ވާހަކަތަކެކެވެ.

194 އަހަރުވީ "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރު ހޯދައިފި

ދުނިޔޭގެ އެންމެ ދުވަސްވީ އެއްގަމު ޖަނަވާރު "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރަކީ އޭގެ ޖެނެޓިކް ސިފަތަކާއި ސެލްތައް ޒުވާންކަންމަތީ ދެމެހެއްޓުމުގެ ގާބިލުކަން ކަމަށް ސައިންސްވެރިން ހާމަކޮށްފިއެވެ. ދިރާސާތަކުން ދައްކާގޮތުގައި 194 އަހަރުވީ މި ކަހަނބުގެ ޑީއެންއޭ މަރާމާތުކުރުމާއި ހަށިގަނޑުގެ މުހިންމު ނިޒާމުތަކަށް އައިސްފައިވާ ބަދަލުތަކަކީ އޭތި އާދަޔާ ހިލާފަށް ގިނަ ދުވަހު ދިރިހުރުމަށް އެހީތެރިވާ މައިގަނޑު ސަބަބުތަކެވެ.

ބޮމުގެ އިންޒާރަކާ ގުޅިގެން ކޮންސެޓް ކުއްލި ގޮތަކަށް ކެންސަލް

އެމެރިކާގެ ކަންޓްރީ މިއުޒިކް ތަރި އެލާ ލެންގްލީ، އޮކްލަހޯމާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ކޮންސެޓެއް ބޮމުގެ އިންޒާރަކާ ގުޅިގެން ކުއްލި ގޮތަކަށް ކެންސަލްކޮށްފިއެވެ. މި ފިޔަވަޅު އެޅީ ސަޕޯޓަރުންނާއި މުވައްޒަފުންގެ ސަލާމަތަށްޓަކައި ކަމަށް އޭނާ ބުނެފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިނބިއްސެއްގެ ބާރުމިން: ހީކުރާ ވަރަށް ވުރެ މާ ބާރުގަދަ!

ކިނބިއްސަކީ ނޭވާލާ ނިޒާމަށް ވަންނަ ބޭރުގެ މާއްދާތަކުން ހަށިގަނޑު ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރާ ބާރުގަދަ ނިޒާމެކެވެ. ކިނބިއްސެއްގެ އަޑު ގާތްގަނޑަކަށް 90 ޑެސިބެލްއަށް އަރާއިރު، އޭގެ ވައިގެ ދުވެލި ގަޑިއަކު 100 މޭލުގެ ބާރުމިނުގައި ހުރެ، އޭގެން ބޭރުވާ ފެންތިކިތައް 26 ފޫޓު ދުރަށް ދަތުރުކުރެއެވެ.

އެއްވަނަ ލިބުނީ އޭއައި ވީޑިއޯއަކަށް ކަން ފަޅައިއަރައިފި

ނިކޮންގެ 'ސްމޯލް ވޯލްޑް އިން މޯޝަން' މުބާރާތުން އެއްވަނަ ހޯދި ވީޑިއޯއަކީ ޖެނެރޭޓިވް އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެއްކަން ފަޅާއެރުމުން، އެ ފަރާތް މުބާރާތުން ވަނީ ޑިސްކޮލިފައިކޮށްފައެވެ. ސައިންޓިސްޓުންތަކެއް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ހިންގި ތަހުގީގަށްފަހު ނިކޮންއިން މި ނިންމުން ނިންމީ، މުބާރާތަށް ހުށަހަޅާ އުފެއްދުންތަކުގައި އޭއައި ބޭނުންކުރުމަކީ ގަވާއިދާ ހިލާފު ކަމަކަށް ވާތީއެވެ.

Newsletter

Get the latest news delivered straight to your inbox